ކަރަންޓީނަށް ދިއުމަށް އެންގުމުން ދެކޮޅު ހެދި މީހަކު ކަރަންޓީނަށް ގެންދިއުމަށް އަނެއްކާވެސް ސިވިލް ކޯޓުން އަމުރެއް ނެރެފިއެވެ.
ކޮވިޑް-19 ޖެހިފައިހުރެދާނެ ކަަމަށް ޝައްކު ކުރެވިގެން ކަރަންޓީނަށް ދިއުމަށް އެންގުމުން މި ފަހަރު ދެކޮޅު ހަދާފައިވަނީ މާލޭގައި ދިރިއުޅެމުންދާ ބަންގަލަދޭޝް މީހެކެވެ. އޭނާ ކަރަންޓީނަށް ގެންދިއުމުގެ އަމުރަކަށް ބަންޑާރަނައިބު އޮފީހުން އެދުމުން އެ އަމުރު އެ ކޯޓުން ނެރެދެއްވާފައިވަނީ މިރޭ ދަންވަރުގެ ވަގުތެއްގައެވެ.
ކޯޓުން ވަނީ އޭނާ 14 ދުވަހުގެ ނިޔަލަށް ކަރަންޓީނަށް ދިއުމަށް އަމުރުކުރުމާއެކު އޭނާ ކަރަންޓީނުގައި ބަހައްޓާ މަރުކަޒުގައި ބަންދުކޮށްފަަައި ބެހެއްޓުމަށް ފުލުހުންނާއި އެކަމުގައި ޝާމިލްވާ ފަރާތްތަކަށް އަމުރުކޮށްފައެވެ. ކޮވިޑް-19ގެ ހާލަތާއި ގުޅިގެން މީހުން ކަރަންޓީނަށް ދިއުމަށް އަންގަނީ އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ޑިރެކްޓަރ ޖެނަރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދީފައިވާ ބާރުގެ ދަަށުންނެވެ.
މި އެންގުމާ ހިލާފުވެގެން މީގެ ކުރިންވެސް ސިވިލް ކޯޓުން ވަނީ އެކި ފަހަރު މަތިން އެ އެންގުން ތަންފީޒުކުރުމުގެ އަމުރު ނެރެފައެވެ.