ޚަބަރު

ވީޑިއޯ ކޮންފަރެންސުން މިޝަންތަކުގެ ވެރިންނާ މިނިސްޓަރ ޝާހިދު ބައްދަލުކުރައްވައިފި


ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހުރިހާ ޑިޕްލޮމެޓިކް މިޝަންތަކުގެ އިސްވެރިންނާ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފިއެވެ.

މިވީޑިއޯ ކޮންފަރެންސްގައި ރާއްޖެއިން ބޭރުގައި ޤާއިމްކޮށްފައިވާ 17 ޑިޕްލޮމެޓިކް މިޝަންގެ އެންމެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވެވި މި ބައްދަލުވުމުގައި ރާއްޖެއިން ބޭރުގައި ހުރި ރާއްޖޭގެ ހައިކޮމިޝަންތަކާ، އެމްބަސީތަކާ، ޕާމަނަންޓް މިޝަންތައް އަދި ކޮންސިއުލޭޓް ޖެނެރަލް މެދުވެރިކޮށް ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާ އަދި ދިމާވާ ދަތިތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައިވެއެވެ. އަދި ކޯވިޑް-19 އާ ގުޅިގެން ރާއްޖެއިން ބޭރުގައި ދަތުރު ނުކުރެވި، ތާށިވެފައި ތިބި ދިވެހިންނަށް ވެދެވެން ހުރި ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް މިޝަންތަކުގެ ވެރިން އަރިހުން މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.

ހުރިހާ ސަފީރުންނާ އެއްވަގުތެއްގައި ވީޑިއޯ ކޯލް މެދުވެރިކޮށް މިނިސްޓަރ ބައްދަލުކުރެއްވިނަމަވެސް ކޮންމެ ދުވަހަކުވެސް ވަކިވަކިން މިޝަންތަކުގެ އިސްވެރިންނާ ވާހަކަފުޅު ދައްކަވައި، ކޮންސިއުލަރ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާ ކަމަށް ފޮރިން މިނިސްޓްރީން މަޢުލޫމާތުދެއްވާއެވެ. ޚާއްސަކޮށް ކޯވިޑް-19 އާ ގުޅިގެން ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް ދިމާވާ ދަތިތަކާ ބެހޭ ގޮތުން މައުލޫމާތު ހޯއްދަވައި، އެކަންކަން ހައްލުކުރުމަށް އެޤައުމުތަކުގެ ޚާރިޖީ ވަޒީރުންނަށް ފޯނުން ގުޅުއްވައި، މަޝްވަރާ ކުރައްވާ ކަމަށްވެސް އެމިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.