ޚަބަރު

ޔޫއޭއީގައި ތިބި ދިވެހިންނަށް ތަކެތި ފޮނުވުމުގެ ފުރުޞަތު ހުޅުވާލައިފި


ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ދިރިއުޅޭ ދިވެހި ޢާއިލާތަކަށް ތަކެތި ފޮނުވުމަށް މޯލްޑިވިއަންގެ ޚާއްޞަ ކާގޯ ފްލައިޓެއް ބާއްވަން ސަރުކާރުން ނިންމަވައިފިއެވެ.

މިމަހުގެ 17 ވާ ހުކުރު ދުވަހު ޔޫއޭއީއަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ މޯލްޑިވިއަންގެ މި ކާގޯ ފްލައިޓުގައި ތަކެތި ފޮނުވަން ބޭނުންވާ ފަރާތްތަކަށް ފޮރިން މިނިސްޓްރީގެ ވެބްސައިޓު މެދުވެރިކޮށް އެކަމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ މި ކާގޯ ފްލައިޓު ސަރުކާރުން ހަމަޖައްސާފައިވަނީ، ޔޫއޭއީގައި ތިބި ދިވެހި އާއިލާތަކަށް ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބައެއް ތަކެތި ހޯދުމަށް ދަތިތަކެއް ކުރިމަތިވެފައިވާތީ އެފަދަ މީހުންނަށް އެހީތެރިވެދިނުމުގެ ގޮތުންކަމަށެވެ.

މި ފްލައިޓުގައި ތަކެތި ފޮނުވަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުން އެޕްރޫވް ކުރުމަށްފަހު ދޭ ލިޔެކިއުންތަކާއެކު ފޮނުވަން ބޭނުންވާ ތަކެތި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑިޕާރޗަރ ހޯލް ކައިރީގައި ބަހައްޓާފައިހުންނަ ކައުންޓަރުތަކުން މިމަހުގެ 16ވަނަ ދުވަހުގެ ހެނދުނު 9:00އިން މެންދުރު 15:00އަށް ބަލައިގަންނާނެ ކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

ސަރުކާރުން ވަނީ ބެންގްކޮކްގައި ތިބި ދިވެހިންނަށް ތަކެތި ފޮނުވުމަށް ބޭނުންވާ ފަރާތްތަކަށް މިމަހުގެ 16ވަނަ ދުވަހު ބެންކޮކަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ މޯލްޑިވިއަންގެ ކާގޯ ފްލައިޓުގައި ތަކެތި ފޮނުވުމުގެ ފުރުޞަތުވެސް ހުޅުވާލާފައެވެ. ސަރުކާރުން ވަނީ މެލޭޝިއާއާއި ސްރީލަންކާއާއި އިންޑިއާގައި ތިބި ދިވެހިންނަށް އެހީތެރިވުމުގެ ގޮތުން ތަކެތި ފޮނުވުމުގެ ފުރުޞަތު މީގެ ކުރިން ދީފައެވެ.

މީގެ އިތުރުން ރާއްޖެރެއިން ބޭރުގެ އެކި ޤައުމުތަކުގައި ރާއްޖެ ނާދެވިފައިތިބި ދިވެހިން ރާޢްޖެ ގެނައުމުގެ މަސައްކަތް ފުރުޞަތު ލިބޭ ވަރަކުން ކުރަމުންދާނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. އެގޮތުން މެލޭޝިއާއާއި އިންޑިއާއާއި ސްރީލަންކާގައި ތިބި ބައެއް ދިވެހިން މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ. އަދި އިތުރު ދިވެހިން ގެނައުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރައްވަމުންނެވެ.