ޚަބަރު

އިންޑިއާއިންވެސް ވިސާ ދިނުން ވަގުތީ ގޮތުން ހުއްޓާލައިފި


ކޯވިޑް-19އާއި ގުޅިގެން އިންޑިއާއިން ވަގުތީގޮތުން ވިސާ ދޫކުރުން ހުއްޓާލައިފިއެވެ.

އެގޮތުން ވިސާ ދޫކުރުން ހުއްޓާލާފައިވަނީ އަންނަ އޭޕްރީލް މަހުގެ 15ގެ ނިޔަލަށްކަމަށް އިންޑިއާއިން ހާމަކުރެއެވެ.

އިންޑިއާއިން ވިދާޅުވީ މިގޮތަށް ނިންމާފައި ވީވަނަވެސް ޑިޕްލޮމެޓިކް ޕާސްޕޯޓާއި ޔޫއެން އާއި އެނޫންވެސް އެފަދަ ބައިނަލްއަޤުވާމީ ޖަމްއިއްޔާތަކަށާއި އިންޑިއާގައި ވަޒީފާ އަދާކުރަމުން އަންނަ މީހުންނާއި އެޤައުމުގައި އެކި ޕްރޮޖެކްޓްތަކުގައި މަސައްކަތްކުރަމުން އަންނަ މީހުނަށް ވިސާގެ ކަންކަން ކުރިއެކޭވެސް އެއްގޮތަށް ހަމަޖެހޭނެކަމަށެވެ. އަދި މިޙާލަތާއި ގުޅޭގޮތުން އިންޑިއާއިން ވިސާ ދޫކުރުން ހުއްޓާލާފައިވާއިރު އިންޑިއާއަށް މިދަނޑިވަޅުގައި އަންނަން ބޭނުންވާ އެހެން ޤައުމުތަކުގެ މީހުންނަމަ އެބަޔަކާއި އެންމެ ގާތުގައިވާ އިންޑިއާގެ މިޝަންއަށް ގުޅުމަށްވެސް އިންޑިއާއިން ވަނީ އެދިފައެވެ.
އިންޑިއާގައި 50ހަށްވުރެ ގިނަ މީހުން މިހާތަނަށް ކޯވިޑް-19އަށް ވަނީ ޕޮޒިޓިވްވެފައެވެ. އަދި 500އަށްވުރެ ގިނަ މީހުން އެޤައުމުގައި ވަނީ އެކަހެރިކުރެވިފައެވެ.

ކޯވިޑް-19އާއި ގުޅިގެން އިންޑިއާއިން މިގޮތަށް ނިންމާފައިވާއިރު އިންޑިއާއިން ރާއްޖެއަށް ވިސާ ދިނުމުގައި އެއްވެސް ކަހަލަ ދަތިކަމެއް އޮންނާނެތޯ ބަލަމުން އަންނަކަމަށް ފޮރިންގ މިނިސްޓްރީން ވިދާޅުވެއެވެ. ލަންކާއިންވެސް ޤައުމުތަކަށް ދޭ އޮންއެރައިވަލް ވިސާ ހުއްޓާލި ނަމަވެސް ރާއްޖެއަށް އެކަމުގައިވެސް ލުއިގޮތްތަކެއް ހަމަޖައްސައްވާފައިވާކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.