ދުނިޔޭގައި މިހާރު އެންމެ ހަލުވިކަމާއެކު ކޯވިޑް-19 ފެތުރޭ ޤައުމަކަށް އެމެރިކާ ވެއްޖެއެވެ.
އެންމެ ފުރަތަމަ ކޯވިޑް-19 ފެތުރުނު ޤައުމުކަމަށްވާ ޗައިނާއަށްވުރެ ގިނަ މީހުން އެމެރިކާގައި މިހާރު މި ބައްޔަށް ވަނީ ޕޮޒިޓިވްވެފައެވެ. އެގޮތުން އެންމެފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އެމެރިކާގައި ކޯވިޑް-19 އަށް ޕޮޒިޓިވް ވި މީހުންގެ އަދަދު އަށްޑިހަ ފަސް ހާސް ފަސް ސަތޭކައަށްވުރެ މައްޗަށް ވަނީ ގޮސްފައެވެ. އަދި މި ބަލީގައި އެއް ހާސް ތިން ސަތޭކައަށްވުރެ ގިނަ މީހުން އެމެރިކާގައި ވަނީ މަރުވެފައެވެ. އެކްޓިވް ކޭސްތަކުގެ ގޮތުގައި ނުވަތަ މިހާރުވެސް ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންދާ މީހުންގެ އަދަދު އަށްޑިހަ ދެ ހާހަށްވުރެ މަތީގައި އުޅޭއިރު، ކްރިޓިކަލް ހާލަތުގައި ފަރުވާ ދެމުންދާ މީހުންގެ އަދަދުވެސް ވަނީ ދެހާހަށްވުރެ މައްޗަށް އަރާފައެވެ. އެމެރިކާގައި ކޯވިޑް-19 އެންމެ ހަލުވިކަމާއެކު ފެތުރެމުންދަނީ ނިއުޔޯކް ސިޓީގައެވެ. އެގޮތުން އެ ސިޓީން އެކަނިވެސް ތިރީސް އަށް ހާހަށްވުރެ ގިނަ މީހުން މި ބައްޔައް ޕޮޒިޓިވްވެފައިވެއެވެ.
މި ބައްޔަށް ދެން އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ ޗައިނާގައެވެ. އެގޮތުން ޗައިނާގައި އަށްޑިހަ ދެ ހާހަށްވުރެ ގިނަ މީހުން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، މަރުވި މީހުންގެ އަދަދު އުޅެނީ ތިން ހާސް ދުއިސައްތައަށްވުރެ މަތީގައެވެ. މި ބަލި އެންމެ ފުރަތަމަ ޗައިނާގައި ހަލުވިކަމާއެކު ފެތުރުނު ނަމަވެސް، އެ ޤައުމުން އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި ޗައިނާގައި މިބަލި ފެތުރޭ މިންވަރު ވަނީ ބޮޑުތަނުން ކޮންޓްރޯލްކޮށްފައެވެ.
ކޯވިޑް-19 ގެ އަސަރުކޮށްގެން ދުނިޔޭގައި މިހާތަނަށް އެންމެ ގިނަ ބަޔަކު މަރުވެފައިވަނީ އިޓަލީވިލާތުންނެވެ. އެގޮތުން އެ ޤައުމުން އެކަނިވެސް އަށް ހާސް ދުއިސައްތައަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، ބައްޔަށް ޕޮޒިޓިވް ވި މީހުންގެ އަދަދު އުޅެނީ އަށްޑިހަ ހާހުން މަތީގައެވެ. ދެން އެންމެ ހަލުވިކަމާއެކު ބަލި ފެތުރެމުންދާ ސްޕެއިން އިން މިހާތަނަށް ފަންސާސް ހަތް ހާހަށްވުރެ ގިނަ މީހުންނަށް މި ބަލި ޖެހިފައިވާއިރު، އެ ޤައުމުން މަރުވި މީހުން އަދަދު ވަނީ ހަތަރު ހާސް ތިން ސަތޭކައަށްވުރެ މައްޗަށް އަރާފައެވެ.
ދުނިޔޭގެ 190 އަށްވުރެ ގިނަ ޤައުމުން މިހާރު ކޯވިޑް-19 ފެނިފައިވާއިރު، މިހާތަނަށް މި ބައްޔަށް ޕޮޒިޓިވް ވި މީހުންގެ އަދަދު ވަނީ ބައި މިލިއަނަށްވުރެ މައްޗަށް އަރާފައެވެ. އަދި މަރުވި މީހުންގެ އަދަދު ސައުވީސް ހާހަށްވުރެ މައްޗަށް ވަނީ އަރާފައެވެ.