ގުޅީފަޅު ކަރަންޓީން ފެސިލިޓީއަށް ބޭނުންވާ ފެނާއި ކާޑުގެ ބާވަތްތައް ފޯރުކޮށްދީފިއެވެ. ކޯވިޑް-19ގެ ޙާލަތު ރާއްޖޭގައި ގޯސްވެ ގުޅީފަޅުގައި ކަރަންޓީން ފެސިލިޓީއެއް ޤާއިމުކޮށް މި ތަނަށް ބިދޭސީން ބަދަލުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
މާލޭގައި ތޮއްޖެހިގެން ދިރިއުޅޭ ބިދޭސީންގެ ތެރެއިން 600 މީހުން ގުޅީފަޅުގައި ހަދާފައިވާ ފެސިލިޓީއަށް ބަދަލު ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ، އެންއީއޯސީއިން ވަނީ ހާމަކުރައްވާފައެވެ. މި މަސައްކަތުގެ ދަށުން އެންމެ އިސްކަމެއް ދެނީ ތޮއްޖެހިފައިވާ ތަންތަނުގައި ތިބި ބައްޔަށް ހުށައެޅުމުގެ ފުރުޞަތު ބޮޑު ބިދޭސީން އެތަންތަނުން ބަދަލުކުރުމަށެވެ. މި މަސައްކަތް ފަށާފައިވާއިރު، އެމްޓީސީސީގެ ފެރީ މެދުވެރިކޮށް މިހާރު ވަނީ ގުޅީފަޅު ކަރަންޓީން ފެސިލިޓީއަށް ބޭނުންވާ ފެނާއި ޒަރޫރީ ސާމާނު ފޯރުކޮށްދީފައެވެ. އެގޮތުން ކާޑުގެ ބާވަތްތަކާއި، ފެން ފޯރުކޮށްދިނުމުގައި އެމްޓީސީސީގެ ސީއެސްއާރްގެ އެހީ ފޯރުކޮށްދީފައިވާކަން އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.
މާލޭގައި ތޮއްޖެހިގެން ދިރިއުޅޭ ބިދޭސީންގެ ތެރެއިން 600 މީހުން ގުޅީފަޅުގައި ހަދާފައިވާ ފެސިލިޓީއަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، މިހާތަނަށް އައިރު މި މަސައްކަތުގެދަށުން ހުޅުމާލެއަށްވަނީ 300އަށްވުރެ ގިނަ ބިދޭސީން ބަދަލުކޮށްފައެވެ. ގުޅީފަޅަށް ހަތަރު ހާހެއްހާ ބިދޭސީން ބަދަލުކުރުމަށް އިތުރު ފެސިލިޓީތައް ޤާއިމުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ސަރުކާރުން މީގެކުރިން ވިދާޅުވެފައިވަނީ މާލޭގައި ތޮއްޖެހިގެން ދިރިއުޅޭ ފަސްހާހެއްހާ ބިދޭސީން ބަދަލުކުރަންޖެހޭކަމަށެވެ. މީގެ އިތުރުން ހުޅުމާލެއާއި ވިލިވަރު އަދި ތިލަފުށީގައި ބިދޭސީންނަށް ޚާއްސަކޮށްގެން ގިނަ ފެސިލިޓީތަކެއްގެ މަސައްކަތް މިހާރުވެސް ހިންގަމުންދާކަމަށް މިނިސްޓަރ އޮފް ޓުއަރިޒަމް ޢަލީ ވަހީދު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.