މިނިވަން ފަންސާސް ފާހަގަކުރުމަށް ބޭއްވި ފުޅަނދު ބުރު ބަލާލުމަށް އެއްލައްކައާއި ގާތްކުރާ އަދަދަކަށް މީހުން މަގުމައްޗަށް ނިކުމެފައިވާކަމަށް ލަފާކުރެވޭކަމަށް ހޯމް މިނިސްޓަރގެ ނައިބް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.މިނިވަން ފަންސާސް ފާހަގަކުރުމަށް ބޭއްވި ހާއްސަ ފުޅަދުބުރުގައި ޖުމްލަ 24 މުއައްސަސާއަކުން 34 ފުޅަނދު ބައިވެރިކޮށްފައިވާއިރު މި ފުޅަނދު ބުރުވެގެން ގޮސްފައިވަނީ މިހާތަނަށް އާންމުންގެ އެންމެ ބޮޑު ތަރުހީބެއް ލިބިގެންދިޔަ ފުޅަދު ބުރަށެވެ.އެގޮތުން ޒުވާނުންގެ މަރުކަޒު ކައިރިން ފެށިގެން މަޖީދީމަގުގެ އިބްރާހިމީ މިސްކިތާހަމަޔަށް ގިނަބަޔަކު ޖަމާވެފައިވާއިރު ސޯސަންމަގުވެސް ތޮޖެހިވާތަން ފެނިގެންދިޔައެވެ. ހަމަ މިއާއެކު ގޭގެ ކޯރިޑޯތަކާއި ބައެއް ގޭގޭގެ ފުރާޅުތައް މަތީވެސް ގިނަބަޔު ފުޅަދު ބުރު ބަލަން ތިބިއިރު ރައްޔިތުންގެ އެއްބައިވަންތަކަން ފެންނަމުންދިޔައެވެ. މިފަހަރުގެ ފުޅަދުބުރަށް ލިބުނު ތަރުހީބާއެކު ކުރިއަށް އޮތްތާގައި ޖުލައި 26 ގައި ފުޅަދު ބުރު ބޭއްވުމަށް ނިންމަވާފައިވާކަމަށް ހޯމް މިނިސްޓަރގެ ނައިބު އަހުމަދު ސަލީމް ވިދާޅުވިއެވެ.ފުޅަނދު ބުރު ބަލާލަން ގޮސް ތިބި ބައެއް ފަރާތްތަކުން ބުނީ ފުޅަދުރު ބޭއްވުމަކީ ވަރަށް ރަނގަޅުކަމެއްކަމަށާއި ނަމަވެސް މިއަހަރުގެ ފުޅަނދު ބުރު އޮތް ގަޑީގެ ގޮތުން ކުޑަކުދިންތަކެއް ގޮވައިގެން އެހާ ދަންވަންދެން ތިބެން ޖެހުމުން އެހާ ހިތްހަމަ ނުޖެހޭކަމަށެވެ. ނަމަވެސް މިނޫން ގޮތަށް ގަޑި ބަދަލުކޮށްގެން ފުޅަނދު ބުރު ބޭއްވުމަކީ ބޭނުންވާކަމެއްކަމަށް ބައެއް އާންމުން ބުނެފައިވެއެވެ.ފުޅަނދު ބުރު ރޭގަނޑު ބާއްވަން ޖެހެނީ ފުޅަދުތައް ޒީނަތްތެރިކުރެވިފައިވަނީ ކުލަބޮކިންކަމަށްވުމުން އޭގެ ރީތިކަން އާންމުންނަށް ފެންނާނީ ރޭގަނޑުގައި ކަމަށްވާތީކަމަށް ހޯމް މިނިސްޓަރގެ ނައިބު އަހުމަދު ސަލީމް ވިދާޅުވިއެވެ.ކުޑަކުދިންނަށް ހާއްސަކޮށްގެން ފުޅަދުތަކުގައި ފޮޓޯ ނެގުމުގެ ފުރުސަތު މިއަދު ހަވީރު ހުޅުވާލާނެކަމަށް ހޯމް މިނިސްޓްރީން މައުލޫމާތުދެއެވެ.