ޚަބަރު

ކޯވިޑް-19 : ނަމާދަށް މިސްކިތަށް ނުދެވޭތީ ޔަހުޔާ އޭނާގެ ކުޅޭ ކޮޓަރި ހެދީ މިސްކިތަކަށް


ކޯވިޑް-19 އިގެ ސަބަބުން ދުނިޔޭގެ އެކި ސަރަޙައްދުގައި މިސްކިއްތައް ވަނީ ބަންދުކޮށްފައެވެ. މީގެ ސަބަބުން މުސްލިމުންނަށް ހިތްދަތިކަން ލިބިފައިވާއިރު މިކަމުގެ އެންމެ ބޮޑު އަސަރެއްކޮށްފައި ވަނީ ޢާއްމުކޮށް މިސްކިތުގައި ޖަމާޢަތުގައި ނަމާދުކުރާ ކުޑަކުދިންނަށެވެ. ދީނީ އެއްބައވަންތަކަން އެކުދިންނަށް ފެންނަ އެންމެ ބޮޑު ތަނަކީ މިސްކިތްތަކެވެ. އެހެންނަމަވެސް ކޯވިޑް ނަވާރައިގެ ސަބަބުން މުޅި ދުނިޔޭގައިވެސް މިވަނީ ޙާލަތު ބަދަލުވެފައެވެ. މިކަމަށް ހައްލެއްގެ ގޮތުން ކުޑަކުދިން އަންނަނީ އެކުދިންގެ ޚިޔާލާއި ފިކުރަށް ފެންނަ ގޮތުގައި ހައްލު ހޯދަމުންނެވެ.

އިގިރޭސިވިލާތުގެ ބްރެޑްފޯޑް ގްރެމަރ ސްކޫލުގައި ކިޔަވަމުން އަންނަ ޢުމުރުން 8 އަހަރުގެ ޔަޙްޔާ މުރާދް ޙުސެއިނަކީވެސް މިސްކިތްތަކަށް ގޮސް ނަމާދުކުރުމަށް ޝަޢުގުވެރިވާ ކުއްޖެކެވެ. ވައިރަހާއި ގުޅިގެން މިސްކިތުގައި ނަމާދުނުކުރެވޭތީ އެކަމާ އޭނާ ކަންބޮޑުވެފައިވީނަމަވެސް އެއީ ޙާލަތު ހުރިގޮތްކަން ޤަބޫލުކޮށް ޔަޙްޔާ ވަނީ އޭނާގެ އަމިއްލަ ގޭގައި މިސްކިތެއްގެ ގޮތުގައި ތަނެއް ބޭނުން ކުރަން ފަށާފައެވެ. މިސްކިތާއި އޭނާގެ ހިތް ގުޅިފައިވާ ޔަޙްޔާ ބުނީ ވައިރަހާއި ގުޅިގެން މިސްކިތްތައް ބަންދުކުރުމުން އޭނާގެ ގޭގެ ކުޅޭ ކޮޓަރީގައި މިސްކިތް ހެދުމަށް ނިންމީކަމަށެވެ.

އެކަމުގައި އޭނާގެ މައިންބަފައިންގެ އެހީތެރިކަން ލިބިފައިވާކަން ފަހަގަކުރަމުން ޔަޙްޔާ ބުނީ އޭނާގެ ކުޅޭކޮޓަރީގައި މިސްކިތް ހެދީ ގޭގައި ހުރި ކާޑު ބޯޑުންކަމަށެވެ. އަދި ރޭގަނޑުގެ ނަމާދު ގަޑިތަކުގައި ދިއްލާގޮތަށް އޭނާވަނީ މިސްކިތުގައި ފެއާރީ ލައިޓްވެސް ހަރުކޮށްފައެވެ. މިއީ މިސްކިތުގެ ޚާއްސަ އެއްބައިގެ ގޮތުގައި ޔަޙްޔާ ފާހަގަކުރެއެވެ. އޭނާއަށް މިސްކިތުގައި އެންމެ ޚާއްސަ ކަމަކީ ފެހިކުލައިގެ މިސްކިތުގެ ގުއްބުކަމަށް ޔަޙްޔާ ބުނެއެވެ. މިސްކިތުގެ ޑިޒައިނަށް ކާޑު ބޯޑު ކަފާ އޭގައި ކުލަލާ ހުރިހާ ކަމަކަށް ހަފްތާއެއް ހޭދަވިކަމަށް ޔަޙްޔާވަނީ މީޑިއާއަށް މަޢުލޫމާތު ދީފައެވެ. ޔަޙްޔާ ބުނީ ނަމާދުވަގުތު ވަނުމުން ކޮންމެ ނަމާދަކަށްވެސް އޭނާގެ މިސްކިތުގައި ބަންގިގޮވާކަމަށާއި އަދި ޤަމަތްދީ ނަމާދުކުރާކަމަށެވެ. ޔަޙްޔާ އެންމެ އުފާވާ އެއްކަމަކީ އޭނާ ތައްޔާރުކުރި މިސްކިތުގައި އޭނާއާއެކު އޭނާގެ މައިންބަފައިން ނަމާދުކުރާތީއެވެ.

ޔަޙްޔާގޭގައި ތައްޔާރކުރި މިސްކިތަކީ ނަމާދުކުރުމުގެ އިތުރުން އޭނާ ހިތްހަމަޖައްސާލަން އެހެނިހެން ޙަރަކާތްތައްވެސް އެތަނުގައި އޭނާ ކުރިއަށް ގެންދެއެވެ. އެގޮތުން އެތަނުގައި ފޮތް ކިޔުމަށްވެސް ޔަޙްޔާ ޝައުގުވެރިވެއެވެ. ދީނީ ކަންކަމާއި ގުޅެގޮތުން ޔަޙްޔާ ބުނީ އިސްލާމް ދީނާއި އޭނާގެ އީމާންކަން ދުނިޔޭގެ ޙާލަތު އޭނާއަށް ވިސްނުމުގައި މުހިއްމު ދައުރެއް އަދާކުރަކަމަށެވެ. އަދި އީމަންކަން ނެތްނަމަ އޭނާ ވީހީ މުޅިން އެހެން މީހެއްގެ ގޮތުގައިކަމަށް އިހުސާސްކުރެވޭކަމަށް ޔަޙްޔާވަނީ މީޑިއާއަށް މަޢުލޫމާތު ދީފައެވެ.

އަދި އޭނާއަށް ރޯދަމަހަކީ ވަރަށް މުހިއްމު މަހެއްކަން ފާހަގަކޮށް ޔަޙްޔާ ބުނީ އޭނާގެ ގެ ރޯދަޔަށް ފުއްޕާހަމުން ޒީނަތްތެރިކުރާ ކަމަށެވެ. އަދި ރޯދަމަހު ކުރާނެ ރަނގަޅު ޢަމަލުތަކުގެ ކަލަންޑަރެއް ތައްޔާރުކޮށް މިމަހުގައި އަޅުކަންކުރުން އިތުރުކޮށް ގިނަ ޘަވާބު ހޯދުމަށް އޭނާ ބޭނުންވާކަން ވަނީ ފާހަގަކޮށްފައެވެ. އަދި ބޮޑެތި މީހުންނާއެއްކޮށް އަޅުކަމުގައި އުޅެވޭތީ ޔަޙްޔާ ވަނީ އުފާވާކަމަށްވެސް ބުނެފައެވެ. އެހެން އަހަރުތަކުގައި ރޯދަމަހު ގިނަ ކަންކަން މުޅި ޢާއިލާއާއެކު ކުރެވުނު ނަމަވެސް މިފަހަރުގެ ރޯދަމަސް ތަފާތުކަން ޔަޙްޔާއަށްވެސް އިޙްސާސްކުރެވެއެވެ. އެހެންނަމަވެސް އޭނާއެކޭ އެއްފަދައިން ޔަޙްޔާވަނީ އެހެން މީހުންވެސް ގޭގައި އަޅުކަމަށް ޚާއްސަ މިސްކިތެއް ފަދަ ތަނެއް ތައްޔާރުކޮށް އަޅުކަމަށް އިތުރަށް ސަމާލުވުމަށް އޭނާ އެދޭކަމަށް ބުނެފައެވެ.

ކޯވިޑް-19 އާއި ގުޅިގެން ދުނިޔޭގެ އެކިކަންކޮޅުތަކުގައިވާ ބޮޑެތި މިސްކިތްތަކާއި ކުދިމިސްކިތްތައް ހިމެނޭގޮތުން އެތައް މިލިޔަން މިސްކިތެއް ވަނީ ބަންދުކުރަން ޖެހިފައެވެ. އަދި އެއާއި އެކު މުސްލިމުންގެ ދިރިއުޅުމުގެ ހުރިހާ އާދަތަކަށް ވަނީ ބޮޑު ބަދަލެއް އައިސްފައެވެ.