އޭއެފްސީ ކަޕަށް ތައްޔާރުވުމަށް ރާއްޖޭގޭ ޓީސީ ސްޕޯޓްސް ކްލަބް ޓްރެއިނިންގ ކޭމްޕަކަށް ގަތަރަށް ފުރައިފިއެވެ.
ޓީސީ ސްޕޯޓްސް ކްލަބްއިން ގަތަރުގައި މި ކުރާ ކޭމްޕަކީ 10 ދުވަހުގެ ޓްރެއިނިންގ ކޭމްޕެކެއެވެ. ޓީސީއިން ގަތަރުގައި މި ކުރާ ކޭމްޕަކީ އެފްއޭއެމްގެ އެހީތެރިކަމާއެކު ކުރާ ކޭމްޕެކެއެވެ. މީގެކުރިން ސައުދީގައިވެސް ޓީސީ ވަނީ ކޭމްޕްކޮށްފައެވެ.
މިއަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ސީދާ ޖާގައެއް ލިބުނު ޓީސީ ސްޕޯޓްސް ކްލަބް އޮތީ ގްރޫޕް އީގައެވެ. މި ގްރޫޕްގައި ޓީސީ އާއެކު ދެން ހިމެނޭ ޓީމުތަކަކީ ބަންގްލަދޭޝްގެ ބަޝަންދުރަ ކިންގްސް އާއި އިންޑީއާގެ ޗެންނާއި ސިޓީއެވެ. މި ގްރޫޕަށް ދެން އިތުރުވާނެ ޓީމަކީ ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ނުވަތަ އިންޑީއާގެ ބެންގަލޫރް އެފްސީއެވެ. އެގޮތުން އޭއެފްސީ ކަޕްގެ ޕްލޭ އޮފް ބުރުގައި މާޒިޔާއާއި ބެންގަލޫރް އެފްސީ ވާދަކުރާ މެޗުން މޮޅުވާ ޓީމެއް ގްރޫޕް ސްޓޭޖަށް ކޮލިފައިވާނެއެވެ.
ޓްރެއިނިންގ ކޭމްޕަށް ފުރުމުގެ ކުރިން ޕީއެސްއެމް ސްޕޯޓްސް އާއި ވާހަކަ ދައްކަމުން ޓީސީގެ ކޯޗު މުހައްމަދު ޝާޒްލީ ބުނީ، އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ޓީސީ ވާދަކުރަން ޖެހޭ ޓީމުތަކަކީ ވަރުގަަދަ ޓީމުތަކެއްކަމަށާއި، އެހެންކަމުން މި މެޗުތަކަށް ތައްޔާރުވުމަށް ޓްރެއިނިިންގ ކޭމްޕެއް ވަރަށް މުހިއްމުކަމަށެވެ. ޝާޒްލީ ބުނީ މުޅި ޓީމު އެއްތާކު ތިބެ ޓްރެއިނިިންގތައް ކުރިޔަށް ގެންދިޔުމަކީ ވަރަށް މުހިއްމުކަމެއްކަމަށާއި، މުބާރާތައް ތައްޔާރުވެވެން އޮތް އެންމެ ރަނގަޅަކަށް އެކަންތައްތައް ކުރިޔަށްގެންދަން ޓީސީގެ މެނޭޖްމަންޓުން ބަލާނެކަމަށެވެ.
"މީގަ ދެން ލީގުގަ ވަރަށް ގިނަ މެޗުތައް ކުޅެވިއްޖެ. ނަތީޖާވެސް ރަނގަޅުކޮށް މިއިނީ ޓީސީއަށް. އެހެންނަމަވެސް އޭއެފްސީ ކަޕުގައި ގްރޫޕް ސްޓޭޖަކީ ވަރަށް ޓަފް ހިސާބަކަށް ވަނީ. އެހެންވީމަ ގްރޫޕް ސްޓޭޖަށް ޓީމު ތައްޔާރުވާއިރުގައި ޓީމު ވޯކް ރަނގަޅު ކުރުމާއި ޓެކްޓިކްސް ރަނގަޅު ކުރުން. ދެން ޓީމު އެއްތާކު ތިބެގެން ޕްރެކްޓިސް ކުރުން އެއީ ވަރަށް މުހިއްމު ކަމެއް ކަންނޭންގެ މި ކަހަލަ ބޮޑު މުބާރާތަކަށް ދާއިރު." ޓީސީގެ ކޯޗު ޝާޒްލީ ބުންޏެވެ.
ޓީސީގެ ކެޕްޓަން އަޙުމަދު ފައްރާހް ބުނީ، ޓީސީ އޮތީ ވަރަށް ވަރުގަދަ ގްރޫޕެއްގައި ކަމަށާއި ދެން މި ގްރޫޕަށް އަންނަ މި އޮތް މާޒިޔާ އާއި ބެންގަލޫރު އެފްސީ އަކީވެސް ވަރުގަދަ ޓީމެއްކަމަށެވެ. ފައްރާހް ބުނީ މުބާރާތުގެ ކުރިން މި ލިބުނު ޓްރެއިނިންގ ކޭމްޕަކީ ކުޅުންތެރިންނަށް ލިބުނު އިތުރު ތަޖުރިބާއެއްކަމަށެވެ.
"ޓީސީ އޮތް ގްރޫޕް ފުދޭ ވަރަކަށް ވަރުގަދަކޮށް މި ފެންނަނީ. ދެން މި ގްރޫޕަށް އަންނަ މި އޮތް ދެ ޓީމު މާޒިޔާ ނުވަތަ ބެންގްލޫރް އެފްސީ އަކީވެސް ވަރުގަދަ 2 ޓީމު. ޓީސީ އަށް މި ޓްރެއިނިނިް ކޭމްޕް ލިބުމަކީ ވަރަށް މުހިއްމު ކަމެއް. މުހިއްމު ތަޖުރިބާއަކަށް ވާނެ. ދެން މުބާރާތުގައި ދެވަނަ ބުރަށް ދިއުން ޓާގެޓަކީ." ޓީސީގެ ކެޕްޓަން ފައްރާހް ބުންޏެވެ.
އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ޓީސީ ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހު 12 ވަނަ ދުވަހު ކުޅޭނީ ރަށުން ބޭރުގައި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސްއާ އެވެ.