ކޯވިޑް-19އާ ގުޅިގެން މިވަގުތު އައިސޮލޭޝަންގައާއި ކަރަންޓިން ފެސިލިޓީސްތަކުގައި ތިބި އެންމެގެންވެސް ޞިއްޙީ ޙާލަތު ރަނގަޅުކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އެމެޖެންސީ ސެންޓަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އައިޖީއެމްއެޗުގެ ޑޮކްޓަރ، ޑރ.މޫސާ މުރާދު ވިދާޅުވީ ކޯވިޑް-19އާ ގުޅިގެން މިހާތަނަށް ކަރަންޓީނާއި އައިސޮލޭޝަނަށް ގެންގޮސްފައިވާ އެންމެންގެ ޞިއްޙީ ޙާލަތުވެސް ރަނގަޅުކަމަށެވެ.
ޑރ.މޫސާ މުރާދު ވަނީ، ކޯވިޑް 19އިން ރައްކާތެރިވުމަށް އަދި މިބަލިން ސަލާމަތްވުމަށް ކަމާބެހޭ ފަރާތްތަކުން ގުޅިގެން ކުރައްވަމުންދާ މަސައްކަތްތަކުގައި ކުރިއެރުންތަކެއް ޙާސިލްކުރެވެމުންދިޔަ ނަމަވެސް ރައްޔިތުން ފަރުވާ ކުޑަނުކުރުމަށް ޑޮކްޓަރުވަނީ އިލްތިމާސް ކުރައްވާފައެވެ. އެއްވެސް ވަރަކަށް ގެއިން ނުނިކުމެ ގޭގައި ހުރިހާ ރައްޔިތުންވެސް މިދަނޑިވަޅުގައި ތިއްބެވުމަށް ޑރ.ވަނީ އިލްތިމާ ކުރައްވާފައެވެ.
އަދި ޒަރޫޒީ ބޭނުމުގައި ނުކުންނަ މީހުންވެސް ކަމާއިބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުތައް ބެހެއްޓުމަށް ޑރ.މުރާދުވަނީ އިލްތިމާސް ކުރައްވާފައެވެ.
ޑރ.މުރާދު ވިދާޅުވީ ކޯވިޑް-19އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްޓަކައި އެކަހެރި ކުރެވޭ ފަރާތްތަކާއިމެދު ވަރަށް ކައިރިން މަސައްކަތް ކުރެވި ފަރުވާދެމުންދާކަމަށެވެ. އަދި މިކަމުގައި އެންމެންވެސް އެއްބާރުލުން ދެއްވުމަށް ޑރ.މޫސާ މުރާދުވަނީ އިލްތިމާސް ކުރައްވާފައެވެ.