އިރާޤުގެ ކާރޫބާރުބޮޑު މާރުކޭޓަކަށް ދިން ކާރު ބޮމުގެ ހަމަލާއެއްގައި ސަތޭކައަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ.މުސްލިމުން ބަރަކާތްތެރި ފިޠުރު ޢީދު ދުވަހު އިރާޤުގެ ވެރިރަށް ބަޣްދާދުގެ އިރު އުތުރުން ތިރީސް ކިލޯމީޓަރު ދުރުގައި އޮންނަ ޚާން ބަނީ ސާދަށް ދިން މި ހަމަލާ ދީފައިވަނީ ބަރަކާތްތެރި ރަމަޟާން މަހުގެ އަޅުކަމަށްފަހު މުސްލިމުންނާއި ބައްދަލުކުރާ ފިޠުރު ޢީދުގެ އުފާ ފާޅުކުރުމަށް ތައްޔާރުވަމުންދިޔަ ވަގުތެއްގައެވެ.މިހަމަލާގެ ޒިންމާ އައިއެސް ޖަމާއަތުން އުފުލާފައިވާއިރު އެޖަމާއަތުން ބުނީ މިހަމަލާ ދީފައިވަނީ ޚާން ބަނީ ސާދުގައި ދިރިއުޅޭ ޝީޢީ މުސްލިމުންނަށް ނިސްބަތްކޮށް ކަމަށެވެ.މިހަމަލާ ދިނުމާއެކު އެސަރަހައްދުގެ ބައެއް އިމާރާތްތައް ވެއްޓި އިމާރާތްތަކުގެ ބައިތަކުގެ ދަށުވެ އެތައް ބަޔަކު މަރުވެފައިވާ ކަމަށް ފުލުހުންނާއި ސިއްހީ ހިދުމަތްދޭ ފަރާތްތަކުން ހާމަކުރެއެވެ.