ޚަބަރު

އިޓަލީވިލާތުގައި ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަނީ


އިޓަލީވިލާތުގައި ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެމުންދާތީ އެޤައުމުގެ ސަރުކާރުން ހަރުކަށި ފިޔަވަޅުތަކެއް އަޅައިފިއެވެ.

އެޤައުމުގެ ބޮޑުވަޒީރު ޖުސެއްޕެ ކޮންތޭވަނީ ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ އިޓަލީވިލާތުގެ ބައެއް ހިސާބުތަކަށް މީހުން ވަދެނުކުމެ ނޫޅުމަށް އަނގަވާފައެވެ. 10 މިލިއަން މީހުން ދިރިއުޅޭ މައި ސިނާޢީ ރަށް ލަމްބާޑީވެސް އޭގެ ތެރޭގައި ހިމެނެއެވެ. އޭގެ އިތުރުން އިޓަލީވިލާތުގެ 4 ސަރަޙައްދެއްގެ 12 ޕްރޮވިންސަކަށް ވަދެނުކުމެ ނޫޅުމަށްވެސްވަނީ އަންގާފައެވެ.

އިޓަލީވިލާތުގެ ސަރުކާރުން ނެރުނު ޤަރާރެއްގެ ދަށުން އެސަރަޙައްދުތަކުގައި ހުންނަ ދާރުލްއާސާރުތަކާއި ސަޤާފީ ސެންޓަރުތަކާއި ސިނަމާތައްފަދަ ތަންތަންވެސްވަނީ ބަންދުކޮށްފައެވެ. އޭގެ އިތުރުން ކައިވެނި ޕާޓީތަކާއި ޖަނާޒާތަކާއި ކުޅިވަރު ޙަރަކާތްތައްވެސް ޤަރާރުގެ ދަށުންވަނީ ހުއްޓުވާފައެވެ. މަސައްކަތަށް ގެއިން ބޭރަށް ނުކުތުމުގެ ބަދަލުގައި ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށްވެސް އިޓަލީވިލާތުގެ ސަރުކާރުންވަނީ އެދިފައެވެ.

އިޓަލީވިލާތުގެ ހުރިހާ މަދަރުސާތަކާއި ޔުނިވާސިޓީތައް މާރޗު 15އާހަމައަށް މީގެ ކުރިންވަނީ ބަންދުކޮށްފައެވެ. އަލަށް އެޅި ފިޔަވަޅުތަކުގެ ދަށުން ލަމްބާޑީއާއި ވައިރަހުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އެހެން ޕްރޮވިންސުތަކުގެ މަދަރުސާތައް އެޕްރީލް 3ވަނަ ދުވަހާ ހަމައަށްވަނީ ބަންދުކޮށްފައެވެ. އަދި ކޮންމެހެން ދާންޖެހިގެން މެނުވީ އެއްތަނުން އަނެއްތަނަށް ދަތުރުނުކުރުމަށްވަނީ އިރުޝާދުދީފައެވެ. ނަމަވެސް ކަސްޓަމަރުންގެ ދެމެދު އެއް މީޓަރުގެ ދުރުމިން ބަހައްޓާނަމަ ކެފޭތަކާއި ރެސްޓޯރަންޓުތައް ހުޅުވާފައި ބެހެއްޓުމުގެ ޙުއްދަވަނީ ދީފައެވެ.

ވިލާތުގެ ޤައުމުތަކުގެ ތެރެއިން ކޯވިޑް-19ގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ އިޓަލީވިލާތަށެވެ. އެޤައުމުގެ 7،000އަށްވުރެ ގިނަ މީހުނަށް މިހާތަނަށް ވައިރަހުގެ އަސަރުކޮށް، 300އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.