ވިޔަފާރި

ޖަޕާނުގެ އިޤްތިޞާދު ހީނަރުކަމަކާ ދިމާލަށް!


ޖަޕާނުގެ އިޤްތިޞާދީ ދުވެލި މަޑުޖެހި، އެޤައުމުގެ އިޤްތިޞާދަށް ހީނަރުކަމެއް ކުރިމަތިވެދާނެކަމުގެ ބިރު ހީވެއްޖެއެވެ.

ޖަޕާނުގެ ކަމާބެހޭ އިދާރާތަކުން ބުނީ ނިމުނު ކުއާޓަރުގައި އެޤައުމުގެ އިޤްތިޞާދު ދަށަށް ގޮސްފައިވަނީ މިދިޔަ 6 އަހަރު ދުވަހުގެ ތެރޭގައިވެސް އިޤްތިޞާދު ދަށަށް ނުދާ މިންވަރަކަށްކަމަށެވެ. މިގޮތުން ނިމުނު ކުއާޓަރުގައި ދުނިޔޭގެ 3 ވަނައަށް އެންމެ ބޮޑު އިޤްތިޞާދުކަމަށްވާ ޖަޕާނުގެ ޖީޑީޕީ 6.3 އިންސައްތަ ދަށަށް ގޮސްފައިވާކަމަށް ޖަޕާނުގެ ކަމާބެހޭ އިދާރާތަކުން ބުނެއެވެ. އަދި މިހާރު ފެތުރެމުންދާ ކްރޯނާވައިރަސްގެ ސަބަބުން ކުރިމަތިވަމުންދާ ގެއްލުމާއެކު، މިހާރު ހިނގަމުންދާ މިއަހަރު ފުރަތަމަ ކުއާޓަރުގައިވެސް ޖަޕަނުގެ ޖީޑީޕީ ދަނީ ދަށަށްކަމަށް ތަޖުރިބާކާރުން ބުނެއެވެ.

މިދިޔަ ކުއާޓަރުގައި ޖަޕާނުގެ އިޤްތިޞާދު ހީނަރުވުމުގެ މައިގަނޑު ސަބަބަކީ ވިޔަފާރިތަކުން ނަގާ ސޭލްސް ޓެކްސް އިތުރުކުރުންކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އެގޮތުން 8 ޕަސަންޓުން 10 ޕަސަންޓަށް ސޭލްސް ޓެކްސް ބޮޑުކުރުމާއެކު އެޤައުމުގެ ކޮންޒިއުމަރ ސްޕެންޑިންގ 2.9 އިންސައްތަ ދަށަށް ދިޔައިރު، ކެޕިޓަލް ސްޕެންޑިންގ ވަނީ 3.7 އިންސައްތަ ދަށަށް ގޮސްފައެވެ. އަދި ޗައިނާއާއި އެމެރިކާގެ ފިޔަފާރީގެ ހަނގުރާމައިން ކުރި އަސަރުތަކުން ޖަޕާނުގެ އެކްސްޕޯޓްވެސް ވަނީ މިދިޔަ ކުއާޓަރުގައި 0.1 އިންސައްތަ ދަށަށް ގޮސްފައެވެ. ހަމައެއާއެކު އެ ދުވަސްވަރު ޖަޕާނަށް ކުރިމަތިވި ނުރައްކާތެރި ތޫފާނާއެކު ގިނަ ސަރަޙައްދުތަކަކަށް ގެއްލުންވެ، އިޤްތިޞާދަށް އިތުރު ހީނަރުކަމެއް ކުރިމަތިވިއެވެ.

ޖަޕާނުގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ހީނަރުކަމާއެކު އިންވެސްޓަރުން މިހާރު ބަލަމުންދަނީ އިޤްތިޞާދީ ހީނަރުކަމުން އެޤައުމުން އަރައިގަނެވިދާނެތޯއެވެ. ކޮރޯނާ ވައިރަސްގެ ސަބަބުން ޗައިނާގެ ފެކްޓަރީތައް ބަންދުކުރުމުން ޖަޕާނުގެ ބައެއް ކުންފުނިތަކަށް ބޭނުންވާ ތަކެތި ލިބުމުގައި ދަތިތައް ކުރިމަތިވެފައިވާއިރު، ޗައިނާއިން ޒިޔާރަތްކުރާ ފަތުވެރިންގެ އަދަދު މަދުވުމަކީވެސް ޖަޕާނުގެ އިޤްތިޞާދަށް އޮތް ގޮންޖެހުމެއްކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ޖަޕާނުގެ އިޤްތިޞާދަށް ކުރިމަތިވަމުންދާ މައްސަލަތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެޤައުމުގެ މާލީ ވަޒީރު ވިދާޅުވީ، ކޮރޯނާ ވައިރަސްގެ ސަބަބުން އެޤައުމުގެ އިޤްތިޞާދާއި ފަތުރުވެރިކަމަށް ކޮށްފާނެ އަސަރުތަކަކަށް ތައްޔާރުވުމަށް ފިޔަވަޅުތަކެއް އަޅާފައިވާކަމަށެވެ. އެގޮތުން ސޭލްސް ޓެކްސްގެ ސަބަބުން ކުރިމަތިވި ގެއްލުންތައް ކުޑަކޮށް، އިޤްތިޞާދީ ހަރަކާތްތައް އިތުރުކުރުމަށް އެޤައުމުގެ ބޮޑުވަޒީރު ވަނީ މިދިޔަ ޑިސެމްބަރުމަހު 120 ބިލިއަން ޑޮލަރު ހަމަޖައްސާފައެވެ.