ކޯވިޑް-19އާއި ގުޅިގެން ރާއްޖެއަށް އިމްޕޯޓުކުރާ މާސްކާއި ސެނިޓައިޒާގެ އިމްޕޯޓު ޑިއުޓީ އާއި ޕްރޮސެސިންގ ފީ ރައިސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ޞާލިޙް މާފުކޮށްދެއްވައިފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރާއްޖޭގެ އެކްސްޕޯޓު އިމްޕޯޓުގެ ޤާނޫގެ ދަށުން ރައިސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން ރާއްޖޭގައި ސިއްޙީ ނުރައްކަލުގެ ޙާލަތު އިއުލާންކޮށްފައިވާ މުއްދަތުގެތެރޭގައި ވިޔަފާރިތަކާއި އަމިއްލަ ފަރާތްތަކުން ރާއްޖެއަށް އެތެރެކުރާ މާސްކާއި ހޭންޑް ސެނިޓައިޒާގެ އިމްޕޯޓް ޑިއުޓީ ކަނޑާލުމަށް ނިންމަވާފައިވާކަމަށެވެ. އަދި މުދާ އެކްސްޕޯޓުކުރުމާއި އިމްޕޯޓުކުރުމާއި ރީއެކްސްޕޯޓު ކުރުމާއި ރީއެކްސްޕޯޓުކުރުމުގެ ޤަވާއިދުގެ ދަށުން ނެގޭ ޕްރޮސެސިންގ ފީވެސް މާފުކޮށްދެއްވާފައިވާކަމަށް މޯލްޑިވުސް ކަސްޓަމްސް ސާވިސްއިން ވަނީ ވިދާޅުވެފައެވެ.
ކޯވިޑް-19ގެ ސަބަބުން މާސްކާއި ސެނިޓައިޒާއަށް އޮތް ޑިމާންޑު ވަނީ ބޮޑުވެފައެވެ. އަދި ޢާއްމު ބޭސް ފިހާރަތަކުން ޢާއްމުނަށް ސެނިޓައިޒާއާއި މާސްކު ލިބުންވަނީ ދަތިވެފައެވެ. އެހެންނަމަވެސް ރާއްޖޭގައި ކުއްލިއަކަށް ކޯވިޑް-19 ފެތުރެގެން ދާ ޙާލަތުގައި ބޭނުންކުރުމަށް ސަރުކާރުން އެސްޓީއޯ މެދުވެރިކޮށް މާސްކު ގެނެސްފައިވާއިރު ސިއްޙީ ޚިދުމަތްދޭ ތަންތަނަށް ބޭނުންވާ ސެނިޓައިޒާ އާއި މާސްކު އެސްޓީއޯމެދުވެރިކޮށް އަންނަނީ ހޯދަމުންނެވެ.