ޚަބަރު

މިމަހުގެ 19އިން 26އަށް ސްޕްރީމްކޯޓުގެ އަޑުއެހުންތައް ކެންސަލް


މާދަމައިން ފެށިގެން މިމަހުގެ 26ވަނަ ދުވަހުގެ ނިޔަލަށް ސްޕްރީމްކޯޓުގައި ތާވަލްކޮށްފައިވާ ހުރިހާ އަޑުއެހުމެއް ކެންސަލް ކޮށްފައިވާކަމަށް އެކޯޓުން ހާމަކުރައްވައިފިއެވެ.

ސްޕްރީމްކޯޓުން ކުރި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކޯވިޑް-19އިން ރައްކާތެރި ވުމުގެގޮތުން ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކާއެކު ސަރުކާރު ބަންދުކުރުމަށް ނިންމަވާފައިވާ މުއްދަތަށް އެކޯޓްގައި ތާވަލްކޮށްފައިވާ ހުރިހާ އަޑުއެހުމެއް ކެންސަލް ކޮށްފައިވާކަމަށެވެ. އަދި މިއަޑުއަހުންތައް ވީއެންމެއަވަހަަށް ތާވަލް ކުރެވޭނެ އިންތިޒާމު ހަމަޖައްސަވާނެކަމަށް ސްޕްރީމްކޯޓުން ވިދާޅުވެއެވެ.

ސްޕްރީމްކޯޓުންވަނީ މީގެ ކުރިންވެސް ކޯވިޑް-19ގެ ޙާލަތާގުޅިގެން ކޯޓުތަކުން ޢަމަލުކުރަންވީ ގޮތުގެ ޢާންމު އިރުޝާދުތަކެއްވެސް ޢާންމުކުރައްވާފައެވެ. ސްޕްރީމްކޯޓުން ޢާންމުކޮށްފައިވާ ސާކިއުލާގައި ބުނެފައިވަނީ ކޯޓުތަކުން މީސްމީހުންނަށް އަންގާ އެންގުންތައް އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް އެންގުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށާއި، ކޮންމެހެން ކޯޓުގެ ސަރަޙައްދުގެ ތެރެއަށް ވަންނަން ޖެހޭ މީހުން، އެހެން މީހުންނާ ކޯޓުގެ ތެރޭގައި ގައިގޯޅި ނުވާނޭހެން އިންތިޒާމްތައް ހަމަޖެއްސުމަށް ވަނީ އިރުޝާދު ދެއްވާފައެވެ.

އަދި ކޯވިޑް-19އާ ގުޅިގެން ރީނދޫ އެލަރޓް، އޮރެންޖް އެލަރޓް އަދި ރަތް އެލަރޓް އިޢުލާންކޮށްފައި އޮންނަ ޙާލަތުގައި ކޯޓުތަކުން ޢަމަލުކުރާނެ ޢާންމު އިރުޝާދުތަކެއްވެސް ސްޕްރީމްކޯޓުން ވަނީ ކަނޑައަޅައި ކޯޓްތަކަށް އަންގަވާފައެވެ.

ރާއްޖޭގައި އިޢުލާންކޮށްފައިވާ ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތާގުޅިގެން ކޯޓްތަކުން ގެންދަނީ ޞިއްޙީގޮތުން ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. އެގޮތުން ސިވިލް ކޯޓުންވަނީ އެކޯޓަށް ހުށަހަޅަންޖެހޭ މައްސަލަތައް މެއިލްގެ ޒަރީޢާއިން ހުށަހެޅޭ ގޮތަށް ހަމަޖައްސައި، ކޯޓުގައި ހިންގަންޖެހޭ މައްސަލަތަކުގެ ތެރެއިން އަޑުއެހުމެއް ބާއްވަންޖެހޭ ޝަރީޢަތްތައް އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދިއުމަށް އެކޯޓުންވަނީ ނިންމާފައެވެ.