ޚަބަރު

ޚާއްސަ ހާލަތުގައި ޖިނާއީ މައްސަލަތަކުގައި އަަމަލުކުރާނެ ގޮތުގެ ބިލެއް ހުށަައަޅަައިފި


ޚާއްސަ ހާލަތްތަކުގައި ޖިނާއީ މައްސަލަތަކުގައި އަމަކުރާނެ ގޮތް ބަޔާންކުރާނެ ގޮތް ކަނޑައެޅުމަށް ޖިނާއީ އިޖްރާއަތުގެ ގާނޫނަށް އިސްލާހް ހުށައަޅުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ހުށައަޅުއްވާފައިވާ މި ބިލްގައި ޚާއްސަ ހާލަތްތައް ކަމަށް ބަލާފައި ވަނީ އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތާއި ކާރިސާއެއް އިއުލާންކުރެވޭ ހާލަތުގެ އިތުރުން ރައީސުލް ޖުމްހޫރިއްޔާ އިއުލާން ކުރައްވާ ކުއްލި ނުރައްކަލުގެ ހާލަތެވެ. މި ބިލްގެ ފުރަތަމަ ކިޔުން މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް އިއްވާފައެވެ.

މި ބިލްގައި ޚާއްސަ ހާލަތްތަކުގައި ޝަރީއަތްތައް ކުރިއަަށްގެންދަންވާނެ ގޮތާއި އެ ޙާލަތްތަކުގައި މުއްދަތުތައް ގުނާނެ ގޮތް ކަނޑައަޅާފައިވެއެވެ. އެގޮތުން ޖިނާއީ އިޖްރާއަތުގެ ގާނޫނާއި ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރު ގެންގުޅުން މަނާކުރުމުގެ ގާނޫނާއި ޓެރިޒަމް މަނާކުރުމުގެ ގާނުނުގެ އިތުރުން ޤާނޫނުލް އުޤޫބާތުގައި ވަކި މުއްދަތުތަކެއްގެ ތެރޭގައި ކުރަން ކަނޑަަޅާފައިވާ ކަންކަން ކުރުމުގައި މުއްދަތު ގުނާނީ ޚާއްސަ ހާލަތްތަކުގެ ދުވަސްތައް ނުލާ ކަމަށް މި ބިލުގައިވެއެވެ. އޭގެ ތެރޭގައި ވަކި މުއްދަތެއްގެ ތެރޭގައި ދަައުވާ އުފުލުމަށާއި ޝަރީއަތްތައް ނިމުންފަދަ މުއްދަތައް ހިމެނެއެވެ.

އަދި ސިއްހީ ކުއްލި ނުރައްކަލުގެ ހަލާތްތަކުގައި ޝަރީއަތްތައް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮަށް ކުރިއަށް ގެންދެވިދާނެ ކަމަށް ބަޔާންކޮށް އެކަމުގައި އަަމަލުކުރާނެ ގޮތް ވެސް މި ބިލްގައިވެ އެވެ.

އަދި ޖިނާއީ ކުށަކާ ގުޅިގެން ބަންދުގައި ހުންމީހަަކާއި އޭނާގެ ވަކީލަކާ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮަަށް ބައްދަލުކުރުމުގެ އިންތިޒާމް ހަމަ ޖައްސަދޭން ވާނެ ކަމަށް މި ބިލްގައިވެއެވެ.

ޚާއްސަ ހާލަތްތަކުގައި ކުށެއްގެ ތުހްމަތުގައި ބަންދު ކުރެވޭ މީހަކު ވަގުތުން ޕޮލިސް ސްޓޭޝަނަކަށް ގެންދެވެން ނެތް ނަމަ ހޯމް މިނިސްޓަރު ކަނޑައަޅުއްވާ ތަނަކަށް ބެހެއްޓިދާނެ ކަމަށް ބުނެފައިވެއެވެ.
ޚާއްސަ ހާލަތްތަކުގައި އަމަލުކުރާނެ ގޮތް ކަނޑައެޅުމަށް އިސްލާހް ހުށައަޅާފައި މިވަނީ ޖިނާއީ އިޖްރާއަތުގެ ޤާނޫނުގައި އެ ފަދަ ހާލަތުގައި އަމަލުކުރާނެ ގޮތް ކަނޑައަޅާފައި ނެތުމުންވެ.