ގދ. މާވަރުލު އެއަރޕޯޓު ހުޅުވުން އަނެއްކާވެސް ފަސްކޮށްފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ، ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ކޮންމެހެން ކުރަންޖެހޭ ދަތުރުފަތުރު ނޫނީ ނުކުރުމަށް ސަރުކާރުން އިލްތިމާސް ކުރައްވާފައިވާތީއާއި، އައިލެންޑް އޭވިއޭޝަންގެ ދަތުރުތައްވެސް މިހާރު މަދުކޮށްފައިވާތީ، މާވަރުލު އެއަރޕޯޓުގެ ފްލައިޓް އޮޕަރޭޝަންސް ފެށުން މިވަގުތު މަޑުޖައްސާލާފައިވާކަމަށެވެ.
މާވަރުލު އެއަރޕޯޓަށް މިމަހުގެ 11 ވަނަ ދުވަހު ޓެސްޓް ފްލައިޓް ޖައްސާފައިވާއިރު، މާވަރުލު އެއަރޕޯޓު ފުރަތަމަ ހުޅުވުމަށް ޓްރާންސްޕޯޓުން ކަނޑައަޅާފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. ނަމަވެސް ރާއްޖޭންވެސް ކޯވިޑް-19ގެ ޕޮޒިޓިވް ކޭސްތަކެއް ފެނުމާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމުގެ ގޮތުން އެއަރޕޯޓު ހުޅުވުން މިމަހުގެ 30 ވަނަ ދުވަހަށް ޓްރާންސްޕޯޓު މިނިސްޓްރީން ފަސްކުރިއެވެ. އެހެންނަމަވެސް އެއަރޕޯޓު ހުޅުވުން ދެވަނަ ފަހަރަށް މިވަނީ ފަސްކޮށްފައެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ، ރާއްޖޭގެ ހާލަތަށް އަންނަ ހެޔޮ ބަދަލުތަކަށްބަލާ މާވަރުލު އެއަރޕޯޓުގެ އޮޕަރޭޝަންސް ފެށުމަށް ކަނޑައަޅާ ތާރީޚެއް ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި މިނިސްޓްރީގެ ފަރާތުން އިޢުލާންކުރާނެކަމަށެވެ.
ގދ. މާވަރުލުގައި އެއަރޕޯޓެއް ތަރައްޤީކުރުމަށް ކުންފުންޏަކާ ޙަވާލުކޮށްފައިވަނީ 2011ވަނަ އަހަރުއެވެ. އެހެންނަމަވެސް އެކި ސަބަބުތަކާހުރެ މަސައްކަތް ހަވާލުކުރި ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން އުވާލުމަށްފަހު، ދިގު މުއްދަތެއް ވަންދެން އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އެރަށުގައި އެއަރޕޯޓް ހެދުމުގެ މަސައްކަތް އަލުން ފަށާފައިވަނީ 2018 ވަނަ އަހަރުގެ މެދުތެރޭގައި، މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޓްރެކްޓިންގ ކޮމްޕެނީ އެމް.ޓީ.ސީ.ސީއާ ޙަވާލުކޮށްގެންނެވެ.
އެމް.ޓީ.ސީ.ސީއާ ޙަވާލުކުރީ އެއަރޕޯޓްގެ ރަންވޭ ހެދުމާއި ޓެކްސީވޭ އަދި ފްލައިޓުތައް ޕާކުކުރާ އޭޕްރަން ހެދުމަށެވެ. ސަރުކާރުން މި މަސައްކަތް އެމް.ޓީ.ސީ.ސީއާ ހަވާލުކޮށްފައިވަނީ 57 މިލިއަން ރުފިޔާއަށެވެ. މިއެއަރޕޯޓު ތަރައްޤީކޮށްފައިވަނީ 1200 މީޓަރުގެ ދިގު ރަންވޭއަކާއެކުގައެވެ. މިއީ އެތެރޭގެ އުދުހުންތަކަށް ޚާއްޞަކޮށްގެން ތަރައްޤިކޮށްފައިވާ އެއަރޕޯޓެކެވެ.