ޚަބަރު

މަދު މުވައްޒަފުންނާއެކު ޚިދުމަތްދިނުމުގެ ޕްލޭނެއް އެކުލަވާލުމަށް ސަރުކާރުގެ އިދާރާތަކަށް އަންގައިފި


މަދު މުވައްޒަފުން މަސައްކަތައް ނެރެގެން ޚިދުމަތް ދޭންޖެހޭ ހާލަތެއްގައި ޚިދުމަތް ދިނުމުގެ ޕްލޭނެއް އެކުލަވާލުމަށް ސަރުކާރުގެ އިދާރާތަކަށް ސިވިލް ސަރވިސް ކޮމިޝަނުން އަންގަވައިފިއެވެ.

ސިވިލް ސަރވިސް ކޮމިޝަނުންވަނީ މި ޕްލޭން އެކުލަވާލާ މިމަހުގެ 16 ވަނަ ދުވަހުގެ ކުރިން އެ ކޮމިޝަނަށް އެންގުމަށް ސަރުކާރުގެ އިދާރާތަކަށް އަންގަވާފައެވެ.

މީގެ އިތުރުން ކޯވިޑް-19 ގެ ލެވެލްތަކަށް އަންނަ ބަދަލުތަކަށް ރިޢާއަތްކޮށް އެ ބަލީގެ އަލާމަތްތައް ހުރި މުވައްޒަފަކު އޮފީހަކުން ފެނިއްޖެނަމަ އޮފީހުގެ ތެރޭގައި ހަމަޖައްސަންޖެހޭ އިންތިޒާމްތައް ބަޔާންކުރާ ޕްލޭނެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީއާ ގުޅިގެން އެކުލަވާލާ މިމަހުގެ 16ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހެޅުމަށްވެސްވަނީ އަންގަވާފައެވެ.

ސިވިލް ސަރިވިސް ކޮމިޝަނުން ވަނީ ކޯވިޑް-19 އާ ގުޅިގެން ސިވިލް ސަރވިސްގެ ޚިދުމަތްދިނުމުގައި އެޅުމަށް ހަމަޖެހިފައިވާ ފިޔަވަޅުތައް ބަޔާންކޮށް ސަރުކާރުގެ އިދާރާތަކަށް އަންގަވާފައެވެ.

އެގޮތުން ޔެލޯ އެލަރޓްގައި ވަނިކޮށް ކޯވިޑް-19 ގެ އެއްވެސް އަލާމާތެއް ހުރިކަން ފާހަގަކުރެވިގެން މުވައްޒަފަކު އާންމުންގެ ތެރެއަށް ނުކުމެ އުޅުން ރައްކާތެރިކަމަށް އެ މުވައްޒަފަށް އަންގަންދެން މަސައްކަތަށް ނުނިކުމެ ހުރުމުގެ ފުރުޞަތު ދިނުމުގެ ގޮތުން މުސާރައާ އިނާޔަތްތައް ލިބެގޮތަށް ޚާއްސަ ޗުއްޓީއެއް ދިނުމަށް ސިވިލް ސަރވިސް ކޮމިޝަނުންވަނީ ހަމަޖައްސަވާފައެވެ.

ސިވިލް ސަރވިސް ކޮމިޝަނުންވަނީ ސަރުކާރުގެ އިދާރާތަކުން ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމްތަކާއި ބައްދަލުވުންތައް ނުބޭއްވުމަށްވެސް އަންގަވާފައެވެ. ނަމަވެސް ކޮންމެހެން ބާއްވަންޖެހޭ ބައްދަލުވުމެއްނަމަ ޓެލެކޮންފަރެންސިންގ ފަދަ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ބޭއްވުމަށްވެސްވަނީ އަންގަވާފައެވެ.

މީގެ އިތުރުން އޮރެންޖް އެލަރޓް އޮތްކަން އިޢުލާންކުރާ ދުވަހުން ފެށިގެން، 30 ދުވަހުގެ މުއްދަތަށް، ނުރައްކަލަށް ހުށައެޅިފައިވާ ބަލިތައް ހުރި މީހުންނާއި، މާބަނޑު މުވައްޒަފުންނާއި، އުމުރުން 55 އަހަރަށްވުރެ ދޮށީ އުމުރުގެ މުވައްޒަފުން އެދޭނަމަ މުސާރައާ އިނާޔަތްތައް ލިބޭގޮތައް ޚާއްސަ ޗުއްޓީއެއް ދިނުމަށް ސިވިލް ސަރވިސްއިންވަނީ ނިންމަވާފައެވެ.

ރެޑް އެލަރޓްގައި ކޮންމެހެން މަސައްތަކަށް ނެރެންޖެހޭ މުވައްޒަފުން ނޫން އެހެން މުވައްޒަފުން މަސައްކަތަށް ނުނެރުމާއި މަސައްކަތަށް ނުނެރެ ގޭގައި ބައިތިއްބާ ދުވަސްތަކުގައި މުސާރައާއި އިނާޔަތްތައް ލިބޭގޮތަށް ޚާއްސަ ޗުއްޓީއެއް ދިނުމަށްވެސްވަނީ ނިންމާފައެވެ. މިއެލަރޓްގައި ސަރުކާރުގެ އިދާރާތަކުން ކުރަންޖެހޭ މަސައްކަތުގެ ތެރެއިން މުވައްޒަފުން ގޭގައި ތިބެގެން ކުރެވޭނެ މަސައްކަތްތައް ގޭގައި ތިބެގެން ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށްވެސް ސިވިލް ސަރވިސް ކޮމިޝަނުންވަނީ ސަރުކާރުގެ އިދާރާތަކަށް އަންގަވާފައެވެ.