ޚަބަރު

ކޯވިޑް 19: ސަރުކާރުން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އިދިކޮޅު މެންބަރުންވެސް ތަޢުރީފްކޮށްފި


ކޯވިޑް-19 އިން ރައްކާތެރިވުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ސަރުކާރަށް ނިސްބަތްވާ މެންބަރުންނާއި އިދިކޮޅު މެންބަރުން ތަޢުރީފް ކުރައްވައިފިއެވެ.

އެގޮތުން ރާއްޖޭގެ މިހާރުގެ ހާލަތާއި ގުޅޭގޮތުން މަޖިލީހުގެ މެޖޯރިޓީ ޕާޓީއާއި މައިނޯރިޓީ ޕާޓީއަށް ވާހަކަ ދެއްކެވުމަށް ދެއްވި ފުރުޞަތުގައި އިދިކޮޅު ޕީއެންސީއަށް ނިސްބަތްވާ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ މި ހާލަތުގައި ސަރުކާރުން އަމަލުކުރައްވަމުން ގެންދަވަނީ ވަރަށް ހިކުމަތްތެރި ކަމާއިއެކުގައިކަމަށެވެ. އަދި މިއީ ސިޔާސީ ވާދަވެރިކަން އެކަހެރިކޮށް ހުރިހާ ފަރާތްތަކުން ގުޅިގެން އެކީގައި މަސައްކަތް ކުރަންވީ ވަގުތު ކަމަށެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ދަށުން ރާއްޖޭގައި އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކޮށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހުންވަނީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތާއި ކަމާއިގުޅުންހުރި ފަރާތްތަކާއި ބައްދަލުކުރައްވާފައެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ މި އުނދަގޫ ދަނޑިވަޅުގައި ސަރުކާރުގެ ވިސްނުންހުރީ ރައްޔިތުންނަށް މިކަމުގެ އަސަރު ވީހާވެސް ކުޑަކޮށް ކުރާނޭގޮތަކަށް އަމަލުތައް ބައްޓަންކުރެއްވުމަށްކަމަށެވެ. އަދި މިދަނޑިވަޅުގައި ސަރުކާރުން އަންގަވާ ހުރިހާ އެންގެވުމަކާއި ކަމާއިބެހޭ ފަރާތްތަކުގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓެވުމަށް ރައީސް ނަޝީދުވަނީ އިލްތިމާސް ކުރައްވާފައެވެ.

ރާއްޖޭގެ މިހާރުގެ ހާލަތާއި ގުޅޭގޮތުން މަޖިލީހުގެ މެޖޯރިޓީ ޕާޓީއާއި މައިނޯރިޓީ ޕާޓީއަށް ވާހަކަ ދެއްކެވުމަށް ދެއްވި ފުރުޞަތުގައި މައިނޯރިޓީ ޕާޓީގެ ޕީޖީ ލީޑަރު މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ޞިއްޚީ ގޮތުން ދިމާވެފައިވާ މި ހާލަތުގައި ސަރުކާރުން އަމަލުކުރައްވަމުން ގެންދަވަނީ ވަރަށް ހިކުމަތްތެރި ކަމާއިއެކުގައިކަމަށެވެ. މިދަނޑިވަޅަކީ ސިޔާސީ ގޮތުން ހުރި ވާދަވެރިކަން ދޫކޮށް އެންމެން އެކީގައި މަސައްކަތް ކުރަންވީ ވަގުތުކަމަށް އޭނާ ވިދާޅުވިއެވެ.

މިދަނޑިވަޅުގައި ސަރުކާރުން ބަލި ކޮންޓްރޯލް ކުރުމަށް ކުރައްވަމުންދާ މަސައްކަތްތަކާއި، އަމަލުކުރައްވަމުންދާ ގޮތްތަކަކީ ބަލައިގަންނަންޖެހޭ ކަމެއްކަަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ކޮންމެ ރައްޔިތަކުވެސް ފަރުދީ ގޮތުން އަދާކުރައްވަންޖެހޭ ޒިންމާ އަދާކުރައްވައި ސަރުކާރުން ދެއްވާ އިރުޝާދުތަކާއިއެކު އަމަލުތައް ބެހެއްޓުމަކީ މުހިންމުކަމެއްކަަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

މިކަމާ ބެހޭގޮތުން ވާހަކަ ދައްކަވަމުން މެޖޯރިޓީ ލީޑަރު ޢަލީ އާޒިމް ވިދާޅުވީ މިދަނޑިވަޅަކީ އެންމެން އެކުގައި މަސައްކަތް ކުރަންވީ ވަގުތުކަމަށެވެ. ގޭގައި ތިއްބެވި ޞިއްޚީ ހިދުމަތްތެރިންނާއި، ތަފާތު އެކި ދާއިރާތަކުން ޚިދުމަތް ދިނުމުގެ ހުނަރު ހުރި ބޭފުޅުން މިދަނޑިވަޅުގައި އިސްނަގައިގެން ޚިދުމަތަށް ނިކުންނެވުމަކީ މުހިންމުކަމެއްކަަމަށް އާޒިމް ވިދާޅުވިއެވެ. އަދި މިކަމުގައި ރައްޔިތުންގެ ފަރުދީ ޒިންމާއާއި، އެއްބައިވަންތަކާއި އެހީތެރިކަން ސަރުކާރަށް ބޭނުންވާކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ސަރުކާރުން އިއުލާން ކޮށްފައިވާ ޞިއްޚީ ކުއްލި ނުރައްކަލުގެ ހާލަތުގައި ސިއްޚީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ފުރިހަމަ އިޚްތިޔާރު ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށްވަނީ ދެއްވާފައެވެ. ކަމާ ގުޅުންހުރި ފަރާތްތަކުން ވަނީ މިދަނޑިވަޅުގައި ހުރިހާ ރައްޔިތުންވެސް ފަރުދީ ގޮތުން ސާފުތާހިރުކަމަށް ޚާއްސަ ސަމާލުކަމެއްދީ، ގިނަ މީހުން އެއްވާތަންތަނަށް ނުގޮސް އާންމު ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރައްވާފައެވެ.