ޚަބަރު

ކޯވިޑް 19: އެންމެފަހުން ކުރި ޓެސްޓުތަކުން މިހާތަނަށް ލިބުނު ނަތީޖާތައް ނެގެޓިވް


ކޯވިޑް-19 އަށް އެންމެފަހުން ކުރި ޓެސްޓުތަކުގެ ތެރެއިން މިހާތަނަށް ލިބުނު ނަތީޖާތައް ނެގެޓިވް ވެފައިވަކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އެމެޖެންސީ ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޯވިޑް-19 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަނޑައަޅުއްވާފައިހުންނަވާ ތަރުޖަމާން މުޙައްމަދު މަބުރޫކް އަޒީޒު ވިދާޅުވީ ކޯވިޑް-19އަށް ކިރިޔާ ޝައްކެތް އޮތްކަމުގައި ވީނަމަވެސް އެމީހަކު ޓެސްޓްކުރެވި މޮނީޓާކުރެވެމުންދާކަމަށެވެ.

ކުރެވިފައިވާ ޓެސްޓްތަކުގެ ތެރެއިން ނަތީޖާ ލިބުނު އެއްވެސް ސާމްޕަލެއް ކޯވިޑް-19އަށް ޕޮޒިޓިވް ވެފައި ނުވާކަމަށް މަބުރޫކް ވިދާޅުވިއެވެ.

މިހާތަނަށް ޓެސްޓްގެ ނަތީޖާ ލިބިފައިވާ ބައެއް ފަރާތްތައް

  • ކުރެއްދޫގައި ކޯވިޑަށް ޝައްކުކުރެވިގެން ނެގުނު ސާމްޕަލް - ނެގެޓިވް
  • ބެންގެލޫރުން އައި ދިވެހި މީހާގެ ސާމްޕަލް - ނެގެޓިވް
  • ގިލިލަންކަން ފުށިން ސާމްޕަލް ނެގުނު 2 މީހުން - ނެގެޓިވް
  • އަނަންތަރާ ކިހާވަކުން ސާމްޕަލް ނެގުނުމީހާ - ނެގެޓިވް
  • މައިސްކައިން ޔޮޓުން ސާމްޕަލް ނެގުނު މީހާ - ނެގެޓިވް
  • ފުރަވެރިން ސާމްޕަލް ނެގުނު 2 މީހުން - ނެގެޓިވް

މީގެ އިތުރުން މާލޭގެ ފްލޫކްލިނިކަށް ދެއްކި މީހުންގެ ތެރެއިން 121 ސާމްޕަލެއްގެ ނަތީޖާ ލިބިފައިވާއިރު އެހުރިހާ ޓެސްޓެއްވެސް ކޯވިޑް 19 އަށް ނެގެޓިވް ވެފައިވަކަމަށް މަބުރޫކް ވިދާޅުވިއެވެ.

ކޯވިޑް 19އަށް މިހާތަނަށް 463 ސާމްޕލަނެގިފައިވާއިރު 450 ސާމްޕަލް ނެގެޓިވް ވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި މީގެ ތެރެއިން މިހާތަނަށް 35 މީހެއްގެ ނަތީޖާ ނުލިބިވާކަމަށެވެ. މިހާތަނަށް ޕޮޒިޓިވް ވެފައިވަނީ 13 މީހުންކަމަށާއި، އެއެންމެންގެ ހާލުވެސް ރަނގަޅުކަމަށް މަބުރޫކް ވިދާޅުވިއެވެ.

ކޯވިޑް-19އަށް ރާއްޖެއިން މިހާތަނަށް ޕޮސިޓިވްވެފައިވަނީ 13 މީހެއް

  • ކުރެއްދޫ އައިލެންޑް ރިސޯޓުން 5 މީހުން
  • ސޭންޑީޒް ބަތަލާ ރިސޯޓުން 2 މީހުން
  • ކުރަމަތި މޯލްޑިވްސްއިން 2 މީހުން
  • ސަފާރީއަކުން 2 މީހުން
  • އަނަންތާރަ ދިގު މޯލްޑިވްސްއިން 2 މީހުން

މަބުރޫކްވަނީ މިރޭވެސް ރައްޔިތުން މިކަމުގައި އާންމު ސާފްތާހިރުކަމަށް ޚާއްސަ ސަމާލުކަމެއްދެއްވައި ކަމާއިބެހޭ ފަރާތްތަކުގެ އިރުޝާދުތަކަށް ބޯލެބުމަށް އިލްތިމާސްކުރައްވާފައެވެ.