ލިވަޕޫލްގެ މިހާރުގެ ޓީމަކީ ވަރަށް މޮޅު ޓީމެއް ކަމަށާއި މިހާރުގެ ޓީމުން އޭނާ ކުޅުނުއޮތް ލިވަޕޫލް ޓީމަށް ކުޅުންތެރިއަކު ނަގާނަމަ އެކުޅުންތެރިއަކަށްވާނީ ފޯވަޑް މުހައްމަދު ސަލާހް ކަމަށް ޑިފެންޑަރު ޑެނިއަލް އެގާ ބުނެފި އެވެ.
އޭނާ މިހެން ބުނީ ލިވަޕޫލްގެ ސަޕޯޓަރުންގެ ދައުވަތަކަށް ރާއްޖެ އައިސް އިއްޔެ ސޯލްޓް ކެޕޭގައި ވާހަކަ ދައްކަމުންނެވެ.
ލިވަޕޫލަށް 9 އަހަރު ކުޅުނު ޑެންމާކުގެ ކުރީގެ ކެޕްޓަން ބުނީ ލިވަޕޫލަކީ އޭނާގެ ހިތުގައި ހާއްސަ ގަދަރެއް ދެވިފައިވާ ކުލަބެއް ކަމަށާއި މިހާޜުގެ ލިވަޕޫލް ޓީމުގައި ގޯލްކީޕަރު އަލިސަން ބެކާ ވެސް ދައްކަނީ މޮޅު ކުޅުމެއް ކަމަށެވެ. އަދި ރާއްޖެ އަންނަން ދައުވަތު ލިބުމުން އެކަމާ ވަރަށް އުފާކުރާ ކަމަށާއި ރާއްޖޭގައި ތިބި ލިވަޕޫލްގެ ސަޕޯޓަރުންނާ ބައްދަލުކޮށްލަން ފުރުސަތު ލިބުމުން އުފާކުރާ ކަމަށެވެ.
އޭނާ ބުނީ ލިވަޕޫލަށް 30 އަހަރަށްފަހު ޕްރެމިއާ ލީގު ލިބޭތީވެ އުފާކުރާ ކަމަށާއި މިހާރުގެ ކެޕްޓަން ޖޯޑަން ހެންޑަސަނާމެދު ވެސް އުފާކުރާ ކަމަށެވެ.
"އަހަރެންގެ ޓީމް މޭޓް ހެންޑަސަން ލިވަޕޫލްގައި އެހޯދަނީ ވަރަށް ހާއްސަ ކާމިޔާބީތަކެއް. އޭނާ ލިވަޕޫލްގެ ކެޕްޓަންކަން އެކުރަނީ އެންމެ ދަށުން ފަށައިގެން އައިސް އެންމެ ސީނިއާ ކުޅުންތެރިޔާގެ ގޮތުގައި ހުރެ. އަހަރެން އެކަމާ އުފާކުރަން. ލިވަޕޫލްގެ އެންމެ ވަރުގަދަ ޑިޕާޓްމަންޓަކީ ފޯވަޑް ލައިން. އޭގެ ތެރެއިން އަހަރެން ކުޅުނުއިރު ޓީމަށް ގެންދާނަމަ ގެންދާނީ ސަލާހް،" އެގާ ބުންޏެވެ.
ލިވަޕޫލްގެ ސަޕޯޓަރުން ވަނީ އެގާ ރާއްޖެއައުން ފާހަގަ ކުރުމުގެ ގޮތުން ބޮޑުބެރާއެކު ރޭ ހާއްސަ ހަރަކާތްތަކެއް ސޯލްޓް ކެޕޭފައި ކުރިއަށް ގެންގޮސްފަ އެވެ.