މިނިވަން ކަމުގެ ހެވިކަމާ ކުޅިވަރުގެ ހަރަކާތްތަކުގެ ޑްރެސް ރިހާސަލް އެއް މާދަމާ ރޭ ބޭއްވުމަށް ނިންމައިފިއެވެ.މިނިވަން ފަންސާހުގެ އޮފީހުގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރުގެ ނައިބް އަހްމަދު ސަލީމް ވިދާޅުވީ، މާދަމާ ރޭ ގަލޮޅު ދަނޑުގައި އާންމުންނަށް ހުޅުވާލައިގެން ރިހާސަލް ކުރިއަށްދާނީ ރަސްމީ ހަރަކާތްތައް ކުރިއަށް ދާނެ ގޮތަށް ކަމަށެވެ.މިނިވަން ދުވަހުގެ ރަސްމީ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ހެވިކަމާ ކުޅިވަރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ 31 ވަނަ ދުވަހުގެ ރޭގައެވެ. މި ހަރަކާތްތައް ކުރިއަށްދާއިރު ކޮންމެ އަތޮޅެއްގެ ވެރިކަންކުރާ ރަށާ ގަލޮޅު ދަނޑާ ލައިވް ކޮށް ގުޅާލާއިރު އެރޭގެ ހަރަކާތްތައް ފެށިގެންދާނީ، " ވަން ނޭޝަން ލައިޓް" ގެ ނަމުގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އެއް ގަޑިއެއްގައި ދިއްލާލާ ލައިޓަކާއިއެކުގައެވެ.ގަލޮޅު ދަނޑުގައި ހިނގާ ހަރަކާތްތައް އެންމެ ފުރިހަމައަށް ގެންދިޔުމަށްޓަކައި، ބާއްވާ ޑްރެސް ރިހާސަލް ފެށުމަށްމަށް ނިންމާފައިވަނީ މާދަމާ ރޭ 8:00ގައެވެ.ހޯމް މިނިސްޓަރުގެ ނައިބް އަހްމަދު ސަލީމް ވިދާޅުވީ، އެ ރިހާސަލް ބަލާލުމަށް ކޮންމެ މީހަކަށްވެސް ވަދެވޭނެ ކަމަށެވެ.މާދަމާ ރޭ ރިހާސަލް އޮންނައިރު، 31 ވަނަ ދުވަހުރޭ އޮންނަ ހެވިކަމާ ކުޅިވަރުގެ ރަސްމީ ހަރަކާތްތަކަށް ގަލޮޅު ދަނޑުގު ތައްޔާރުކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ ކުރަމުންނެވެ. އެގޮތުން ތްރީ-ޑީ ޕްރޮޖެކްޝަންއަށް ޚާއްސަކޮށްގެން ގަލޮޅު ދަނޑުގެ ޓާރފް ބަދަލުކޮށް ޕްރޮޖެކްޝަން ހަރު ކުރަން ޖެހޭ ތަންތަނުގައި ޕްރޮޖެކްޝަން ހަރުކޮށް ނިމިފައިވާ ކަމަށް ހޯމް މިނިސްޓަރުގެ ނައިބް އަހްމަދު ސަލީމް ވިދާޅުވިއެވެ.މީގެ އިތުރުން ގަލޮޅު ދަނޑުގެ ކެޕޭސިޓީ އިތުރު ކޮށް، 12،000 މީހުންނަށް ވަދެވޭ ގޮތަށް ދަނޑު ތައްޔާރު ކޮށްފައިވާ ކަމަށާއި، އަދިވެސް ޖާގަ އިތުރު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަ ކުރައްވަމުން ސަލީމް ވިދާޅުވީ، ގަލޮޅު ދަނޑުގެ އިތުރުންވެސް މާލޭގެ 5 ސަރަހައްދެއްގައި ސްކްރީން ބަހައްޓައިގެން ދަނޑުގައި ކުރިއަށްދާ ހަރަކާތްތައް ލައިވްކޮށް ބަލާލުމުގެ ފުރުސަތު އާންމުންނަށް ހޯއްދައިދެއްވާނެ ކަމަށެވެ.31 ވަނަ ދުވަހުގެރޭ ގަލޮޅު ދަނޑުގައި ކުރިއަށްދާ ސައިލެންޓް ޑްރިލް އާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ސަލީމް ވިދާޅުވީ، އެމްއެންޑީއެފްއާ ސްކޫލް ކުދިން ގެނެސްދޭ އެ ޑްރީލް އިން މީގެ 800 އަހަރު ކުރިން ފެށިގެން މިއަދާ ހަމައަށް ރާއްޖޭގެ ތާރީޚުގެ އެކި މަރުހަލާތައް ފެނިގެންދާނެ ކަމަށެވެ.މިނިވަން ދުވަހުގެ ރަސްމީ ހަރަކާތްތައް އެރޭ ނިންމާލާނީ ސްކައި ޑައިވް އާއި، ހަވާ އެރުވުމާއެކު ކަމަށެވެ. އެހެން ނަމަވެސް މިނިވަން ފަންސާހާ ގުޅުން ހުރި ހަރަކާތްތައް މި އަހަރު ނިމެންދެން ކުރިއަށްދާނެއެވެ.