ކުޅިވަރު

ކުރިއަށް އޮތް ތިން މަހު ސްކޫލް ކުދިންގެ ކުޅިވަރު މުބާރާތްތައް ނުބާއްވަން އަންގައިފި


ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19އާއި ގުޅިގެން ސްކޫލުތަކުގެ ދަރިވަރުން ބައިވެރިވާ ކުޅިވަރު ހަރަކާތްތައް މެދުކަނޑާލަން އެޑިއުކޭޝަން މިނިސްޓްރީން މިއަދު އަންގައިފިއެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދާ ވައިރަސްއާއި މިދުވަސްވަރު ހިމަބިހި ރާއްޖެއިން ފެނި ބައެއް ސްކޫލް ދަރިވަރުން ހިމަބިއްސަށް ޕޮޒިޓިވްވެފައިވާތީ މިކަން ކޮންޓްރޯލްކުރުމަށް ސްކޫލްތަކުގެ އިތުރު ހަރަކާތްތައް ހުއްޓާލަން އެންގީ އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ސޮއިކުރައްވާ އެ މިނިސްޓްރީން ނެރުނު ސަރކިއުލާއެއްގައެވެ.

ކޮރޯނާ ވައިރަހުން ރައްކާތެރިވުމާއި، ހިމަބިހި ކޮންޓްރޯލްކުރުމަށް ސްކޫލްތަކުގެ އިތުރު ހަރަކާތްތައް ހުއްޓާލަން ނިންމާފައިވަނީ އަންނަ މެއިމަހުގެ ދެވަނަ ދުވަހާއި ހަމައަށެވެ.

"ކޯވިޑް-19 ޓާސްކްފޯހުގެ މަޝްވަރާތަކަށް ރިއާޔަތްކޮށް މި މިނިސްޓްރީން ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޓެކްނިކަލް ލަފާ ގަވާއިދުން ހޯދަމުންދާނެ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޓެކްނިކަލް މަޝްވަރާއަށްފަހު ދަރިވަރުންގެ އިތުރު ހަރަކާތްތައް ކުރިއަށްގެންދާނެ ގޮތް މިނިސްޓްރީން ސްކޫލުތަކާ ހިއްސާކުރާނެ އެވެ،" ސާކިއުލާގައި ވެ އެވެ.

މި ސަރކިއުލާއާއިއެކު އިންޓަރ ސްކޫލް ކުރިއަށް އޮތް ތިން މަހު އިންޓަރ ސްކޫލް ކުޅިވަރު މުބާރާތްތައް ބާއްވަން ތައްޔާރުވަމުން އަންނަ ކުޅިވަރު އެސޯސިއޭޝަންތަކުންވަނީ އިންޓަރ ސްކޫލް މުބާރާތްތައް މަޑު ޖައްސާލާފައެވެ. މިގޮތުން މިމަހުގެ ހަވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ 17ވަނަ އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތްވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ. އަދި މިއަދު ފެށުމަށް ހަމަޖެހިފައި އޮތް އިންޓަރ ސްކޫލް ޓޭބަލް ޓެނިސް މުބާރާތްވެސް މިހާރުވަނީ ފަސްކޮށްފައެވެ. އަދި މީގެ އިތުރުން އަންނަ މަހު ބާއްވަން ތައްޔާރުވަމުން އަންނަ އިންޓަރ ސްކޫލް ވޮލީބޯޅަ މުބާރާތުގެ ތައްޔާރީތައްވެސްވަނީ މަޑު ޖައްސާލާފައެވެ.

ކުޅިވަރު އެސޯސިއޭޝަންތަކުގެ އިތުރުން ސްކޫލް ކުދިން ބައިވެރިކޮށްގެން ހިންގާ ކުޅިވަރު އެކަޑެމީތަކުގެ ފަރިތަކުރުންތަކާއި ހަރަކާތްތައްވެސް މިހާރުވަނީ މަޑު ޖައްސާލާފައެވެ.

ޗައިނާގައި ފެތުރެން ފެށި ކޮރޯނާވައިރަސް މިހާރު ވަނީ 61 ގައުމަކަށް ފެތުރިފައެވެ. އެ ރޯގާގައި 2،900 މީހުން ދުނިޔޭގެ އެކި ހިސާބުތަކުން މަރުވެފައިވާ އިރު 85،000 މީހުންވަނީ މި ވައިރަހަށް ޕޮޒިޓިވްވެފައެވެ.