ކޯވިޑް-19އާ ގުޅިގެން ސަރުކާރުން ޢަމަލުކުރާނެ ގޮތުގެ އެންމެ އިސްބަސްވެސް އަދި ފަހުބަސްވެސް ވިދާޅުވާނީ ރާއްޖޭގެޞިއްޙީ ދާއިރާގެ ފަރާތްތައްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ކޯވިޑް-19ގެ ރާއްޖޭގެ ޙާލަތާ ގުޅިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި އެމަނިކުފާނު ވިދާޅުވީ ޖެނުއަރީ 6 އިން ފެށިގެން ރާއްޖޭގައި އަންނަނީ ސިއްޙީ ފަރާތްތަކުގެ ލަފަޔާއެކު ރައްކާތެރިކަމުގެ ފިޔަވަޅު އަޅުއްވަމުންކަމަށެވެ. އަދި ދެންވެސް ޢަމަލުކުރައްވާނީ ޞިއްޙީ ދާއިރާގެ ބޭފުޅުންގެ ލަފަޔާއާ އިރުޝާދާ އެއްގޮތަށްކަމަށް ވިދާޅުވިއެވެ.
ރެއާއި ދުވާލު ވަރުބަލިކަމެއްނެތި ރާއްޖޭގެ ޞިއްޙީ އިދާރާތަކުގެ ބޭފުޅުން ކުރައްވާ މަސައްކަތަކީ ދިވެހި ރައްޔިތުންގެ ފުރާނަ ސަލާމަތްކޮށް ދިވެހި ޤައުމު ކޯވިޑް-19ގެ ނުރައްކަލުން ސަލާމަތްކުރުމުގެ މަސައްކަތްކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ޑޮކްޓަރުންނާއި ޞިއްޙީ އިދާރާތަކުގެ އިރުޝާދާ އެއްގޮތަށް ޢަމަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާވަނީ ޢާއްމުރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.
މުޅި ދުނިޔޭގައި ހަލުވިކަމާއިއެކު ކޯވިޑް-19 ފެތުރެމުންދާއިރު ބަލީގެ ނުރައްކާތެރިކަން ރާއްޖެއަސްވެސް އިންތިހާއަށް އޮތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މިބަލިން ރައްކާތެރިވުމަށްޓަކައި ހުރިހާ ރައްޔިތުންވެސް ކަމާބެހޭ ފަރަތްތަކުގެ އިރުޝާދުތަކާ އެއްގޮތަށް ގޭގައި ތިއްބެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސް ކުރައްވާފައެވެ.
އެމަނިކުފާނުވަނީ މިހާލަތުގައި ރާއްޖޭގެ ޞިއްޚީ ޚިދުމަތްތެރިންނާއި، ކަމާއިގުޅިންހުރި 46 އިދާރާ ގުޅިގެން އުފައްދަވާފައިވާ ނޭޝަލް އެމެޖެންސްީ ސެންޓަރުން ކުރައްވާ ބުރަމަސައްކަތް ފާހަނގަކޮށް އެފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ވަކިން ޚާއްސަކޮށް ޞިއްޙީ ޚިދުދުމަތްތެރިންގެ މަަސއްކަތް ފާހަގަކޮށް އެމަނިފާނުވަނީ އެފަރަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.