 
										
			ކޯވިޑް-19އާ ގުޅިގެން މުއްދަތު ހަމަވެގެންނާއި ކުނިވެ ހަލާކުވާ ތަކެތި  ވެމްކޯގެ މާލޭ ޓްރާންސްފަރ ސްޓޭޝަނުން ނައްތާލެވޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ. 
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ވެމްކޯއިން ނެރުނު ނޫސްބަޔާނުގައި ވަނީ ނައްތާލަށް ބޭނުންވާ  ބާވަތްތަކުގެ މަދު ޢަދަދަކަށް ހިމެނޭ ފަރާތްތަކުން މާލެ ޓްރާންސްފަރ ސްޓޭޝަނަށް ނައްތާލުމުގެ ޚިދުމަތަށް އެދި ހުށައެޅުމުން އެކަމުގެ އިންތިޒާމް ހަމަޖައްސައިދޭނެކަމަށެވެ. 
އެސްޓޭޝަނުން ނައްތާލެވޭނެ މުދަލުގެ ބާވަތްތަކުގެ ތެރޭގައި މުއްދަތު ހަމަވެފައިވާ ކާބޯތަކެއްޗާއި  ތަޣައްޔަރުވެފައިވާ ކާބޯތަކެއްޗާއި ކުނިވެ ހަލާކުވެ ނުވަތަ މުޅަވެފައިވާ ކާބޯތަކެތި ހިމެނެއެވެ. މީގެ އިތުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ނައްތާލަންޖެހޭކަމަށް ކަނޑައަޅާފައިވާ  ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައްވެސް ހިމެނެއެވެ.  މާލޭ ޓްރާންސްފަރ ސްޓޭޝަނުން ކަމާބެހޭ ފަރާތްތަކުން ނައްތާލުމަށް އަމުރު ކޮށްފައިވާ ތަކެތިވެސް ނައްތާލުމަށް ވަނީ ހަމަޖެހިފައެވެ. އެހެންނަމަވެސް  މިބާވަތުގެ ކުނީގެ ތެރޭގައި ތަފާތު ކެމިކަލް އެކުލެވޭ ނުރައްކާތެރި ކުނި ނުހިމެނެއެވެ. 
ވެމްކޯއިން ވިދާޅުވީ މާލޭ ޓްރާންސްފަރ ސްޓޭޝަނުން ނައްތާލެވޭނީ 350 ކިލޯއާއި 1500 ކިލޯގެ ދެމެދުގެ އުޅނަދުތަކުގައި ގެންނަ ކުނިކަމަށެވެ. އަދި ޚިދުމަތަށް އެދޭ ފަރާތްތަކަށް ދުވާލެއްގެ މައްޗަށް ގިނަވެގެން އުކޭނީ 1500 ކިލޯގެ އުޅަނދުގެ ކުނިކަމަށްވެސް އެ ކޯޕަރޭޝަނުން ވިދާޅުވެއެވެ. 
މިފަދަ ތަކެތި ނައްތާލުމުގައި ޖީއެސްޓީ ނުހިމަނައި ޓަނަކަށް 2700 ރުފިޔާ ދައްކަންޖެހެއެވެ. އަދި ފީ ނެގުމަށް ހަމަޖެހިފައިވަނީ ޓްރާންސްފަރ ސްޓޭޝަނަށް އެ ބާވަތުގެ ކުނި އުފުލައިގެން ގެންނަ ވެހިކަލްގެ ބަރުދަނަށް ބަލައިގެންނެވެ.