ޚަބަރު

ޑްރަގް ކޯޓުން އޮންލައިންކޮށް އަމުރުތައް ނެރެނީ


ޑްރަގް ކޯޓުން ނެރޭ އަމުރުތައް އޮންލައިންކޮށް ފަސޭހައިން ލިބޭނެ އިންތިޒާމް އެކޯޓުން ހަމަޖައްސައިފިއެވެ.

ޑްރަގް ކޯޓުން ބުނީ އަމުރުތައް އޮންލައިންކޮށް ލިބޭނެ އިންތިޒާމް ހަމަޖެއްސީ މިދުވަސްވަރު ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19އާ ގުޅިގެން ޑްރަގް ކޯޓުގެ މުވައްޒަފުންނާއި ޑްރަގް ކޯޓުގެ އިޚްތިޞާޞް ހިނގާ އެންމެހާ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި ކަމަށެވެ.

މޯލްޑިވިސް ކޮމްޕިއުޓަރ ސޮސައިޓީ އެހީތެރިކަމާއެކު ޑްރަގް ކޯޓުގެ އިރުޝާދުގެ ދަށުން ފަރުމާކޮށްފައިވާ މި ޕޯޓަލްގެ ހިދުމަތް ހޯދުމަށް ޑްރަގް ކޯޓުގެ އިޚްތިޞާޞް ހިނގާ އެންމެހާ ފަރާތްތަކުން ކޯޓުގެ ވެބްސައިޓްގެ ކޯޓުއަމުރު ޕޯޓަލްގައި ރަޖިސްޓްރީވާންޖެހެއެވެ. އަދި މި ޕޯރޓަލްގައި ރަޖިސްޓްރީވުމުން، އަމުރެއް ނެރޭ ވަގުތު އެ ފަރާތަކަށް އެސްއެމްއެސް މެދުވެރިކޮށް އެކަން އަންގާނެކަމަށްވެސް ޑްރަގް ކޯޓުން މައުލޫމާތުދެއެވެ.

އޮންލައިންކޮށް އަމުރުތައް ނެރުނަސް، ކޮންމެހެން ކޯޓަށް ހުށަހަޅަންޖެހޭ މައްސަލައެއް ނުވަތަ ހިދުމަތާއި ގުޅޭކަންކަން ކޯޓަށްހުށަހެޅުމުގެ އިންތިޒާމް ހަމަޖައްސާފައިވާކަމަށްވެސް ޑްރަގް ކޯޓުން މަޢުލޫމާތުދެއެވެ.