ޚަބަރު

ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި ސުޕްރީމް ކޯޓުން އަމަލުކުރާނެ އުސޫލު އެކުލަވާލައިފި


ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި ދައުލަތުގެ އިދާރާތައް ބަންދުކޮށްފައި ހުންނަ މުއްދަތުގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މަސައްކަތްތައް ކުރިއަށްދާނެގޮތުގެ އުސޫލު މިއަދު ޢާންމުކޮށްފިއެވެ.

މި އުސޫލުގައި ވަނީ އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ލިޔެކިޔުންތައް ހުށަހެޅުމާއި ބަލައިގަތުމާއި މައްސަލަ ހުށަހެޅުމާއި ރަޖިސްޓްރީ ކުރުމާއި އަދި ކުށުގެ ރެކޯޑް ސާފުކުރުމުގައި އަމަލުކުރަންޖެހޭ ގޮތުގެ ތަފުސީލު ހިމަނާފައެވެ. އަދި، ކުރިން ތާވަލުކޮށްފައިވާ ޝަރީޢަތްތަކާއި ކޮންމެހެން ކުރިއަށްގެންދަންޖެހޭ މައްސަލަތަކުގެ ތަފުސީލާއި، ޝަރީޢަތް ހިންގުމުގައި އަމަލުކުރާނެގޮތުގެ ތަފުސީލުވެސް މި އުސޫލުގައި ހިމަނާފައިވެއެވެ.

މީގެ އިތުރުން، އީ-މެއިލް ނުވަތަ އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް މުޢާމަލާތް ނުކުރެވޭ ފަރާތްތަކަށް ނުވަތަ އެފަދަ ވަސީލަތްތައް މެދުވެރިކޮށްގެން މުޢާމަލާތް ކުރުމަށް ދަތިވާ ފަރާތްތަކަށް މި މުއްދަތުގެ ތެރޭގައި ޚިދުމަތް ފޯރުކޮށްދިނުމަށް ކޮންމެ ހަފުތާއެއްގެވެސް ހޯމަ އަދި ބުރާސްފަތިދުވަހުގެ 10:00 އިން 14:00 އަށް ސުޕްރީމް ކޯޓު ހުޅުވާފައި ހުންނާނެ ކަމަށްވެސް މި އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

ދިވެހިރާއްޖޭގައި ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައިވާ މުއްދަތުގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ސުޕްރީމް ކޯޓުން އެކުލަވާލައިފައިވާ "ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއާތުގެ ގަވާއިދު" ގެ 06 ވަނަ ބާބަށް ޢަމަލުކުރުން ވަގުތީގޮތުން ވަނީ ހުއްޓާލާފައެވެ. އަދި އެ މުއްދަތުގައި، ޖިނާއީ މައްސަލަތަކުގެ ޝަރީޢަތުގެ މަޖިލިސްތައް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ގެންދިއުމާގުޅޭ ޚާއްޞަ އުޞޫލުތަކެއް ކަނޑައަޅައި، "ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތުގެ މަޖިލިސްތައް ކުރިއަށް ގެންދިއުމާގުޅޭ ޚާއްޞަ ގަވާއިދު" ގެ ނަމުގައި ގަވާއިދެއް ހަދައި، މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން ވަނީ ޢަމަލުކުރަން ފައްޓަވާފައެވެ.