ހަލުވިކަމާއެކު ފެރުމެންދާ ކޯވިޑް-19ގެ ސަބަބުން މުޅި ދުނިޔެ މިވަނީ ހުއްޓުމަކަށް އައިސްފައެވެ. ދުނިޔޭގެ އިޤްތިޞާދު މިވަނީ ހުއްޓިފައެވެ. ގިނަ ޤައުމުތަކުގެ ރައްޔިތުން ތިބީ ގޭގައި ބަންދުވެފައެވެ. ސަރުކާރުތައް ވަނީ ބަލިކަށިވެފައެވެ. ޤައުމުތަކުގެ ދެމެދުގައި އޮންނަ ގުޅުންދަނީ ހީނަރުވަމުންނެވެ.
މި ދަނޑިވަޅުގައި ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ހިނގަމުންދާ ހަނގުރާމަތައް ވަގުތީގޮތުން ހުއްޓުމަކަށް ގެނެސް، ޙަމަލާ ބަދަލުުކުރުން ހުއްޓާލަން އދ އިން ދަނީ ގޮވާލަމުންނެވެ. ކޯވިޑް-19ގެ ސަބަބުން ދުނިޔޭގެ ޙާލަތު އެއްދުވަހުން އަނެއްދުވަހަށް ގޯސްވާނެކަމުގެ އިންޒާރު އދ ގެ ސެކެޓްރީ ޖެނެރަލް އަންތޯނިއޯ ގުތޭރެޝް ވަނީ ދެއްވާފައެވެ. ނަމަވެސް މެދުއިރުމަތީގެ އެކި ސަރަޙައްދުތަކުގައި ހިނގަމުންދާ ހަނގުރާމަތަކަށް ކޯވިޑް-19 ގެ ސަބަބުން ކުރާނެ އަސަރު ބުނަން ދައްޗެވެ.
ސޫރިޔާއާއި ޔަމަނާއި ލިބިޔާއާއި އިރާޤުގައި ހިނގަމުންދާ ހަނގުރާމަތަކަށް ބަލާލަމާ ހެއްޔެވެ.
ސޫރިޔާގައި ހިނގަމުންދާ ނުވަ އަހަރުވީ ދާޚިލީ ހަނގުރާމައިގައި ރަޝިޔާއިން ދަނީ ސޫރިޔާގެ ސަރުކާރަށް ވާގިވެރިވަމުންނެވެ. އަދިި އިދިކޮޅު ހަނގުރާމަވެރިންނަށް ވާގިވެރިވަނީ ތުރުކީވިލާތުންނެވެ. ކޯވިޑް-19 ބަލާއާފާތެއްގެ ގޮތުގައި ކަނޑައެޅުނީ މައްސަލައިގެ ތެރެއަށް ވަދެފައިވާ ބޭރު ޤައުމުތައް މެދުވެރިވެ، ސޫރިޔާގައި ކުރަމުންދާ ހަނގުރާމައިގައި ޙަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަކަށް ޢަމަލުކުރަން ފެށުނުތަނާއެވެ.
ޙަމަލާ ބަދަލުކުރުން މަނާ ސަރަޙައްދު ކަމުގައިވާ އިދްލީބުގެ ހުޅަނގު އުތުރު ސަރަޙައްދުގައި ދިރިއުޅެމުންދާ ތިން މިލިޔަނަށްވުރެ ގިނަ މީހުންނަށް އެއްބަސްވުން ދެމިއޮންނާނެ ކަމުގެ އެއްވެސް ޔަޤީންކަމެއް އޭރަކު ނެތެވެ. ނަމަވެސް ސޫރިޔާގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެން ފަށާފާނެކަމުގެ ބިރަށް ޙަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން އިތުރު މުއްދަތަކަށް ދެމިގެންދާނެކަމަށް ބެލެވެއެވެ.
ސީރިއަން އޮބްޒަވޭޓަރީ ފޮރ ހިއުމަން ރައިޓްސުން ބުނީ 2011ވަނަ އަހަރު ސޫރިޔާގެ ދާޚިލީ ހަނގުރާމަ ފެށުނީއްސުރެ މިހާތަނަށް އެންމެ މަދު ޢަދަދެއްގެ ޢާންމުން ހަނގުރާމައިގެ ސަބަބުން މަރުވެފައިވަނީ މިދިޔަ މާޗުމަހުގައި ކަމަށެވެ. އެއީ 103 މީހުންނެވެ.
ސޫރިޔާގައި މިވަގުތު އޮތް ތިން ބާރުކަމަށްްވާ ދިމިޝްކުގައި ވެރިކަންކުރާ ސަރުކާރާއި ސޫރިޔާގެ އިރުއުތުރުގެ ސަރަޙައްދުތަކަށް އަތްގަދަކޮށްފައިވާ ކުރުދީންނާއި އިދްލީބުގައި ބާރު އޮންނަ އިދިކޮޅު ހަނގުރާމަވެރިން ކޯވިޑް-19 ބަލިމަޑުކަމާމެދު ޢަމަލުކުުރާ ގޮތަކީ އެބައެއްގެ ވަރުގަދަކަން ދައްކާ ސޫރިޔާގައި ވެރިކަން ކުރަން އެންމެ އެކަށީގެންވާ އަދި ޤާބިލް ބަޔަކީ އެއީކަމަށް ދެއްކުމަށް ލިބޭ ރަނގަޅު ފުރުޞަތެކެވެ. އަދި މުޅި ޤައުމު ވެރިކަންކުރާ ސަރުކާރުގެ ބާރުގެ ދަށަށް ގެނައުމަކީ އެންމެ އެދެވޭ ގޮތްކަން ކަށަވަރުކޮށްދިނުމަށް ދިމިޝްކުގައި އޮތް ސަރުކާރަށް ލިބޭ ރަނުގެ ފުރުޞަތެކެވެ.
ނަމަވެސްް ކޯވިޑް-19ގެ ސަބަބުން ދުނިޔެއަށް ކުރިމަތިވެފައިވާ ނާޒުކު ޙާލަތުގެ ސަބަބުން ސޫރިޔާއާއި އަވަށްޓެރި ޢިރާޤުގައި ޙަރަކާތްތެރިވާ އެމެރިކާ ސިފައިން ދެޤައުމު ދޫކޮށް ދާނެކަމަށް ބެލެވެއެވެ. އެކަން އެގޮތަށް ވެއްޖެނަމަ އައިއެސް ޖަމާޢަތް ބާރުގަދަކޮށް ޙަމަލާތައް އިތުރުކޮށްފާނެކަމުގެ ބިރު އެބައޮތެވެ.
ޔަމަނުގެ ސަރުކާރު ވައްޓާލައި އެގައުމަށް އަތްގަދަކުރުމަށް މަސައްކަތްކުރަމުންދާ ޝިއައީ ހޫތީންނާއި ޔަމަނުގެ ސަރުކާރު އެންމެ ފުރަތަމަ ވަނީ އދ އިން ޙަމަލާ ބަދަލުކުރުން ހުއްޓާލުމަށް ގޮވާލި ގޮވާލުމަށް މަރުޙަބާކިޔާފައެވެ. ޔަމަނުގެ ސަރުކާރަށް ވާގިވެރިވާ އަސްކަރީ އިއްތިޙާދުގައި އިސްކޮށް ޙަރަކާތްތެރިވާ ސަޢުދީ ޢަރަބިއްޔާއިންވެސް ވަނީ އެގޮވާލުމަށް ތާޢީދުކޮށްފައެވެ.
އެހެންނަމަވެސް ފާއިތުވީ 5 އަހަރު ހިނގަމުންދިޔަ ހަމަނުޖެހުންތަކަށް ވަގުތީ ނިމުމެއް އައިސްފައިވާކަމުގެ އުއްމީދު އައުވެފައިވަނިކޮށް އެ ހުވަފެންތައް ފުނޑުފުނޑުވީ މިދިޔަ ޙަފްތާގައި ސަޢުދީ ޢަރަބިއްޔާގެ ރިޔާޟަށް އަމާޒުކޮށް އީރާނުން ވާގިވެރިވާ ހަނގުރާމަވެރިން ރޮކެޓު ޙަމަލާއެއް ދިނުމުންނެވެ. އެ ޙަމަލާ ސަޢުދީ ޢަރަބިއްޔާއިންވަނީ ހުއްޓުވާފައެވެ. އަދި އެޙަމަލާގެ ބަދަލެއްގެ ގޮތުން ސަޢުދީ ޢަރަބިއްޔާއިން ވަނީ ހޫތީންގެ ބާރުގެ ދަށުގައި އޮންނަ ސަންޢާއަށް ޙަމަލާދީފައެވެ.
ޙަމަލާތަކުގެ ސަބަބުން ޞުލްޙަ ޤާއިމްކުރުމަށް ކުރަމުންދާ މަޝްވަރާތަކަށް ހުރަސް އެޅިފައިވީނަމަވެސް އދ ޙާއްޞަ ގެ މަންދޫބު މާޓިން ގްރިފިތްސް ދަނީ ޙަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއްގެ އުއްމީދުގައި ކޮންމެ ދުވަހަކުވެސް މަޝްވަރާތައް ބާއްވަމުންނެވެ.
ހަނގުރާމައިގެ ޙާލަތުގައި ގިނަ އަހަރުތަކެއް ވަންދެން އޮތުމުގެ ސަބަބުން ޔަމަނުގައި ދިރިއުޅޭ 24 މިލިއަނަށް ވުރެ ގިނަ މީހުންވަނީ އިންސާނީ އެހީތެރިކަމަށް ބޭނުން ޖެހިފައެވެ. ފެން ލިބުމުގައި ގިނަ ދަތިތަކަކާ ކުރިމަތިލާންޖެހެއެވެ. އަދި އެޤައުމުގެ ޞިއްޙީ ފަރުވާދޭ ނިޡާމާއި އިމާރާތްތައްވަނީ ވީރާނާވެފައެވެ. މިފަދަ ނާޒުކު ޙާލަތެއްގައި އޮތް ޔަމަނުގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެންފަށައިފި ނަމަ ޤައުމުގެ ޙާލަތު އިތުރަށް ގޯސްވާނެއެވެ. އަދި ޙަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަކަށް ނާދެވި ޔަމަނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭން ނުކުޅެދިއްޖެނަމަ ވައިރަހުގެ ސަބަބުން އެޤައުމުގެ އާބާދީ އެއްކޮށް ފޮހެވިގެން ދާނެކަމުގެ ބިރުވަނީ ހީވެފައެވެ.
ޔަމަނެކޭ އެއްގޮތަށް ލީބިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި ބައިވެރިވާ މައި ފަރާތްތަކުންވަނީ އދ އިން ޞުލްޙަ ޤާއިމްކުރުމަށް ގޮވާލި ގޮވާލުމަށް އެންމެ ފުރަތަމަ ތާޢީދުކޮށްފައެވެ. ނަމަވެސް މަދު ދުވަސްކޮޅެއްގެ ތެރޭގައި އެކަން ހަނދާން ނައްތާލާ އަލުން ޙަމަލާ ބަދަލުކުރަން ވަނީ ފަށާފައެވެ. އިދިކޮޅު ހަނގުރާމަވެރިންގެ އަތްދަށުގައި އޮންނަ ލީބިޔާގެ ޓްރިޕޯލީގައި ދެމުންދާ ޙަމަލާތައް ފާއިތުވީ ދުވަސްކޮޅުވަނީ އިތުރަށް ވަރުގަދަކޮށްފައެވެ. ކޯވިޑް-19ފަދަ ބަލިމަޑުކަމަށްވެސް އެޤައުމުގައި ގުގުމަމުންދާ ބަޑިއާއި ބޮމުގެ އަޑުފައްގަނޑު ނުހުއްޓޭނެކަން ނުވަތަ މަޑުނުވާނެކަން މިހާރު ވަނީ ޤަބޫލުކުރެވިފައެވެ.
ތުރުކީވިލާތަކީ ލީބިޔާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި އިސް ދަޢުރެއް ޢަދާކުރަމުންދާ ޤައުމެކެވެ. ތުރުކީވިލާތުން ވާގިވެރިވަނީ އދ އިން ބަލައިގަނެފައިވާ ގަވަމަންޓް އޮފް ނޭޝަނަލް އެކޯޑު (ޖީއެންއޭ) އަށެވެ. ނަމަވެސް ހަނގުރާމަ ހިނގަމުންދާ މެދުއިރުމަތީގެ ޤައުމުތަކުގައި ތިބި ހުޅަނގުގެ ސިފައިން ކޯވިޑް-19 ފެތުރެން ފެށުމުގެ ސަބަބުން އަނބުރާ އަމިއްލަ ޤައުމުތަކަށް ދާން ފަށާފައިވާތީ ތުރުކީވިލާތުން ޖީއެންއޭއަށް ދެމުންދާ އެހީތެރިކަމަށް ވަނީ ކޮންމެވެސް ވަރަކަށް ހިޔަނިއެޅިފައެވެ. އޭގެސަބަބުން ރަޝިޔާ، ޔޫއޭއީ އަދި ސަޢުދީ ޢަރަބިއްޔާއިން ވާގިވެރިވާ ޚަލީފާ ޙަފްތަރުގެ ފައުޖުތަކަށް ފައިދާކުރާނެކަމަށް ބެލެވެއެވެ.
ކޯވިޑް-19 ވައިރަހުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ހުޅަނގުގެ ޤައުމުތަކަށެވެ. އެހެންކަމުން ވައިރަހުގެ ވަބާއިން އަރައިގަތުމަށް ބޭރުގެ ޤައުމުތުގައި ހިނގާ އަސްކަރީ ޙަރަކާތްތަކާއި އެސަރަޙައްދުތަކުގައި ޞުލްޙަ ޤާއިމްކުރުމަށް ހުޅަނގުގެ ޤައުމުތަކުން ކުރަމުންދާ މަސައްކަތަށް ހިޔަނި އެޅޭނެކަމަށް ބެލެވެއެވެ. ވިލާތުގެ ޤައުމުތަކުގެ އިސްވެރިން ލީބިޔާގައި ސުލްޙަ ޤާއިމްކުރުމަށް ކުރަމުން އައި މަސައްކަތް ކޯވިޑް-19 ގެ ސަބަބުން މިވަގުތަށް މަޑުޖައްސާލާފައިކަމަށް އިންޓަނޭޝަނަލް ކްރައިސިސް ގުރޫޕުން ޝާއިރުކުރި ރިޕޯޓެއްގައި ބުނެފައިވެއެވެެ.
ޢިރާޤުގައި މިހާރު ބޮޑެތި ޙަމަލާތައް ބަދަލުކުރާ ވަރުގަދަ ހަނގުރާމައެއް ހިނގަމުން ނުދިޔަނަމަވެސް އައިއެސްގެ ބާރު ޢިރާޤުގެ ބައެއް ސަރަޙައްދުތަކުގައި ގަދަކޮށްފާނެކަމުގެ ބިރު އަދިވެސް އެބައޮތެވެ. ޢިރާޤަށް އެެހީތެރިވާ އީރާނާއި އެމެރިކާ އާއި ދެމެދު އޮންނަ ގުޅުންވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. މިދެޤައުމަކީވެސް ކޯވިޑް-19 ގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާ ދެޤައުމެވެ. ނަމަވެސް ދެ ޤައުމުން ކުރެ އެއް ޤައުމުވެސް ޢިރާޤުގެ މަައްސަލާގައި ދޫދޭން ބޭނުމެއް ނުވެއެވެ. ދެޤައުމުވެސް ބާރު ދެއްކުމަށް ބޭނުން ކުރަނީ ޢިރާޤުގެ ފަސްގަނޑެވެ.
ޢިރާޤުގައި ތިބި ގުޅިފައިވާ ފައުޖުތަކަށް ނިސްބަތްވާ އެމެރިކާ ސިފައިން ފިޔަވާ އެހެން ޤައުމުތަކަށް ނިސްބަތްވާ ގިނަ ޢަދަދެއްގެ ސިފައިން މިހާރު ވަނީ ޢިރާޤު ދޫކޮށް ގޮސްފައެވެ. އޭގެ ސަބަބުން ބައެއް އަސްކަރީ މަރުކަޒުތައް ވަނީ ފަޅުވެފައެވެ. އެހެންކަމުން ބާކީ ތިބި އެމެރިކާ ސިފައިންވަނީ ޢިރާޤުގެ އެކި ސަރަޙައްދުތަކަށް ބަހާލާފައެވެ. އެމެރިކާއިން ވަނީ ޢިރާޤުގައި ހުންނަ އެޤައުމުގެ އަސްކަރީ މަރުކަޒުތަކަކަށް ޙަމަލާދިނުމުގެ ތުޙުމަތުގައި ތެހްރާނަށް އަމާޒުކޮށް މިސައިލް ޙަމަލާތަކެއްވެސް ދީފައެވެ.