އައިއޯއައިޖީ

އައިއޯއައިޖީގައި ދިވެހި ދިދަ އުފުލުމުގެ ޝަރަފް ސާއިދަށް


އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ހުޅުވުމުގެ
ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ދިދަ އުފުލުމުގެ ޝަރަފް ރާއްޖޭގެ އެންމެ ބާރު
ދުވުންތެރިޔާ ހަސަން ސާއިދަށް ލިބިއްޖެއެވެ.އައިއޯއައިޖީގައި ދިވެހި ދިދަ އުފުލާނެ
ކުޅުންތެރިއަކަށް ސާއިދު ހަމަޖައްސައި އޭނާ އާއި ދިދަ ހަވާލު ކޮށްފައިވަނީ މިއަދު
ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ޚާއްސަ ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތުގައި
ސާއިދަށް ދިވެހި ގައުމީ ދިދަ ހަވާލްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ
ޔާމީން އަބްދުލް ގައްޔޫމެވެ. އައިއޯއައިޖީގައި ރާއްޖޭގެ ދިދަ އުފުލާ އެތުލީޓަކު
މިފަހަރު ހޮވާފައިވަނީ އެސްއެމްއެސް މެދުވެރިކޮށް ވޯޓްލައިގެންނެވެ.

ގޭމްސްގައި ރާއްޖޭގެ
ދިދަ އުފުލާނެ އެތްލީޓެއް، ހޮވުމަށް އެސްއެމްއެސް މެދުވެރިކޮށް ދިރާގާއި
އޮލިމްޕިކް ކޮމިޓީން ހުޅުވާލި ފުރުސަތުގައި ދިދަ އުފުލާނެ އެތުލީޓަކަށް ސާއިދު ހޮވިފައިވަނީ
އިތުރު 7 އެތުލީޓުންނާއި ވާދަކޮށްގެންނެވެ. އެ ހަތް އެތްލީޓުންނަކީ ރާއްޖޭގެ ފިރިހެން ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަންކަމުގެ ދައުރު މިފަހަރަ އަދާކުރާ އަކްރަމް އަބްދުލްޤަނީއާއި، އަންހެން ފުޓްބޯޅަ ޓީމުގެ ކެޕްޓަން ފަދުވާ ޒާހިރާއި، ރާއްޖޭގެ ފިރިހެން އެއްވަނަ ބެޑްމިންޓަން ކުޅުންތެރިޔާ މުހައްމަދު އަޖުފާންއާއި، އަންހެން އެއްވަނަ ޓީޓީ ކުޅުންތެރިޔާ މުއީނާ މުހައްމަދާއި، ރާއްޖޭގެ އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިޔާ ހަސަން ސާޖިދުގެ އިތުރުން، އަންހެން ވޮލީބޯޅަ ކުޅުންތެރިޔާ އައިޝަތު މާޖިދާ އަދި އަންހެން ހޭންޑްބޯލް ކުޅުންތެރިޔާ ފާތިމަތު ރިޝްމާއެވެ.

ސާއިދު ވަނީ މި އަހަރުގެ ޖޫން މަހު
ޗައިނާގެ ވޫހާންގައި ކުރިއަށްދިޔަ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ 100
މީޓަރު ދުވުމުގެ ސެމީ ފައިނަލުގައި ދުވެ، އޭޝިއާގެ 12 ވަނަ އަށް އެންމެ ބާރު
ދުވުންތެރިޔާގެ މަގާމް ހޯދައިފައެވެ. 100 މީޓަރ ދުވުމާއި، 200 މީޓަރ ދުވުމުގެ ގައުމީ
ރެކޯޑްވެސް އޮންނަނީ ސާއިދު އަތުގައެވެ. 

ރިޔޫނިއަންގައި އަންނަ ހޮނިހިރު ދުވަހު ފަށާ
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ދިހަ ކުޅިވަރަކުން ސާދަ ޓީމެއް
ވާދަކުރާނެއެވެ.