ޚަބަރު

ކޯވިޑް-19: ބިދޭސީންނަށް ބެނެފިޝަރީ ކާޑެއް ތަޢާރަފުކޮށްފި


ކޯވިޑް-19ގެ ލޮކްޑައުން ޙަލަތާއި ގުޅިގެން ދިވެހި ރެޑް ކްރެސެންޓުގެ ފަރާތުން ބިދޭސީންނަށް ޚިދުމަތްތައް ދިނުމުގައި އިތުރަށް ލުއިފަސޭހަ ކުރުމުގެ ގޮތުން ޚާއްސަ ބެނެފިޝަރީ ކާޑެއް ބިދޭސީންނަށް ދޫކުރަން ފަށައިފިއެވެ.

ޕީއެސްއެމްނިއުސްއަށް މައުލޫމާތުދެއްވަމުން ދިވެހި ރެޑް ކްރެސެންޓުގެ ކޮމިއުނިކޭޝަން އެންޑް ރިސޯސެސް މޮބިލައިޒޭޝަން އޮފިސަރ މިޒީ މުސްތަފާ ވިދާޅުވީ މިހާރު ދިމާވެފައިވާ ސިއްޙީ ކުއްލި ޙާލަތާއި ގުޅިގެން ޚިދުމަތްދެމުންދާ ބިދޭސީންނަށް ދޫކުރަމުންދާ ބެނެފިޝަރީ ކާޑުގެ ސަބަބުން ރެޑް ކްރެސެންޓުން މިފަރާތްތަކަށް އެހީފޯރުކޮށްދެވެމުންދާކަން ކަށަވަރުކުރެވޭނެ ކަމަށެވެ. މިޒީ ވިދާޅުވީ މިއީ ރަސްމީ ގޮތެއްގައި ބޭނުންކުރާ ކާޑެއް ނޫންކަމަށާއި މިއީ މިދަނޑިވަޅުގައި އެންމެ ލުއި ގޮތެއްގައި އިންސާނީ އެހީ ދެވޭ ފަރާތްތައް ދެނެގަނެވި އިތުރަށް ރެޑްކްރެސެންޓުގެ ފަރާތުން މިފަރާތްތަކަށް ގުޅަންޖެހޭ ޙާލަތެއް މެދުވެރިވެއްޖެނަމަ އެންމެ އަވަހަށް އެކަން ކުރެވޭނެ ގޮތެއް ހެދުމުގެ ގޮތުން ދޫކުރަންފެށި ކާޑެއް ކަމަށެވެ.

ބެނެފިޝަރީ ކާޑަކީ ހަމައެކަނި މޯލްޑިވްސް ރެޑް ކްރެސެންޓުގެ ބޭނުމަށް ބިދޭސީންގެ ހުއްދައާއި އެކު ހޯދާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ދޭ ކާޑެކެވެ. އެގޮތުން އެމީހެއްގެ ނަމާއި ޢުމުރާއި ނިސްބަތްވާ ޤައުމާއި އިމަރޖެންސީގައި ގުޅޭނެ ފަރާތެއްގެ ނަމްބަރު އޭގައި ހިމަނާފައިވާނެއެވެ.

އަދި މިކާޑު ދިނުމުގައި ބިދޭސީންގެ ތެރޭގައި ތިބި އަންޑޮކިއުމަންޓެޑް މީހުންވަކިކޮށް ވަކިގޮތެއް ހެދުމެއް ނެތްކަމަށާއި މިއީ މިވަގުތު ރެޑް ކްރެސެންޓުން އިންސާނީ އެހީ ފޯރުކޮށްދެމުންދާ ހުރިހާ ފަރާތަކަށް ދޫކުރާ ކާޑުތަކެއްކަމަށް ރެޑްކްރެސެންޓުން ވިދާޅުވެއެވެ. އަދި މީގެ ސަބަބުން މިދަނޑިވަޅުގައި އެހީތެރިކަން ފޯރުކޮށް ދެވެމުންދާ މީހުންގެ މަޢުލޫމާތު ނިޒާމެއްގެ ތެރެއިން ބެލެހެއްޓެމުންދާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ތިބި ބިދޭސީންނަށް މިޙާލަތުގައި އެހީވުމަށް ކަމާ ގުޅުންހުރި ހުރިހާ ފަރާތަކާއި ޢާއްމުންގެ އެހީތެރިކަމާއެކު އެމްއާރްސީއިން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ކަރަންޓީން ފެސިލިޓީތަކުގައި ތިބި އެތައްހާސް ބިދޭސީންނަށް ބޭނުންވާ ކާބޯތަކެތި ފޯރުކޮށްދިނުމަށްވެސް ކޮންމެ ދުވަހަކު މަސައްކަތްތައް ކުރަމުން އަންނަނީ ރެޑްކްރެސެންޓުންނެވެ.