ކޯވިޑް-19ގެ ވައިރަސް ހުރި މީހެއް ނުވަތަ ކޮންޓެކްޓެއްގެ ގޮތުގައި ބަލާމީހާގެ ފަރާތުން އަލާމަތްތައް ފެންނަން ފެށުމުގެ ކުރިން އެފަދަ މީހެއްގެ ފަރާތުން އެހެން މީހުނަށް ބަލި ނުފެތުރޭނެކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ކޮމިއުނިކަބަލް ޑިސީސް ކޮންޓްރޯލް ޑިޕާޓްމަންޓްގެ ހެޑް ޑރ.ފާތުމަތު ނަޒްލާ ވިދާޅުވެއްޖެއެވެ.
ކޯވިޑް-19އާއި ގުޅޭ މަޢުލޫމާތު ހާމަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ.ނަޒްލާ ވިދާޅުވީ ވައިރަސް ފެނިފައިވާ ރަށުގެ ހުރިހާ އެންމެންނަކީ ނުރައްކަލަށް ހުށައެޅިފައިވާ މީހުން ނޫންކަމަށެވެ. ވައިރަސް ހުރި މީހެއް ނުވަތަ ކޮންޓެކްޓެއްގެ ގޮތުގައި ބަލާ މީހުންގެ ފަރާތުން ބަލި ނުފެތުރޭ ގޮތްތައް ޑރ.ނަޒްލާވަނީ ވިދާޅުވެފައެވެ. ޑރ.ނަޒްލާ ވިދާޅުވީ ބަލި ފެތުރެން ފަށަނީ ވައިރަސް ހުރުމުގެ ސަބަބުން އެމީހެއްގެ ފަރާތުން ބަލީގެ އަލާމަތްތައް ފެންނަން ފެށުމުން ކަމަށެވެ.
އެގޮތުން ކުރެއްދޫގައި ވައިރަސްއަށް ޕޮޒިޓިވްވި މީހުންނާއި ބައްދަލުވީ ކޮންބައެއްތޯ ބަލައި، އެމީހުންގެ ރިސްކް އެސެސްމަންޓް ހަދާފައިވާކަން ޑރ.ނަޒްލާ ފާހަގަކުރެއްވިއެވެ. އަދި ވައިރަހަށް ޕޮޒިޓިވްވި މީހުންނާއި ބައްދަލުވީ ކިހިނެއްކަމާއި ކިހާ ވަގުތެއް އެމީހުންނާއެކު ހޭދަކޮށްފައިވޭތޯ މިއެސެސްކުރުމުގެ ތެރޭގައި ވަނީ ބަލާފައެވެ. ޑރ.ނަޒްލާ ވިދާޅުވީ މިކަންކަމަށް ބެލުމަށްފަހުގައި ކޮންޓެކްޓްވި މީހާއަކީ ކޮން ގިންތިއެއްގެ ނުރައްކަލަކަށް ހުށައެޅިފައިވާ މީހެއްތޯ ކަނޑައެޅޭކަމަށެވެ. އެގޮތުން މި ކަންކަމަށް ރިއާޔަތްކޮށް އެމީހަކު އެކަހެރިކުރަންޖެހޭ މިންގަނޑު ދެނެގަނެވޭކަން ޑރ.ނަޒްލާ ވަނީ ފާހަގަކުރައްވާފައެވެ.
ރިސްކް އެސެސްމަންޓަށް ބެލުމަށް ފަހު ބައެއް މީހުން ގޭގައި އެކަހެރިކޮށްފައި ވާއިރު ބައެއް މީހުންވަނީ އަލާމަތްތައް ފެނުމުގެ ސަބަބުން ފަރުކޮޅުފުށީގައި ޤާއިމުކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީގައި އެކަހެރިކޮށްފައިކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.
"ކޮންޓެކްޓް ވިމީހާއަކީ ކޮންޓެކްޓް ވި ހިސާބުން އިންފެކްޓިވް މީހެއްނޫން އަދި. އަޅުގަނޑުމެން އޭނަ އައިސޮލޭޝަންގަ މިބަހައްޓަނީ އޭނަގެ އަލަމަތްތައް ޑިވެލޮޕްވޭތޯ ބަލަން. އޭރު އޭނަގެ އަލާމަތްތައް ޑިވެލޮޕް ވާން ފަށާއިރު އޭނާ ހުންނާނީ އައިސޮލޭޝަންގަ. ކޮންޓެކްޓްވާ މީހާ ކޮންޓެކްޓް ވާހިސާބުން އޭނަގެ ސަބަބުން ބަލި ފެތުރޭކަށް ނުފަށާނެ."ޑރ.ފާތުމަތު ނަޒްލާ ވިދާޅުވިއެވެ.
ކުރެއްދޫގައި އައިސޮލޭޝަންގައި ބައިތިއްބާފައި ތިބީ ކުރެއްދޫގައި މަސައްކަތްކުރާ ހުރިހާ އެންމެން ނޫންކަމަށާއި އެމީހުންނަށް ގުޅައި އެމީހުންގެ ކޮންޓެކްޓް ހިސްޓްރީއަށް ބަލާފައި އެކަހެރިކޮށްފައި ތިބި މީހުންކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.
ކޯވިޑް-19 އަކީ ވައިރަސްއެއްގެ ޒަރިއްޔާއިން ފެތުރޭ ބައްޔެކެވެ. މިވައިރަސް އެކަކުގެ ގައިން އަނެކަކުގެ ގަޔަށް އަރަނީ ވައިރަސް ހުރި މީހެއްގެ ހަށިގަނޑުން ބޭރުވާ ދިޔައަކުން އެހެން މީހެއްގެ ނޭވާލާ ނިޒާމަށް ވައިރަސް ވާސިލް ވުމުންނެވެ. ކޯވިޑް-19ގެ ކޮންޓެކްޓެއްގެ ގޮތުގައި ކަނޑައަޅަނީ ވައިރަސް ހުރި މީހަކާ ދިމާ ކުރިމަތީގައި 'ފޭސްޓު ފޭސް' 15 މިނިޓު ނުވަތަ ބަންދު ކޮޓަރިއެއްގައި 2 ގަޑިއިރު 3 ފޫޓަށްވުރެ ގާތުގައި ހޭދަކޮށްފައިވާ މީހުންކަމަށް މީގެ ކުރިންވެސް ކަމާބެހޭ ފަރާތްތަކުންވަނީ ވިދާޅުވެފައެވެ.
ވައިރަސް ފެތުރޭގޮތަށް ބަލާއިރު ކެއްސާ ކިނބިހިއަޅާއިރު ބޭރުވާ ކުޅުން ބަލި ފެތުރޭތީ ކެއްސާ ކިނބިހިއެޅުމުގައި އަނގަމަތި ނިވާކުރުމަށް ޑޮކްޓަރުން ވަނީ އިރުޝާދުދެއްވާފައެވެ. އަދި އަނގަމަތި ނިވާކުރުމަށް ސީދާ އަތްތިލަ ބޭނުންނުކޮށް އަތުގެ މުލައްދަނޑު ހުރަސްކޮށް ބޭނުންކުރުމަށްވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.