ޚަބަރު

ތާރީޚް އޮޅުވާލައިފި. ކުރިއަށް އޮތް ޖީލު މިއަދުގެ ދަތިތައް ތަހައްމަލުކުރާނެ: ޝާހިދު


މިއަދު ކޮންމެ ދިވެއްސެއްގެ ކޮނޑުގައި އެޅިފައިވާ އެންމެ ބޮޑު އެއް ވާޖިބަކީ ތާރީޚް އޮޅުވާނުލާ ގެނެސްދިނުން ކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ގައުމީ ތާރީޚު ދުވަސް ފާހަގަކުރުމަށް ދިވެހިބަހުގެ އެކަޑަމީން ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވޢ މިނިސްޓަރ ޝާހިދު ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ ތާރީޚް އަމާނާތްތެރިކަމާ ތެދުވެރިކަމާއެކު އަންނާން އޮތް ޖީލުތަކަށް ގެނެސްދިނުމަކީ ކޮންމެ މީހެއްގެވެސް ޒިންމާއެއް ކަމަށެވެ.

"އެއީ ތާރީޚަކީ އަޅުގަނޑުމެންގެ ކާނބަފައިން އަޅުގަނޑުމެންނާ ހިސާބަށް ގެނެސްދިން އެއްޗަކަށްވެފައި އަޅުގަނޑުމެން މިކުރާ ތަޖުރިބާތަކާއި އަޅުގަނޑުމެން މި ދިރިއުޅޭ ދިރިއުޅުން، ހޯދާ ހޯދުންތައް، ތަހައްމަލުކުރާ ދަތިތައް އެއީ އަޅުގަނޑުމެންގެ ދަރިންނަށް ތެދުވެރިކަމާއެކު ގެނެސްދެވިއްޖެނަމަ އެ ޖީލަށް، އެ ކުދިންނަށް އެ ތަޖުރިބާތައް ނުކޮށް، އެހެން މަރުހަލާއަކަށް ދިއުމަށް ހުޅުވާލެވޭ ފުރުސަތަކަށްވާތީ، އެއީ ތާރީޚަށް ތެދުވެރިވާން ޖެހޭ ސަބަބަކީ. ތާރީޚަށް އަމާނަތްތެރިވާން ޖެހޭ ސަބަބަކީ،" ޝާހިދު ވިދާޅުވިއެވެ.

ތާރީޚު ލިޔުމަކީ އެހާ މުހިންމު ކަމެއް ނޫން ކަމަށް ދެކޭ އިލްމްވެރިން އެބަ ތިބި ކަމަށާއި އެމީހުން ދެކޭ ގޮތުގައި ތާރީޚު ލިޔެ ރައްކާކުރުމަށްވުރެ އެކަމަށް ކުރާ ޚަރަދު އެހެން ކަމަކަށް މުހިންމު ކަމަށް ޝާހިދު ވިދާޅުވިއެވެ. އެހެން ނަމަވެސް އެއީ ޚިޔާލު ތަފާތުވުން ހުރި މައްސަލައެއް ކަމަށާއި ތާރީޚު އިލްމެއްގެ ގޮތުގައި ބޭނުންކުރަނީ ވެސް އޭގައި ސަބަބުތަކެއް ހުރީމަ ކަމަށް ޝާހިދު ފާހަގަ ކުރެއްވިއެވެ. އަދި ތާރީޚަކީ އިބްރަތެއްގެ އިތުރުން ފިލާވަޅެއް ކަމަށާއި އެއީ ކާބަފައިން ހެދި ގޯސްތައް ތަކުރާރުނުކުރުމަށް ލިބޭ ފުރުސަތެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ތާރިޚަކީ އަޅުގަނޑުމެންގެ ކާބަފައިން ނުހަނު ދައްޗާއި އުނދަގުލުގައި ހޯދާފައިވާ ކާމިޔާބީގެ މައްޗަށް އިތުރު ކާމިޔާބީ ހޯދުމަށް ލިބޭ ފުރުސަތެއް. ކާމިޔާބީއަކީ ކޮސް ނަހަދާ ކުރިއަށް ދިއުމަށް ހުޅުވާލެވޭ މަގެއް،" ޝާހިދު ވިދާޅުވިއެވެ.

މި ޖަލްސާގައި، "ރަހުންނާއި ރަނިން"ގެ ނަމުގައި ތާރީޚީ ލިޔުންތެރިޔާ ނަސީމާ މުހައްމަދު ދިވެހި ތާރީޚާ ގުޅޭ ގޮތުން އިނގިރޭސިބަހުން ލިޔުއްވާފައިވާ ފޮތެއް މިނިސްޓަރ ޝާހިދު ނެރުއްވައިދެއްވިއެވެ.