ކުޅިވަރު

ކުޅުންތެރިން ނެތް ކަމަށް ބުނެ ބާސެލޯނާ ކުޅުންތެރިންގެ ނުރުހުން މެނޭޖްމަންޓަށް!


ބާސެލޯނާގެ ސްކޮޑްގައި ކުޅުންތެރިން ތިބި އަދަދު މަދު ކަމަށްބުނެ ސީނިއާ ކުޅުންތެރިން އެކުލަބުގެ މެނޭޖްމަންޓަށް ނުރުހުން ފާޅުކޮށްފި އެވެ.

ޗެމްޕިއަންސް ލީގުގައި ރޭ އިޓަލީގެ ނަޕޯލީ އަތުން 1-1އިން އެއްވަރުވި މެޗަށްފަހު މިފަދައިން ވާހަކަ ދެއްކީ ސާޖިއޯ ބުސްކެޓްސް އާއި އިވާން ރަކިޓިޗެވެ. އެއީ އަމިއްލަ ދަނޑުގައި ނަޕޯލީއާއެކު ކުޅެން ޖެހޭ މެޗަށް ބުސްކެޓްސް އާއި އަރްތޫރޯ ވިދާލް ސަސްޕެންޑްވުމާއި އަނިޔާގެ ސަބަބުން ޑިފެންޑަރު ޖެރާޑް ޕީކޭ އަށް އެ މެޗުގައި ކުޅެވޭނެ ކަމުގެ ޔަގީންކަން ނެތުމުންނެވެ.

"އަހަރުމެން ސްކޮޑް އެހާ ބޮޑެއްނޫން. އެކަމަކު ތިބި ބަޔަކާއެކު އަހަރުމެން ޖެހޭނީ މި މެޗާ ކުރިމަތިލާން. އަހަރުމެންގެ ސްކޮޑްގައި ކުޅުންތެރިން މަދުކަން އެނގެންޖެހޭ ފަރާތަކަށް އެނގޭނެ. އެކަމަކު އަހަރުމެން ނުކުންނާނީ ތިބި ބަޔަކާއެކު މޮޅުވާން،" ރަކިޓިޗް ބުންޏެވެ.

ދެ ރީނދޫ ކާޑު ހަމަވުމުގެ ސަބަބުން ކުރިއަށް އޮތް މެޗަށް ސަސްޕެންޑްވެފައިވާ ބުސްކެޓްސް ވެސް ބުނީ ކުޅުންތެރިންގެ އަދަދު މަދުވުމުން ގިނަ މައްސަލަތަކަކާ ކުރިމަތިލާންޖެހޭ ކަމަށެވެ.

"އަހަރުމެންގެ ސްކޮޑް އެހާ ބޮޑެއްނޫން. މީގެ ސަބަބުން ބައެއް ވަގުތުތަކުގައި ވަރަށް ދަތި އުނދަގޫ ކަންކަމާ ކުރިމަތިލާންޖެހޭ. އަބަދު ހުރިހާ ކުޅުންތެރިން ފިޓްކޮށް ނުތިބޭނެ. މިހާރު މިއޮތީ އެފަދަ ވަގުތެއް އައިސްފައި. އެކަމަކު އަހަރުމެން ކުޅޭނީ މޮޅުވާން،" ބުސްކެޓްސް ބުންޏެވެ.

ރޭގެ މެޗުގައި ބާސެލޯނާއިން ނަތީޖާ ހަމަހަމަކުރީ މާޓެންސް 30 ވަނަ މިނިޓްގައި ގޯލު ޖަހާފައިވަނިކޮށް ފަހަތުން އަރައި އެންޓޮއިން ގްރިއެޒްމަން ޖެހި ގޯލުންނެވެ.

ނަމަވެސް ނަޕޯލީ މޮޅަށް ކުޅުނު މެޗަށް ފަހު ކޯޗު ކީކޭ ސެޓިއެން ބުނީ އެންމެ މުހިންމު ކަމަކީ މެޗު ނިމޭއިރު ނަތީޖާ ކަމަށާއި އެއްވަރުވުމުން ހިތްހަމަޖެހޭ ކަމަށެވެ.

"އުފާވެރި ކަމަކީ އަހަރުމެން ބަލިނުވުން. އަބަދުވެސް ބަލަންޖެހޭނީ އެންމެ ފަހު ވަގުތު އޮންނަ ނަތީޖާއަށް. އަހަރުމެން ބަލިނުވެ އަމިއްލަ ދަނޑޫގައި މެޗެއް ކުޅޭކަން،" ކޯޗު ބުންޏެވެ.

ނަޕޯލީގެ ކޯޗު ގެނާރޯ ގަޓޫސޯ ބުނީ މެޗުގައި ހެދުނީ އެންމެ މިސްޓޭކެއް ކަމަށާއި އެ ފުރުސަތުގައި ބާސެލޯނާ ގޯލު ޖެހި ކަމަށެވެ.

"އެމީހުންނަށް އަހަރުމެން އެހާ ބަލިކޮށްނުލެވޭ. އެކަމަކު އަހަރުމެން އެމީހުންގެ ދަނޑުގައި ކުޅޭއިރު ވަރަށް ވިސްނަންޖެހޭނެ. އެއީ މޮޅު ޓީމެއް،" ގަޓޫސޯ ބުންޏެވެ.

ކެޕްޓަން އިންސައިން ބުނީ ބާސެލޯނާގެ ކެޕްޓަން މެސީ ފަދަ ކުޅުންތެރިންނާ ދެކޮޅަށް ކުޅުމަކީ ނަފްސާނީގޮތުން ވެސް އުނދަގޫ ކަމެއް ކަމަށާއި ނަމަވެސް ބަލިނުވެ ނިންމާލެވުމުން ހިތްހަމަޖެހޭ ކަމަށެވެ.