ކޯވިޑް-19 އިން ރައްކާތެރިވުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއެކީ މިހާރު އޮތް މިންގަނޑުގައި ކުރިއަށް އޮތް އެއްމަސްދުވަހު ހިފެހެއްޓިއްޖެނަމަ ކޯވިޑް-19 އިން ސަލާމަތްވެވޭނެކަމުގެ އުންމީދު ވަރަށްބޮޑުކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޚު ވިދާޅުވެއްޖެއެވެ.
ކޯވިޑް-19 އިން ރައްކާތެރިވުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން މިހާތަނަށް ލިބިފައިވާ ކުރިއެރުންތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިކަމުގައި ރާއްޖެއިން އެކުލަވާލާފައިވާ ޓެކްނިކަލްޓީމުން ދެއްވާ ލަފަޔާއިއެކު އަޅަންޖެހޭ ފިޔަވަޅު ދުވަހުން ދުވަހަށް އަޅަމުންދާކަމަށެވެ.
ރައީސް ވިދާޅުވީ ޞިއްޚީ ކުއްލި ނުރައްކަލުގެ މިހާލަތުގައި ރާއްޖެއިން މިހާތަނަށް އަމަލުކޮށްފައިވާ ގޮތްތަކުން ބަލި ފެތުރުނަނުދީ ކޮންޓްރޯލެއްގެ ތެރޭގައި ހިފެހެއްޓިފައިވާކަމަށެވެ. ނަމަވެސް ބަލިކޮންޓްރޯކޮށް ޞިއްޚީ ދާއިރާގެ ބޭފުޅުންގެ އިރުޝާދާއިއެކު ސަރުކާރުން ކުރަމުންދާ މަސައްކަތަށް ކާމިޔާބެއް ލިބޭނީ މިކަމުގައި މިހާރުވެސް ހިފެހެއްޓިފައިވާ ކަންތައްތަކާއިއެކު ކުރިއަށް އޮތް 1 މަސްދުވަހު މި މިންގަނޑުގައި ހިފެހެއްޓިގެންކަމަށެވެ.
ބަލި އެންމެބޮޑަށް ފަތުރުނު ޗައިނާގެ ވޫހާން ސިޓީން މިސާލު ނަންގަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެސިޓީގައިވެސް ހަރުކަށި ފިޔަވަޅުއަޅައި ޞިއްޚީ ކަމާއިބެހޭ ފަރާތްތަކުގެ އިރުޝާދުތަކާއިއެކު ކުރެއްވި މަސައްކަތުން މިހާރު އެސިޓީން ކޮންޓްރޯލްވެފައިވާކަމަށެވެ. ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް މިދަނޑިވަޅުގައި ކަމާއިބެހޭ ފަރާތްތަކުގެ އިރުޝާދުތަކަށް ބޯލަނބައި އެއްއަޒުމެއްގައި މަސައްކަތް ކުރައްވައިފިނަމަ މިކަމުން ސަލާމަތްވެވޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ މިހާރުގެ ހާލަތާއި ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ މިވަގުތަކީ އެއްވެސް ރައްޔިތަކަށް ފަސޭހަ ވަގުތެއްނޫންކަމަށެވެ. އަދި ގެއިން ނުނިކުމެ ކެފޭ ރެސްޓޯރެންޓުތައް ބަންދުކޮށް ގޭގައި ތިބެންޖެހުމަކީ އެއްވެސް ރައްޔިތަކަށް ފަސޭހަކަމަކަށް ނުވާނެކަމަށް އެމަނިކުފާނުވިދާޅުވިއެވެ. ނަމަވެސް މިދަނޑިވަޅުގައި ކެތްތެރިކަމާއެކު ރައްޔިތުން ދައްކަވަމުންދާ ނަމޫނާއަށް އެމަނިކުފާނުވަނީ ޝުކުރު އަދާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކަންކަން އެންމެ ގޯސްވާ ހާލަތަކަށްވެސް ސަރުކާރުން އޮތީ ތައްޔާރަށް ކަމަށެވެ. އެގޮތުން އެންމެ ނުރައްކާތެރިވެދާނެ ހާލަތުގައިވެސް ބަލިޖެހިދާނެކަމަށް ގަބޫލުކުރެވޭ މީހުންގެ އަދަދާއި، އެންމެ ހާލުބޮޑުވެދާނެކަމަށް ގަބޫލުކުރެވޭ ހިސާބުތަކެއްވެސް ހެދި، އެކަމަށް ބޭނުންވާ ވަސީލަތްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރައްވަމުންދާކަމަށް ރައީސް ވިދާޅުވިއެވެ. އަދި 200 އައިސީޔޫ އެނދާއި، އައިސޮލޭޝަނާއި ކަރަންޓީންއަށް ބޭނުންވާ 1000 އަށްވުރެ ގިނަ ފެސިލިޓީސް ތައްޔާރުކުރެވިފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.