މުނިފޫހިފިލުވުން

މޯލްޑިވިއަން އައިޑަލްގެ އޮޑިޝަންތައް ސެޕްޓެމްބަރުމަހު ފަށަނީ


"މޯލްޑިވިއަން އައިޑަލް"ގެ އޮޑިޝަންތައް އަންނަ ސެޕްޓެމްބަރުމަހު ފެށުމަށް ހަމަޖެހިފައިވާކަމަށް ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމުން ހާމަކޮށްފިއެވެ. ޕީ.އެސް.އެމްގެ ފަރާތުން މިކަން އިޢުލާންކޮށްދެއްވީ، "މޯލްޑިވިއަން އައިޑަލް"ގެ މި ޝޯވ ދެއްކުމުގެ ބްރޭންޑިންގ އެންޑް ލައިސެންސިންގ އެގްރީމެންޓުގައި ސޮއިކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި، އެކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އައިމިނަތު ޝާޔަން ޝާހީދެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ޝާޔަން ވިދާޅުވީ، ޕީ.އެސް.އެމްގެ ފަރާތުން މިފަދަ ޝޯވއެއް ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު މަޤުސަދަކީ، ރާއްޖޭގައި ލަވަކިޔުމުގެ ދާއިރާއިން ކުރިއަރަން ބޭނުންވާ ފަރާތްތަކަށް ބައިނަލްއަޤުވާމީ ފެންވަރުގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދިނުންކަމަށެވެ. އަދި މި ޝޯވ ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި، ޕީ.އެސް.އެމްގެ ޕްރޮޑިއުސަރުންގެ ޓީމެއް މިމަހުގެތެރޭ އިންޑިއަން އައިޑަލް ޖޫނިޔަރ ޝޯވ ކުރިޔަށް ގެންދާ ޓީމާއެކު އިންޑިޔާގައި ތަމްރީންތަކެއް ހެދުމަށް ހަމަޖެހިފައިވާކަމަށް ޝާޔަން ވިދާޅުވިއެވެ.މިއީ އިންޓަރނޭޝަނަލް ޓީވީ ޝޯވއެއް ފްރެންޗައިޒް އުސޫލުން ރާއްޖޭގެ ޓީވީ ޗެނަލެއްގައި ދެއްކުމަށް ހަމަޖެހުނު ފުރަތަމަ ފަހަރެވެ. "މޯލްޑިވިއަން އައިޑަލް" ރާއްޖޭގައި ހޯސްޓްކުރުމުގެ ރައިޓްސް ޕީ.އެސް.އެމްއަށް ލިބިފައިވާއިރު، މިރޭ ސޮއިކޮށްފައިވަނީ ޝޯވގެ ބްރޭންޑް ލައިސަންސް ދޫކުރާ ފަރާތްކަމަށްވާ ފްރެމެންޓަލް މީޑިއާއާއެކުއެވެ. އެކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އެކުންފުނީގެ ވައިސް ޕްރެޒިޑެންޓް ރޮން ކްރެސްޓޯއެވެ.ފްރެމެންޓަލް މީޑިއާއަކީ މަޝްހޫރު ރިއަލިޓީ ޝޯވއެއްކަމަށްވާ "ޕޮޕް އައިޑަލް" ފްރެންޗައިޒް އުސޫލުން ދުނިޔޭގެ އެކި ޤައުމުތަކުގައި ދެއްކުމުގެ ލައިންސް ދޫކުރާ، އިނގިރޭސި ވިލާތުގެ ކުންފުންޏެކެވެ. އެގޮތުން އެކުންފުނީގެ ފަރާތުން މިހާރުވެސް ދުނިޔޭގެ 150 ޤައުމެއްގައި ކުރިއަށްގެންދާ މި ޝޯވއަކީ، 460 މިލިއަނެއްހާ މީހުން ބަލަމުންދާ މަޝްހޫރު ޝޯވއެކެވެ. ފްރެމެންޓަލް މީޑިއާގެ އިތުރުން، ރާއްޖޭގައި މި ޝޯވ އިންތިޒާމްކުރާ ލޯކަލް އޭޖެންޓްކަމަށްވާ ލަކްސޯ އިންޓަރނޭޝަލްއާއެކުވެސް ޕީ.އެސް.އެމްގެ ފަރާތުން ވަނީ ސޮއިކޮށްފައެވެ. މީގެ އިތުރުން "މޯލްޑިވިއަން އައިޑަލް" ވީހާވެސް ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމަށާއި، ޝޯވ ޕްރޮމޯޓްކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެގޮތުން، މޯލްޑިވްސް މާކެޓިންގ އެންޑް ޕީއާރު ކޯޕަރޭޝަން، އެމް.އެމް.ޕީ.އާރ.ސީއާއި، ނެޝަނަލް ސެންޓަރ ފޯރ ދި އާރޓްސް، އެން.ސީ.އޭއާއެކުވެސް މިރޭ ސޮއިކޮށްފައިވެއެވެ.