އިރާގުގެ ވެރިރަށް ބަޣްދާދުގެ 3 ސަރަހައްދެއްގައި ބޮންތަކެއް ގޮއްވާލުމުގެ ސަބަބުން 20 މީހުން މަރުވެ އެތަށް ބަޔަކު ޒަޚަމްވެއްޖެއެވެ.އިރާގުގެ ފުލުހުން ބުނާގޮތުން ބޮންތައް ގޮއްވާލިތަންތަނުގެ ތެރޭގައި ބަޣްދާދުގެ ވިޔަފާރީ ސަރަހައްދަކާއި ބަޣްދާދުގެ ދެކުނުގައިވާ އަލްބައްޔާޢު ސަރަހައްދުގެ އިތުރުން ސަލާމަތީ ބާރުތަކުގެ ޗެކްޕޮއިންޓެއް ހިމެނެއެވެ. މީގެތެރެއިން ޗެކްޕޮއިންޓަށް ޙަމަލާދީފައިވަނީ ކާރުބޮމެއް ގޮއްވާލައިގެންކަމަށްވެސް އިރާގުގެ ފުލުހުން ބުނެއެވެ.އިރާގުގައި ސިލްސިލާގޮތެއްގައި ބޮން ގޮއްވައި ކުށެއްނެތް އާންމުން މެރުމުގެ ޖަރީމާތައް ހިންގާ މިންވަރު ފާއިތުވި ދިހަވަރަކަށްދުވަހުވަނީ ވަރަށްބޮޑަށް އިތުރުވެފައެވެ. މީގެ ދެދުވަސްކުރިން ބަޣްދާދުގައި ގޮއްވާލި ބޮންތަކެއްގައި 30 މީހުން މަރުވެ އެތަށްބަޔަކު ޒަޚަމްވެފައިވާއިރު މިދިޔަ ފިތްރު އީދުދުވަހު ބާޒާރެއްގައި ބޮމެއް ގޮއްވާލައިގެންވެސް 28 މީހުން މަރާލާފައިވެއެވެ. މިޖަރީމާތަކުގެ ފަހަތުގައިވަނީ ހައްދުފަހަނަޅާފައިވާ އައިއެސް ޖަމާއަތް ކަމަށް އިރާގުން ތުހުމަތުކުރެއެވެ.