ޚަބަރު

ބިދޭސީން ޕޮޒިޓިވްވާ މިންވަރު އިތުރުވެ މާލޭގެ ބައެއް ޚިދުމަތްތަކަށް ބުރުއަރައިފި


އެކި ދާއިރާތަކުން ދިވެހި މަސައްކަތްތެރިން ބިނާ ކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފައްޓަވައިފިއެވެ.

ޕީއެސްއެމްނިއުސްއަށް މައުލޫމާތު ދެއްވަމުން މާލެ ސިޓީ ކައުންސިލްގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ މާލޭގައި ތިބި ގިނަ ބިދޭސީންނަށް ކޯވިޑް 19 ޖެހި އެކަހެރިކުރަންޖެހުމުގެ ސަބަބުން ބައެއް ކަހަލަ މަސައްކަތްތަކަށް ބުރުއަރާފައިވާކަމަށެވެ. އެހެންކަމުން މިދަނޑިވަޅުގައި ދިވެހި މަސައްކަތްތެރިން އުފެއްދުމުގެ މުހިއްމުކަން ވަރަށްބޮޑަށް ތަސައްވަރުކުރެވިގެން ގޮސްފައިވާކަމަށާއި މިމައްސަލަތައް ޙައްލުކުރުމަށް އެކި ފަރާތްތަކާއި މަޝްވަރާކޮށް އެކަމަށްޓަކައި ކަރުދާހެއް އެކުލަވާލުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން މިހާރުކުރަމުންދާ ކަމަށް އެކައުންސިލުން ވިދާޅުވެއެވެ. ސިޓީ ކައުންސިލުން ވިދާޅުވީ 300 އެއްހާ ދިވެހި މަސައްކަތްތެރިން މާލެއަށް މިވަގުތުވެސް ނެރެންޖެހޭކަމަށެވެ. އެހެންކަމުން އަމާޒަކީ ޕެންޑަމިކް ނިމޭއިރު އެފަދަ ވޯކް ފޯސްއެއް ތައްޔާރުކުރުންކަމަށް މޭޔަރ ސިފާ މުޙައްމަދު ވިދާޅުވިއެވެ.

ކޯވިޑް 19 ރާއްޖޭގައި ފެތުރެމުންދާ ނިސްބަތް އިތުރުވަމުން އަންނައިރު މިބަލި ދިވެހިންނަށްވުރެ ބޮޑަށް ފެތުރިފައިވަނީ ބިދޭސީންގެ ތެރޭގައެވެ.

ކޯވިޑް 19 އާ ގުޅިގެން ލޮކްޑައުންގެ މިހާލަތުގައި ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެނޫންވެސް މުދާ ގޭގެއާ ހިސާބަށް ގެންގޮސްދިނުމުގައި ބޮޑަށް ހަރަކާތްތެރިވެފައިވަނީ ބިދޭސީ މަސައްކަތްތެރިންކަން ފާހަގަކޮށްލެވެއެވެ. އެހެންކަމުން ބިދޭސީންނަށް މަސައްކަތަށް ނުނިކުމެވުމުގެ ސަބަބުން މާލޭގައި ރައްޔިތުންނަށް ދެމުންއައި ބައެއް ޚިދުމަތްތަކަށްވަނީ ބުރުއަރާފައެވެ. މަސައްކަތް އެއްކޮށް ނުހުއްޓި އޮތީ އެކަމުގައި ވަގުތުން އެޅުނު ފިޔަވަޅުތަކެއްގެ ސަބަބުންނެވެ.

ބިދޭސީން ކުރާ މަސައްކަތްތަކަށް ބަލާއިރު މާލޭގެ ކާނުތައް ސާފުކުރުމާއި ފަޅުތެރެ ސާފުކުރުމާއި މާރުކޭޓުތައް ސާފުކޮށް ބެލެހެއްޓުމުގައާއި މާލެ ތެރެ ފޮގް ކުރުމުގައިވެސް ޙަރަކަތްތެރިވަނީ ބިދޭސީން ކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއެވެ. މީގެ އިތުރުން ފިހާރަތުގެ ސޭޓުންނަށާއި މާރުކޭޓު ގޮޅިތަކުގައާއި މުދާ އުފުލާ ދޯނިތަކުގައިވެސް މަސައްކަތްކުރަނީ ބިދޭސީންކަން ފާހަގަ ކުރައްވަމުން މިމަސައްކަތްތަކަކީވެސް ދިވެހިންނަށް ނުކުރެވޭނެ މަސައްކަތްތަކެއް ނޫން ކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް ދިރިއުޅޭ ބިދޭސީން ޤަވާއިދަށް ފެއްތުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. ކޯވިޑް-19 އާއި ގުޅިގެން މި ޕްރޮގްރާމު ވަގުތީގޮތުން މެދުކަނޑާލާފައިވީ ނަމަވެސް މިއަހަރުގެ ފެބެރުއަރީ މަހުގެ ނިޔަލަށް 31000 ބިދޭސީން ރެގިއުލަރައިޒްކޮށްފައިވާކަމަށް ސަރުކާރުން ހާމަކުރެއެވެ. އަދި ޤަވާޢިދާ ޚިލާފަށް އުޅެމުންދިޔަ ބިދޭސީންގެ ތެރެއިން ފަސްދޮޅަހަށްވުރެ ގިނަ މީހުން މިހާރުވަނީ އަނބުރާ ޤައުމަށް ފޮނުވާވެސްލާފައެވެ. އަދި މިހާރުވެސް ފަނަރަސަތޭކަ މީހުން ބަންގްލަދޭޝް ސަރުކާރާއި ގުޅިގެން ފޮނުވާލުމުގެ މަސައްކަތް ސަރުކާރުންއަންނަނީ ކުރަމުންނެވެ.

މާލެ ސަރަޙައްދުގައި އުޅޭ ބިދޭސީންގެ ޢަދަދު ލައްކައަކާ ގާތްކުރެއެވެ. އަދި ނަގަންޖެހޭ ހުއްދަތައް ނުނަގާ އުޅޭ ބިދޭސީންގެ މުޅި ރާއްޖެއަށް ބަލާއިރު 60،000އަށްވުރެ މައްޗައް އަރަައެވެ.