ޚަބަރު

އެމްޑީޕީން ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ލޯންޗުކޮށްފި


އަންނަ އޭޕްރިލް މަހު ބާއްވާ ކައުންސިލް އިންތިޚާބުގެ އެމްޑީޕީ ކެމްޕެއިން ލޯންޗް ކޮށްފިއެވެ. މި ކެމްޕެއިން ލޯންޗްކުރީ މިރޭ މުޅި ރާއްޖޭގައި އެއް ވަގުތެއްގައި އެވެ.

މާލޭގައި މި ކެމްޕެއިން ލޯންޗް ކުރުމަށް ބޭއްވި ޖަލްސާ އޮތީ ކާނިވާ ސަރައްދުގައެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އެންމެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ބައިވެރިވަޑައިގެންނެވިއެވެ.

ކެމްޕެއިން ލޯންޗްކުރުމަށް ބޭއްވި ޖަލްސާގައި އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ މި އިންތިހާބު އެެ ޕާޓީން ބޮޑު އަޣްލަބިއްޔަތަކުން ކާމިޔާބު ކުރައްވާނެކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުން ބަދަލުކޮށްދޭނެ ނިޒާމެއް ކަމަށާ، އެ ނިޒާމް ގެނައުމަށް އެމްޑީޕީން ގިނަ މަސައްކަތްތަކެއް ކުރި ކަމަށެވެ.

"ލާމަރުކަޒީ ނިޒާމަކީ ހެދި ފޯދުމަށް ދޫކޮށްލާ ނިޒާމް. ދިވެހިންނަށް ހޯދުމަށް ގަދަ އަޅާ އެމްޑީޕީން މަސައްކަތްކުރި އެ ނިޒާމް މިއަދު ދިވެހިނަށް މި ލިބެނީ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަނީ މި އިންތިޚާބުގައި އިދިކޮޅު ޕާޓީތަކުގެ ކެނޑިޑޭޓުންނަށް ވޯޓުލާންޖެހޭ ސަބަބެއް ނެތްކަމަށް ވިދާޅުވެ އިދިކޮޅު މައި ޕާޓީއަށް ފާޑު ވިދާޅުވެފައެވެ.

"އެންމެ ކުޑަ އުޖޫރަ ވެސް ދޭނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ސަރުކާރުގައި، ސަރވިސް ޗާރޖްވެސް އެންމެ ރަނގަޅަށް ދޭނީ ވެސް ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތަކާއި މަރުގެ މައްސަލަތައް މި ސަރުކާރުން ބަލާނެ ކަމަށްވެސް ވިދާޅުވެފައެވެ.

ކައުންސިލް އިންތިހާބުގެ ކެމްޕެއިން ލޯންޗްކުރުމަށް ރަށްރަށުގައި ބޭއްވި ޖަލްސާތަކުގައި ކައުންސިލް އިންތިހާބުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު އެމްޑީޕީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި ޕާޓީގެ ޤައުމީ މަޖިލީހުގެ މެމްބަރުން ވަނީ ބައިވެވަޑައިގެންފައެވެ. މި ޖަލްސާތަކުގައި އެމްޑީޕީގެ ފަރާތުން ކުރިމަތިލާ ކެނޑިޑޭޓުން ވަނީ ލާމަރުކަޒީ ނިޒާމްގެ ފިކުރަކީ އެމްޑީޕީގެ ފިކުރެއް ކަމަށްބުނެ އެ ޕާޓީގެ ކެނޑިޑޭޓުނަށް ވޯޓުދޭން ގޮވާލާފައެވެ.

މިއީ މި އަހަރު ބާއްވާ ކައުންސިލް އިންތިހާބު ލޯންޗް ކުރުމަށް ސިޔާސީ ޕާޓީއަކުން ބޭއްވި ފުރަތަމަ ހަރަކާތެވެ.