ޚަބަރު

ސްރީލަންކާގެ ފިޓްސް އެއަރއިން ރާއްޖެއަށް ކާގޯ ދަތުރުތައް ފަށައިފި


ސްރީ ލަންކާގެ ފިޓްސްއެއަރ އިން ރާއްޖެއަށް ކާގޯ ދަތުރުތައް ފަށައިފިއެވެ.

ފިޓްސްއެއަރގެ އޮފިޝަލެއް މައުލޫމާތުދޭ ގޮތުގައި ކޮލަމްބޯއާއި ރާއްޖެއާއި ދޭތެރޭ ކާގޯ އުފުލަން ފަށާފައިވަނީ މިމަހުގެ 2 ވަނަ ދުވަހުކަމަށެވެ. މިގޮތުން މޭވާ، ތަރުކާރީ އަދި މަހާއި އެހެނިހެން ބާވަތުގެ ތަކެތި މިފްލައިޓްތައް މެދުވެރިކޮށް ރާއްޖެއަށް ގެނެސްދޭނެކަމަށް ފިޓްސް އެއަރއިން ބުނެއެވެ. އަދި ކޮންމެ ކާގޯ ފްލައިޓެއްގައި 6.5 ޓަނުގެ މުދާ އެއަރ ފްރައިޓް ކުރާނެކަމަށްވެސް ފިޓްސްއެއަރއިން މައުލޫމާތުދެއެވެ.

ފިޓްސް އެއެއަރލައިންގެ އޮފިޝަލް ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ދުނިޔޭގެ އިމްޕޯޓް އެކްސްޕޯޓަށް އަސަރުކޮށްފައިވާ މިދަނޑިވަޅުގައި ސްރީލަންކާއިން ރާއްޖެއާއި އެހެން ޤައުމުތަކަށް އެއަރލައިން މެދުވެރިކޮށް ކާގޯ ފޯރުކޮށްދެމުންދާނެކަމަށެވެ. މިގޮތުން ސްރީލަންކާއިން ރާއްޖޭގެ ވިޔަފާރިވެރިން ގެންނަ މުދާ އުފުލުމުގައި އެއަރލައިންގެ ޚިދުމަތް ލިބޭނެކަމަށެވެ.

ފިޓްސް އެއަރއަކީ ސްރީލަންކާގެ ޑޮމެސްޓިކް އެއަރލައިނެކެވެ.