ކޮވިޑް-19އާ ގުޅިގެން ފަތުރުވެރިން ޒިޔާރަތްކުރާ މަންޒިލްތަކުގެ ތެރެއިން 96 އިންސައްތަ ހުރީ ބަންދުކޮށްފައިކަމަށް އދގެ ފަތުރުވެރިކަމާބެހޭ އިދާރާއިން ބުނެފިއެވެ.
އދ.ގެ ފަތުރުވެރިކަމާބެހޭ އިދާރާ، ޔޫ.އެން.ޑަބްލިއު.ޓީ.އޯ ނެރެފައިވާ ރިޕޯޓެއްގައިވާ ގޮތުން މިއީ ދުނިޔޭގެ ތާރީހުގައިވެސް ފަތުުރުވެރިކަމަށް އެންމެ ބޮޑު ނޭދެވޭ އަސަރެއްކުރާނެ އަހަރެވެ.
މިރިޕޯޓުގައިވާ ގޮތުން ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް ޤައުމުތަކުން ކުރަމުންދާ މަސައްކަތަށް އެހީވުމުގެ ގޮތުން މިއަހަރުގެ ޖެނުއަރީން ފެށިގެން ފަތުރުވެރިކަމުގެ އެކި މަންޒިލްތަކުން ވަނީ ފަތުރުވެރިން ގެނައުން ހުއްޓާލުން ފަދަ ފިޔަވަޅުތައް އަޅާފައެވެ. މިފިޔަވަޅުތަކުގެ ސަބަބުން ބޮޑު ގެއްލުމެއް ފަތުރުވެރިކަމަށް ކުރަމުންދާކަމަށް ރިޕޯޓުގައިވެއެވެ.
ފަތުރުވެރިން ޒިޔާރަތްކުރާ ހުރިހާ މަންޒިލެއްކަހަލަ ގޮތަކަށް ބަންދުކޮށްފައިވާއިރު، ދުނިޔޭގެ ހުރިހާ ޤައުމެއް ފަތުރުވެރިކަމަށް ހުޅުވާލުމަށް ޔޫއެންޑަބްލައިޓީއޯއިން ކުރަމުންދިޔަ މަސައްކަތަށް ވަނީ ބޮޑު އަސަރެއްކޮށްފައެވެ.
މިރިޕޯޓުގައިވާގޮތުން ދުނިޔޭގެ 90 މަންޒިލެއް ފަތުރުވެރިންނަށް ބަންދުކޮށްފައިވާއިރު 44 މަންޒިލަކުން ހިދުމަތް ދެމުންދަނީ ހަމައެކަނި ވަނި ޤައުމުތަކެއްގެ ފަތުރުވެރިންނަށެވެ. ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރުތަކުގެ ތެރޭގައި ފަތުރުވެރިކަމުން ހޯދިފައިވާ ކުރިއެރުމަށް ކޯވިޑްގެ ސަބަބުން ބޮޑު އަސަރެއް ކުރާނެއެވެ. އަދި މިއީ އެތައް މިލިއަން ބައެއްގެ ވަޒީފާ ގެއްލި، ކާންބޯން ކުރާ މަސައްކަތް ހުއްޓާލަން ޖެހިފައިވާ ދަނޑިވަޅެއްކަންވެސް މިރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ފަތުރުވެރިކަމުގެ ސިނާޢަތަށް ؛ލިބެމުންދާ ގެއްލުންތައް ކުޑަކުރުމަށް ސަރުކާރުތަކުންނާއި ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ބެންކުތަކާއި މާލީ އިދާރާތައް މެދުވެރިކޮށް ލޯނު ޕެކޭޖްތައް ލިބޭނެ އިންތިޒާމްތައް ވަނީ ހަމަޖައްސާފައެވެ.