ޚަބަރު

ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި 200 އައިސީޔޫ އެދު ތައްޔާރުކުރުން - މަބުރޫކް


ސަރުކާރުން މަސައްކަތް ކުރައްވަމުންދަނީ ރާއްޖޭގައި ދުއިސައްތަ އައިސީޔޫ އެނދު ތައްޔާރުކުރުމަށް ކަމުގައި ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރައްވައިފިއެވެ.

ނޭޝަނަލް އޮޕަރޭޝަން ސެންޓަރުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ކޯވިޑް-19 އިން ރައްކާތެރިކަމުގެ ފިޔަވަޅުތައް ދުވަހުން ދުވަހަށް އަޅުއްވައި ފިޔަވަޅުތައް ވަރުގަދަކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުންދާކަމަށެވެ. މިމަސައްކަތުގައި ސަރުކާރުން މަސައްކަތް ކުރައްވަމުންދަނީ ބަލި ފެތުރިދާނެކަމަށް ބަލައި ގާއިމްކުރަންޖެހޭ ތަންތަން ގާއިމްކުރުކަމަށްކަމަށް މަބުރޫކު ވިދާޅުވިއެވެ.

ސަރުކާރުން މިހާރުވެސް މަސައްކަތް ކުރައްވަމުންދަނީ ދުއިސައްތަ އައިސީޔޫ އެދު ތައްޔަރުކުރުމަށްކަމަށެވެ. މި އައިސީޔޫތައް ތައްޔާރުކުރެވިގެންދާނީ ޞިއްޙީގޮތުން އެތަންތަނަށް ބޭނުންވާ ވަސީލަތްތަކާއި، ހުންނަންޖެހޭ ސާމާނާއެކުކަމަށާ، މިދަނޑިވަޅުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅަމުންދާނެކަމަށް މަބުރޫކް ވިދާޅުވިއެވެ.

ސަރުކާރުންދަނީ ކޯވިޑް-19އިން ރައްކާތެރިވުމަށާ، ދުރާލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި އިސޮލޭޝަން ފެސިލިޓީތައް އިތުރުކުރުމަށްވެސް މަސައްކަތްކުރައްވަމުންނެވެ. އެގޮތުން ވިލިވަރު ފޭސް 2ގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ އައިސޮލޭޝަން ސެންޓަރުގެ މަސައްކަތް މިއަދު ފެށުމަށް ހަމަޖެހިފައިވާކަމަށް މަބުރޫކް ވިދާޅުވިއެވެ.

ލިވަރު ފޭސް 2ގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ އައިސޮލޭޝަން ސެންޓަރުގެ އިތުރުން އއ.ވެލިދޫގައި މިހާރު އަށްޑިހަ ކޮޓަރި ބޭނުންކުރެވޭ ޙާލަތުގައި ހުރިކަމަށްކަމަށް މަބުރޫކްވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ހުޅުލޭ އައިލެންޑް ހޮޓެލްވެސް ޓޫރިސްޓް ސަޕޯޓް ސެންޓަރެއްގެ ގޮތުގައި ބޭނުންކުރުމަށް މިހާރުވަނީ ހަމަޖައްސަވާފައެވެ.