މޫދު މާކަނޑު ފެސްޓިވަލް 2015 އއ. އުކުޅަހުގައި ފެށިގެން ކުރިޔަށް އެބަދެއެވެ.މޫދު މާކަނޑު ފެސްޓިވަލްއަކީ އިންޓަރނޭޝަނަލް ޔޫނިއަން ފޮރ ކޮންޒަވޭޝަން އޮފް ނޭޗަރއިން ރާއްޖޭގެ ކަނޑުތައް ހިމާޔަތް ކުރުމަށް ކުރިޔަށް ގެންދާ ރީޖެނެރޭޓް ޕްރޮގްރާމްގެ ދަށުން ކުރިޔަށް ގެންދާ ފެސްޓިވަލްއެކެވެ. މިފެސްޓިވަލްގެ މަޤްސަދަކީ ކަނޑާއި ކަނޑުގައިވާ ދިރުންތައްދެނެގަނެ، މިތަކެތި ރައްކާތެރިކުރުމާއި ބެހޭ ގޮތުން ސްކޫލްތަކުގެ ދަރިވަރުން ހޭލުންތެރިކުރުންކަމަށް އައި.ޔޫ.ސީ.އެންއިންގެ ކޮމިއުނިޓީ އައުޓްރީޗް އެންޑް އެންގޭޖްމަންޓް ލިއޭޒަން، މުންޝިދާ އިބްރާހިމް މައުލޫމާތު ދިނެވެ.މޫދު މާކަނޑު ފެސްޓިވަލް ބާއްވަމުން މިދަނީ އައި.ޔޫ.ސީ.އެންއާއި ސަރުކާރުގެ އެކި ދާއިރާތައް އަދި އަމިއްލަ ދެ ޖަމިއްޔާއެއް ގުޅިގެންނެވެ. މިއަދު ފެސްޓިވަލް ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ޕާރމަނަންޓް ސެކެޓްރީ ޑރ.އަބްދުﷲ ނަސީރު، ޔޫ.އެސް.އެއިޑްގެ މިޝަން ޑިރެކްޓަރ އެލިޒަބަތް ކިވިޓާޝްވިލި އަދި އެންވަޔަރަމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޑރ.އަބްދުﷲ މުހައްމަދު ދީދީގެ އިތުރުން އުޅުކަސް ކައުންސިލުން ބައިވެރިވެފައިވެއެވެ.. މިއަހަރުގެ ފެސްޓިވަލްގައި އއ. އަތޮޅުގެ އުކުޅަސް، ފެރިދޫ، މަތިވެރި އަދި ރަސްދޫ ސްކޫލްގެ ދަރިވަރުން ބައިވެރިވެފައިވެއެވެ. އެއްދުވަހުގެ މިފެސްޓިވަލްގައި ކަނޑުތަކާއި އޭގާވާ ދިރުންތަކާއި މިތަކެތި ރައްކާތެރި ކުރުމާއި ބެހޭ ގޮތުން އެކި އެކި ކުޅިވަރުތަކުންނާއި ސްޓޯލްތަކުގެ ޒަރީޔާއިން ދަނީ މައުލޫމާތުދެމުންނެވެ. މިއީ އައި.ޔޫ.ސީ.އެންއިން ބާއްވާ މިފަދަ ދެވަނަ ދެސްޓިވަލެވެ. މިދިޔަ އަހަރު މިފެސްޓިވަލް ބާއްވާފައިވަނީ އއ. މަތިވެރީގައެވެ.ޕްރޮޖެކްޓް ރީޖެނެރޭޓްއަކީ ރާއްޖޭގެ މުރަކަ ފަރުތަށް ރައްކާތެރިކޮށް ހިމާޔަތްކުރުމަށް އައި.ޔޫ.ސީ.އެން އަދި ޔޫއެސް.އެއިޑް އިސްނަގައިގެން ކުރިޔަށް ގެންދާ ޕްރޮޖެކްޓެކެވެ. މިޕްރޮޖެކްޓްގެ ދަށުން މިއަހަރު އެހެން ޕްރޮގްރާމްތަކެއްވެސް ކުރިޔަށް ގެންދާނެކަމަށް އައި.ޔޫ.ސީ.އެންއިން މައުލޫމާތުދެއެވެ.