ކޯވިޑް ނަވާރައިގެ ސަބަބުން އަމިއްލަ ވިޔަފާރިކުރާ މީހުންނަށާއި ބޮޑެތި ވިޔަފާރިތަކަށް ދޫކުރާ ލޯނުގެ އެހީއަކީ ހާލަތު ބަދަލުކުރަންދޭ މާލި އެހީއެއް ނޫންކަމަށާއި އެއީ މިދަނޑިވަޅުގައި ވިޔަފާރިތައް ބަނގުރޫޓުވިޔަ ނުދިނުމަށް ދޭ އިކޮނޮމިކް ރިލީފް ފަންޑެއްކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޟް އިސްމާޢިލް ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢިލް ވިދާޅުވީ ކޯވިޑް19ގެ ސަބަބުން ސްޓިމިއުލަސް ޕެކޭޖުގެ ނަމުގައި ސަރުކާރުން އެ ޕެކޭޖު ތަޢާރަފުކުރިނަމަވެސް ޕެކޭޖުގެ މަޝްވަރާތައް ދިޔަ ދުވަސްވަރާއި މިހާރުގެ އިޤްތިޞާދީ ޙާލަތު ވަރަށް ބޮޑަށް ބަދަލުވެފައިވާކަމަށެވެ. އަދި ސަރުކާރުން ދޭން ނިންމި ލޯން ޕެކޭޖަކީ ކުރިއަށް އޮތް 3 މަހު އަމިއްލަ ވިޔަފާރިކުރާ ފަރާތްތަކާއި ބޮޑެތި ވިޔަފާރިތައް އިނދަނުޖެހި ކުރިއަށް ދެވޭނެ ގޮތެއް ހަމަޖައްސައިދިނުމަށް ސަރުކާރުންދޭ އެހީއެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިއީ އިޤްތިޞާދީ ގޮތުން ވިޔަފާރިތައް އަރައިގަތުމަށް ދޭއެހީއެއް ނުވަތަ ހާލަތު ބަދަލުކުރުމަށް ދޭ މާލީ އެހީތެރިކަމެއް ނޫންކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އެގޮތަށް ބަލާނަމަ މިއީ ވަރަށް ކުޑަ މިންވަރެއްގެ އެހީއެއްކަމަށެވެ. އެހެންނަމަވެސް ސަރުކާރުގެ މިހާރުގެ އަމާޒަކީ އަމިއްލަގޭގައި ވިޔަފާރިކުރާ މީހާއިން ފެށިގެން ބޮޑެތި ރިސޯޓުތައް ހިނގާ ފަރާތްތަކަށްވެސް ކުރިއަށް އޮތް 3 މަހު ހިފަހައްޓާލެވޭ މިންވަރަށް ނަމަވެސް އެހީވުންކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ނެރެގެން މިއުޅެނީ ސްޓިމިއުލަސް ޕެކޭޖެއް ނޫން. އަޅުގަނޑުމެން އެޔަށް މިކިޔަނީ އިކޮނޮމިކް ރިލީފް ފަންޑޭ. މިވަގުތު އަޅުގަނޑުމެން ޢިއުލާނުކުރީ ޙާލަތަށް ބަލާފައި ކުރިއަށް އޮތް 3 މަސްދުވަހު ކޮންމެވެސް ލެވެލްއެއްގައި ސަވައިވްވުމަށް ސަރުކާރުންދޭއެހީތެރިކަމެއްގެ ގޮތުގައި. އަޅުގަނޑުމެން މިބެލީ މިއީ އެންމެ އުނދަގޫ ތިންމަސް ދުވަސްކަމުގައި. ފުރަތަމަ އަޅުގަނޑުމެން ރިލީފް ފަންޑު އިއުލާންކުރިއިރުގަ ކޮންމެވެސް ވަރަކަށް ސްޓިމިއުލަސްއޭ ކިޔުނު އެކި ގޮތްގޮތުން. އެހެންނަވަމެސް ހަގީގަތުގަ އެއީ އިމީޑިއެޓް އެހީތެރިކަމަކަށް އަޅުގަނޑުމެން މަސައްކަތް މިކުރީ." މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ އިކޮނޮމިކް ރިލީފް ފަންޑުގެ އެންމެ ބޮޑު މަޤްސަދަކީ ގޭގައި ހުރެގެން އަމިއްލަ މަސައްކަތްކޮށްގެން ޢާމްދަނީ ހޯދާ މީހުންނަށް ޢާއްމު ޙާލަތުގައި ކުރިއަށް ދެވޭނެ މަގު ހޯދައިދިނުމަށާއި ބޮޑެތި ވިޔަފާރިތަކުގެ ދަށުގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންގެ ވަޒީފާތައް ރައްކާތެރިކުރުންކަމަށެވެ.
އިކޮނޮމިކް މިނިސްޓަރ ވިދާޅުވީ ރިލީފް ފަންޑުގެ ގޮތުގައި ވިޔަފާރިތަކަށް ނުވަތަ ގޭގައި ތިބެގެން އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ދިނުމަށް އެސްއެމްއީ ބެންކަށް ލިބިފައިވަނީ 400 މިލިއަން ރުފިޔާކަމަށެވެ. އަދި އެސްއެމްއީސްގެ ގޮތުގައި 8000 މީހުން ރަޖިސްޓަރީވެފައި ތިބިއިރު ގޭގައި އަމިއްލަ ވިޔަފާރި ރަޖިސްޓަރ ނުކޮށް ޢާމްދަނީ ހޯދާ މީހުންގެ ޢަދަދު 2000އަށް އަރާނެކަމަށް އަންދާޒާކުރެވޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ކޯވިޑް ނަވާރައިގެ ޙާލަތުގައި ވިޔަފާރިތައް ހުއްޓުމަކަށް އައިސްފައިވާއިރު މިދަނޑިވަޅުގައި ބަނގުރޫޓުވުން ހުއްޓުވުމަށް ސަރުކާރުންދޭ އެހީގެގޮތުގައި ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އާއި އެސްއެމްއީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެސްޑީއެފްސީ މެދުވެރިކޮށް ލޯނަށް ހުށައެޅޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. މިލޯނަކީ 6 އިންސައްތައިގެ އިންޓްރެސްޓް ރޭޓުގައި 3 އަހަރާއި 6 މަސްދުވަހުގެ މުއްދަތެއްގެ ތެރޭގައި އަނބުރާ ދައްކާގޮތަށް ދޫކުރާ ލޯނެކެވެ.