އައިއޯއައިޖީ

ރާއްޖޭގެ ކޮންޓިންޖެންޓް ރީޔޫނިއަންގައި


އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ކޮންޓިންޖެންޓް
ރީޔޫނިއަންއަށް އަތުވެއްޖެއެވެ. ހަތަރު ގަޑި ތިރީސް މިނިޓްގެ ދަތުރަކަށްފަހު
ރީޔޫނިއަންއަށް އައި ރާއްޖޭގެ ކޮންޓިންޖެންޓްގެ އިންތިޒާމްތައް ފުރިހަމައަށް
ހަމަޖެހިފައި ނެތުމުގެ ސަބަބުން ގިނަ ވަގުތުތަކެއް އެއަރޕޯޓްގެ ބޭރުގަޔާއި ވިލެޖް
ޞަރަހައްދުގައިވެސް ތިބެން ޖެހުނެވެ. އަދި ވިލެޖުގައި ރާއްޖޭގެ ޓީމްތައް ތިބޭ
އެކޮމަޑޭޝަން ބްލޮކްގެ ބައެއް އެޕާރޓްމަންޓްތަކުން އިރުއިރުކޮޅުން ކަރަންޓްވެސް ކެނޑެމުން
ދިޔައެވެ.



މާދަމާ ފުޓްބޯޅަ ފުރަތަމަ މެޗުގައި ވާދަކުރާ ރާއްޖޭގެ ސީނިއަރ ފިރިހެން
ފުޓްބޯޅަ ޓީމް ޕްރެކްޓިސް ކުރަން ހަމަޖެހިފައި އޮތް ނަމަވެސް، އެކަމަށް
ތައްޔާރުވެގެން ނިކުއިންފަހުން އެފުރުޞަތުވެސް ވަނީ ގެއްލިފައެވެ. ރާއްޖޭގެ ފިރިހެން
ފުޓްބޯޅަ ޓީމްގެ ފުރަތަމަ މެޗުގައި ރާއްޖެ ގަޑިން އިރުއޮއްސި ހައެއް ޖަހާއިރު
ނިކުންނާނީ މަޔޯއްޓޭއާއި ދެކޮޅަށެވެ.



އަންހެން ފުޓްބޯޅަ ޓީމްގެ ޕްރެކްޓިސް ކުރުމުގެ ބަދަލުގައި ވިލެޖް
ޞަރަހައްދުގައި ދުވެލުމަށްފަހު ވަނީ ނިންމާލާފައެވެ. އަންހެން ޓީމްވެސް ފުރަތަމަ
މެޗު މާދަމާ ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް ގޭމްސް ރަސްމީކޮށް ފަށާނީ އަންނަ
ހޮނިހިރު ދުވަހުއެވެ. އަދި ގޭމްސްގެ އެހެން އިވެންޓްތައްވެސް ފަށާނީ ހޮނިހިރު
ދުވަހުއެވެ.



މިފަހަރުގެ ގޭމސްގައި ރާއްޖޭގެ ސަތޭކަ ސާޅީހެއްހާ އެތްލީޓުން ވާދަކުރާނެއެވެ.
އަދި މުޅި ކޮންޓިންޖެންޓްގެ އަދަދު ދުއިސައްތަ ހަތްދިހައަށް އަރައެވެ.