އެކި ބޭނުންތަކުގައި މާލެއަށް އައިސްތިބި މީހުންގެތެރެއިން ފުރަބަންދާއި ގުޅިގެން އެނބުރި ރަށަށް ނުދެވި މާލޭގައި ޙާލުގައި ޖެހިފައިތިބި މީހުނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށްޓަވައިފިއެވެ.
މިފަދަ ފަރާތްތަކަށް ބޯހިޔާވަހިކަމާއި ޒަރޫރީ ބޭނުންތައް ފުއްދޭނެ އިންތިޒާމް މާލެސިޓީ ކައުންސިލުން ހަމަޖައްސަވައި ދެއްވާފައިވަނީ ހިރިޔާ ސްކޫލުގައެވެ.
މާލެ ސިޓީ ކައުންސިލުން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލެއަށް އެކި ބޭނުންތަކުގައި އައިސްތިބި ފަރާތްތަކާއި ރިސޯޓުތަކުން އައިސް ފުރަބަންދުގެ ސަބަބުން ރަށަށް ނުދެވި މާލޭގައި ތިބޭނެ ތަނެއް ނެތިފައި ތިބި މީހުންނާއި ކާނެ ގޮތެއް ނެތިފައިތިބި މީހުންނަށް އެހީތެރިވުމުގެ މަސައްކަތް އެކައުންސިލުން ފައްޓަވާފައިވާކަމަށެވެ. އެގޮތުން މާލޭގައި ވަންނާނެ ތަނެއް ނެތް 9 ފަރާތަކަށް ރޭ ހިރިޔާ ސްކޫލްގައި ބޯހިޔާވަހިކަން ހަމަޖައްސާދީފައިވާކަމަށް އެކައުންސިލުން ވިދާޅުވެއެވެ.
މާލޭގައި މިވަގުތު އަމިއްލަ ރަށަށް ނުދެވި ތިބި މީހުނަށް އެހީވުމަށް ހިރިޔާ ސްކޫލް ތައްޔާރުކޮށްފައިވާއިރު އެތަން ތައްޔާރުކޮށްފައިވަނީ ކަމާބެހޭ ފަރާތްތަކުން ކަށަވަރުކުރުމަށް ބާރުއަޅުއްވަމުންގެންދަވާ އުސޫލުތަކުގެ މަތިން އިޖުތިމާޢީ ގައިދުރުކަން ހުންނާނެ ގޮތަށެވެ. އަދި މިކަން ކުރަމުންގެންދަވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ގުޅިގެންކަމަށް މާލެ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ކުރެއްވި ޓުވީޓެއްގައިވަނީ ފާހަގަކުރައްވާފައެވެ.
ކޯވިޑް ނަވަރައާއި ގުޅިގެން ޙާލުގައި ޖެހޭ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި މާލޭގެ އިމާދުއްދީން ސުކޫލާއި ހުޅުމާލޭ ޣާޒީ ސްކޫލާއި ރެހެންދި ސްކޫލްވެސް ދަނީ ބޭނުންކުރަމުންނެވެ. އަދި ހުޅުމާލެ ފުޓްބޯލް ސްކޫލްގެ 24ކޮޓަރިވެސް ވަނީ ވަގުތީ ބޯހިޔާވަހިކަމަށް ހަމަޖައްސާފައެވެ.
ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މާލޭގައި ބިދޭސީން ތޮއްޖެހިގެން ދިރިއުޅެމުންދާ ތަންތަނުން އެމީހުން އެހެން ހޮޔާތަކަށް ބަދަލުކުރުމުގެ މަސައްކަތްވެސް ސަރުކާރުން ވަނީ ފަށާފައެވެ.