ޚަބަރު

ސްރީލަންކާގައި ނާދެވި ތިބި 100 ދިވެހިން ގެނެސްފި


ކޯވިޑް-19 އާ ގުޅިގެން ސްރީލަންކާގައި ނާދެވެ ތިބި 100 ދިވެހިން މޯލްޑިވިއަންގެ ފްލައިޓްގައި ރާއްޖެ ގެނެސްފިއެވެ.

އެމީހުން ރާއްޖެ ގެނެސްފައިވަނީ ރޭ 9:45 ހާއިރުއެވެ. ކޮލަމްބޯގައި ތާށިވެފައި ތިބި ދިވެހިން ގެންނަން ކުރިން ދެ ފްލައިޓް ބާއްވަން ނިންމާފައިވީނަމަވެސް ބޭއްވީ އެއް ފްލައިޓެވެ. ސްރީލަންކާގެ ޓިކެޓް ވިއްކާފައި ވަނީ 300 ޑޮލަރަށެވެ.

ކޯވިޑް-19 އާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ތައްޔާރުކޮށްފައިވާ އެސްއޯޕީގައިވާ ގޮތުން ރާއްޖެއަށް އަންނަ ޓޫރިސްޓުން ފިޔަވައި އެންމެން ވެސް 14 ދުވަހަށް ކަރަންޓީން ފެސިލިޓީއެއްގައި ތިބެން ޖެހޭނެއެވެ. އެހެންކަމުން ސްރީލަންކާއިން ރާއްޖެއައި ދިވެހިންވެސް ވަނީ ކަރަންޓީން ފެސިލިޓީއަށް ގެންގޮސްފައެވެ.

ކަރަންޓީންގެ 14 ދުވަސް ހަމަވުމުން އެ މީހުން ދޫކޮށްލާނީ ކޯވިޑް-19އަށް ޓެސްޓްކޮށް، ނަތީޖާ ނެގެޓިވް ވުމުންނެވެ.

ލަންކާގައި ތިބި ދިވެހިންގެ ތެރެއިން 100 މީހަކު ރާއްޖެ ގެނައިއިރު، މިއީ ކޯވިޑް-19 ފެތުރުމުގެ ސަބަބުން އެކި ގައުުތަކުގެ ވައިގެ ދަތުރުތައް ހުއްޓާލުމަށް ފަހު ރާއްޖެ އަށް ދިވެހިން ގެނައުމަށް ޤައުމީ އެއާލައިން މޯލްޑިވިއަން އިން ކުރި ފުރަތަމަ ދަތުރެވެ.

އިންޑިއާގެ ކޮޗިންގައި ތާށިވެފައި ތިބި ދިވެހިންވެސް މިއަދު ރާއްޖެ ގެނައުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ކޮޗިންގައި ތިބި 200 މީހަކު ގެނައުމަށް ވަނީ ނިންމާފައެވެ. އަދި މިމީހުންވެސް 14 ދުވަހުގެ ކަރަންޓީން މުއްދަތު ހަމަކުރަން ޖެހޭނެއެވެ.

ސަރުކާރުން ދަނީ އެކި ޤައުމުތަކުގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ މީހުން ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން އިންޑިއާގެ ޓްރިވެންޑްރަމް އާއި މެލޭޝިއާގެ ކުއަލަލަމްޕޫރުގައި އުޅޭ ދިވެހިން ގެނައުމަށް މަސައްކަތް ކުރަމުންދާކަން ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.