ކޯވިޑް-19އަށް ޝައްކުކުރެވޭ ޢާލާމާތްތަކެއް ހުރެގެން މިހާތަނަށް ރާއްޖެއިން 700އަށްވުރެ ގިނަ ސާމްޕަލް ނެގިފައިވާކަމަށް ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރައްވައިފިއެވެ.
ކޯވިޑް-19ގެ ރާއްޖޭގެ މިހާރުގެ ޙާލަތު ހާމަކޮށްދެއްވަމުން ކޯވިޑް-19ގެ މަޢުލޫމާތު ދިނުމަށް ކަނޑައަޅާފައިވާ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ މިހާތަނަށް 702 މީހެއްގެ ސާމްޕަލް ނަގައި ޓެސްޓް ކުރެވެމުންދާކަމަށެވެ. އޭގެ ތެރެއިން 569 ސާމްޕަލެއް ކޯވިޑަށް ނެގެޓިވް ވެފައިވާއިރު ޕޮޒިޓިވް ވެފައިވަނީ 13 މީހެއްކަމަށެވެ. މީގެތެރެއިން މިހާރު 5 މީހަކު ރަނގަޅު ވެފައިވާއިރު 8 މީހަކަށްދަނީ މިބަލީގައި ފަރުވާދެމުންނެވެ. އަދި މިހާތަނަށް ޓެސްޓުގެ ނަތީޖާ ނުލިބި 20 ސަމްޕަލެއް ވާކަމަށް މަބުރޫކް ވިދާޅުވިއެވެ.
އައިސޮލޭޝަން ތަކުގައާއި، ކަރަންޓީން ފެސިލިޓިސްތަކުގައި ގިނަބަޔަކަށް މިހާރުވެސް ފަރުވާ ދެމުންދާއިރު އޭގެ ތެރެއިން ގިނައީ ރާއްޖެއިން ބޭރުން އަންނަ ދިވެހިންގެ ތެރެއިން 14 ދުވަހުގެ ކަރަންޓީންއަށް ގެންދެވޭ މީހުންކަމަށް މަބުރޫކް ވިދާޅުވިއެވެ. މިހާތަނަށް މިފެސިލިޓީސްތަކުގައި 552 މީހަކުވަނީ ބޭތިއްބިފައެވެ.
މީގެ ތެރެއިން މިހާރު ފަރުވާ ދެވެމުންދަނީ 8 މީހަކަށެވެ. ބަލިން ރަނގަޅު ވެފައިވަނީ 5 މީހެކެވެ. ބަލިން ރަނގަޅުވެފައިވަނީ އިޓަލީ ތިން މީހަކާއި، ތުރުކީއާއި، ސައުތު އެފްރިކާގެ މީހެކެވެ.
ކޯވިޑް 19 އާއި ގުޅިގެން އެޗްޕީއޭއިން ޤައިމްކޮށްފައިވާ 4 ކްލިކަށް މީހުން ދައްކާފައިވާ ގޮތުގެ ތަފްސީލްވެސް މަބުރޫކްވަނީ ހާމަކުރައްވާފައެވެ. އެގޮތުން ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި މި ކްލިނިކްތަކަށް މީހުން ދައްކާފައިވާ ގޮތުގެ ތަފްސީލް މަބުރޫކްވަނީ ދެއްވާފައެވެ.
ރާއްޖެއަށް ފާއިތުވެދިޔަ ސައުވީސް ގަޑިއިރުގެ ތެރޭގައި ނިސްބަތުން އެތެރެވެފައިވަނީ މަދުބައެއްކަމަށް މަބްރޫކްވަނީ ވިދާޅުވެފައެވެ. ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ބޭރުގައި އުޅޭ 91 ދިވެހިންވެސް ވަނީ ރާއްޖެއައިސްފައެވެ. މި އެންމެންވެސް މިހާރުވަނީ 14 ދުވަހުގެ ކަރަންޓީން ފެސިލިޓީސްތަކަށް ގެންދެވިފައެެވެ.