ރާއްޖޭގެ ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދާ ޝަރީއަތުގެ މަޖިލިސްތަކުގެ އޯޑިއޯ ރެކޯޑިން އެ ކޯޓުން އާއްމު ކުރަން ފަށައިފިއެވެ.
މިރެއިން ފެށިގެން އެކަން ކުރައްވަން ފެއްޓެވިކަން އިޢުލާން ކުރެއްވީ މިއަހަރަށް ރާއްޖޭގެ ޝަރުއީ ކޯޓުތަކުގެ މަސައްކަތްތައް ފެށުމަށް ބޭއްވި ހަފްލާގައި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނެވެ.
ރާއްޖޭގެ ކޯޓުތަކުގައި ހިނގާ ޝަރީއަތްތަކުގެ އޯޑިއޯ ރެކޯޑިން މީގެ ކުރިން ކޯޓުތަކުން އާއްމެއް ނުކުރެއެވެ. އަދި ޝަރީޢަތުގެ އަޑުއެހުންތަކަށް ވަންނަ ނޫސްވެރިންނަށްވެސް، ރެކޯޑްކުރެވޭނެ އެއްވެސް ވަސީލަތެއް ކޯޓުތަކަށް ވެއްދުމަކީވެސް މަނާކަމެކެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ ސުޕްރީމް ކޯޓުގައި ހިނގާ ޝަރީޢަތްތައް ލައިވްކުރުމާއި ޝަރީޢަތްތަކުގެ އަޑުއެހުންތައް ކުރިއަށްދާއިރު އާއްމުންނަށް ވަދެވޭނެ އިންތިޒާމްތައް ހަމަ ޖައްސަވާނެ ކަމަށެވެ.
މިހަފްލާގައި ވާހަކަފުޅުދައްކަވަމުން އުއްތަމަ ފަނޑިޔާރު ވަނީ ނުފޫޒުގައި ނުޖެހި މައްސަލަތައް ކުރިއަށްގެންދަވާނެ ކަމުގެ ޔަގީކަން އަރުވާފައެވެ.
އަދި މާޒީގައި ލިބުނު ނުތަނަވަސްކަން ތަކުރާރުވިޔަ ނުދިނުމަށް ޝަރުޢީދާއިރާގެ ކަންކަން ބައްޓަން ކުރައްވާނެ ކަމަށްވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. މީގެ އިތުރުން ރާއްޖޭގެ ޝަރުއީ ނިޒާމާމެދު ރައްޔިތުންގެ އިތުބާރު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަން ފައްޓަވާނެ ކަންވެސް އެމަނިކުފާނުވަނީ ހާމަކުރައްވާފައެވެ.