ޚަބަރު

ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދެނީ


ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމަށް ވިލާތުގެ ބައެއް ޤައުމުތަކުން ނިންމައިފިއެވެ.

ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް މިދިޔަ މާރޗް މަހުން ފެށިގެން ވިލާތުގެ ގިނަ ޤައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ސަރަޙައްދީ ރޮނގު ހުރަސްކޮށް ދަތުރުކުރުން ހުއްޓާލުމާއި ފުރަބަންދުކުރުންފަދަ އިޖްތިމާޢީ ޙަޔާތާއި ޢާންމު ދިރިއުޅުމަށް ހުރަސްއެޅޭ ފިޔަވަޅުތަކެއް ހިމެނެއެވެ.

ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމަށް ނިންމާފައިވާ ޤައުމުތަކުގެ ތެރޭގައި އޮސްޓްރިޔާއާއި، ބަލްގޭރިޔާއާއި ޗެކް ރިޕަބްލިކާއި ޑެންމާކާއި ނޯވޭ ހިމެނެއެވެ. މީގެ އިތުރުން ފިޔަވަޅުތަކަށް ލުއިދިނުމާމެދު ވިސްނަމުންދާކަންވެސް ބައެއްޤައުމުތަކުންވަނީ އިޢުލާންކޮށްފައެވެ. ލުއިދިނުމާމެދު ވިސްނަމުންދާ ޤައުމުތަކުގެ ތެރޭގައި ފިންލެންޑާއި ޖަރުމަނުވިލާތާއި އަޔަލެންޑާއި ލިތުއޭނިޔާއާއި ސްވިޓްޒަލެންޑާއި ޔުކްރެއިންނާއި ސްޕެއިންނާއި ސައިފްރަސާއި ފަރަންސޭސިވިލާތާއި ގްރީސާއި ހަންގެރީއާއި އިޓަލީވިލާތް ހިމެނެއެވެ.

ލުއިދޭން ނިންމި ޤައުމުތަކުންވަނީ ބޮޑެތި ފިހާރަތަކާއި ބާޒާރުތަކާއި ބަގީޗާތައް ހުޅުވުމާއި އެތެރޭގެ ދަތުރުތަކަށް ލުއިތަކެއް ދިނުމާއި ބައެއް މަދަރުސާތަކާއި ޖިމްތަކާއި ކެފޭ/ރެސްޓޯރެންޓްތައް ހުޅުވުމުގެ ފުރުޞަތު ދިނުމަށް ނިންމާފައެވެ. އެކި ޤައުމުތަކުން ފިޔަވަޅުތަކަށް ލުއިދޭން ނިންމާފައިވަނީ އެކި ތާރީޚުތަކުގައި އެކި މިންވަރަށެވެ. ލުއިދޭން ނިންމިނަމަވެސް އިޖްތިމާޢީ ގައިދުރުކަންފަދަ ޞިއްޙީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ލުއިތަކުގެ ބޭނުން ހިފުމަށް އެޤައުމުތަކުގެ ސަރުކާރުތަކުންވަނީ އިލްތިމާސްކޮށްފައެވެ.

ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމާމެދު ވިސްނާކަން އިޢުލާނުކުރި ޤައުމުތަކުން ލުއިދޭން ރާވަމުންދަނީ ފަހުގެ ތާރީޚުތަކެއްގައެވެ. އެގޮތުން، ޖަރުމަނުވިލާތުގެ ޗާންސެލަރ އެންގެލާ މާރކެލް ވިދާޅުވީ ކޯވިޑް-19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމުގެ މަޝްވަރާތައް މިމަހުގެ 14ވަނަ ދުވަހު ފަށާނެކަމަށެވެ. ކޯވިޑް-19 ޖެހިގެން އެންމެ ގިނަމީހުން މަރުވި ޤައުމުކަމަށްވާ އިޓަލީވިލާތުންވަނީ ފިޔަވަޅުތަކަށް ލުއިދޭނީ އަންނަ މަހުގެ ތިނެއްގެ ފަހުންކަމަށް ބުނެފައެވެ.