ޚަބަރު

އަނިޔާވެރި އަމަލުތައްކުރާ ގޭމުތަކުން ކުދިންނަށް ކުރާ ނޭދެވޭ އަސަރާއި މެދު ވިސްނާލަން ޖެހޭ


ފުރަބަންދުގައި ކުދިނަށް ގޭގައި ހޭދަކުރަންޖެހުމުގެ ސަބަބުން ގިނަ ވަގުތު ގޭމުކުޅުމުގައި ކުދިން އަންނަނީ ހޭދަކުރަމުންނެވެ. އެކަމަކީ ކުދިންނަށް ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުންވެސް ބަދަލުތައް އަންނަ ކަމެކެވެ. އެހެންކަމުން ކުޑަކުދިން ކުޅޭ ގޭމުތަކުގެ ސަބަބުން ކުދިންގެ އުޅުމާއި އަޚުލާޤަށް އަތުވެދާނެ ބަދަލަކާއި މެދު ބެލެނިވެރިން ފާރަވެރިވެ ތިބުމަކީ މުހިއްމު ކަމެކެވެ.

އަނިޔާވެރި އަމަލުތައް ހިމެނޭ ގޭމު ކުޅުމަކީ އެކަމުގެ ނޭދެވޭ އަސަރު ކުޑަކުދިންނަށް ކުރާކަމެއްކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ. އެހެންނަމަވެސް މިކަމާ ގުޅިގެން ހެދިފައިވާ ދިރާސާތައް މަދުވުމަކީ މީގެ ނުރައްކާ އޮތް މިންވަރު ކަނޑައެޅިގެން ދަންނަވަން ދަތިވާ ސަބަބެކެވެ. އެހެންނަމަވެސް މިހާތަނަށް ހެދިފައިވާ ހުރިހާ ދިރާސާއަކުންވެސް ތަޅައިފޮޅުމާއި މީހުން މެރުމާއި ގެއްލުން ދިނުން ފަދަ ކަންކަން ހިމެނޭ ގޭމުތައް ކުޅުމަކީ ކުދިންގެ އުޅުމަށް ބަދަލުއައިސް ރުޅިއިސްކުރުމާއި މީހުނަށާއި ތަކެއްޗަށް ގެއްލުން ދިނުމަށް ދިމާވާ ކަމެއްގެ ގޮތުގައި ނަފްސާނީ އިލުމުވެރިން ވިދާޅުވެއެވެ.

ދިރާސާތަކުން މިކަން އޮތީ މިގޮތަށް ކަމުގައި ދެއްކިނަމަވެސް ގޭމު ކުޅޭ މީހުން މިކަމާއި މެދު ޚިޔާލު ތަފާތުވެފައި ވެއެވެ. ގޭމު ކުޅޭ މީހުންގެތެރޭގައިވެސް މީހުނަށް ގެއްލުންދިނުމާއި ތަޅާފޮޅުމުގެ ވިސްނުމާއި ދުރު މީހުން ނިސްބަތުން ގިނަކަން ގޭމު ކުޅޭ މީހުން ބުނެއެވެ. މިގޮތަށް ދިމާވުމުގައި ގިނަ ސަބަބުތަކެއް ހުންނަކަމަށް ނަފުސާނީ އިލުމުވެރިން ވަނީ ވިދާޅުވެފައެވެ.

ނަފްސާނީ އިލުމުވެރިން ހާމަކުރައްވާ ގޮތުގައި ކުދިން ރުޅިގަދަވުމާއި، އަތްއިސްކޮށް ތަކެއްޗަށް ގެއްލުން ދިނުން ފަދަ ކަންކަން ކުރިމަތިވާ އެއްސަބަކީ ދިމާވާ ކަންކަމުގައި ކެތްތެރިކަން އިސްކޮށް ރަނގަޅަށް ވިސްނުން ކުއްޖާގެ ކިބައިގައި އަށަގަނެފައި ނުވާތީ މެދުވެރިވާ ކަންކަމެވެ. މީހުންމެރުމާ ތަޅާފޮޅާ ގޭމުތަކުގެ ސަބަބުން ކުއްޖާގެ ވިސްނުމަށް ބަދަލު އައިސް އުޅުމާއި އަޚުލާޤާއި ކަންކަމާއި މެދު އަމަލުކުރާ ގޮތަށް ބޮޑެތި ބަދަލުތަކެއް އަންނަ ކަމުގައި ނަފްސާނީ އިލްމުވެރިން ވިދާޅުވެއެވެ.

އެމެރިކަން ސައިކޮލޮޖިކަލް އެސޯސިއޭޝަން އޭޕީއޭއިން ވިދާޅުވާ ގޮތުގައި ކުޑަކުދިންގެ މެދުގައި މިފަދަ ތަޅާފޮޅާ ގޭމުތައް ކުޅުމުގެ އާދަ ހަރުލާފައިވަނިކޮށް އެގްރެސިވް ބިހޭވިއާ ނުވަތަ މީހުންނާ ކުރިމަތިލުމާއި އެޓޭކް ކުރުމުގެ އާދައަށް މަގުފަހިވާ އިތުރު ސަބަބެއް އެކުއްޖެއްގެ ދިރިއުޅުމުގައި ކުރިމަތިވާ ހިސާބުން ކުދިންގެ އުޅުން ބަދަލުވުމުގެ ފުރުސަތު ބޮޑުކަމަށެވެ. އަދި މިބާވަތުގެ ގޭމު ކުޅެ ކުދިން އެހެން މީހުންނާއި ގުޅިގެން ކަންކަން ކުރުމާއި ބައިވެރިވުމުގައި މިބާވަތުގެ ގޭމު ނުކުޅޭ ކުދިންނާއި ތަފާތުކަމަށްވެސް އޭޕީއޭއިން ވިދާޅުވެއެވެ. އަދި ކުޑަކުދިންގެ މެދުގައި އަޚްލާގީ މައްސަލަތައް ޢާއްމުވާ ކުދިންގެ މެދުގައި މިއީ ޢާއްމު ރިސްކް ފެކްޓަރއެއްގެގޮތުގައި އޭޕީއޭއިން ފާހަގަކުރައްވައެވެ.

އެހެންނަމަވެސް ގޭމު ކުޅުމުގެ ސަބަބުން ކުދިންނަށް ބައެއް ފައިދާވެސް ކުރެއެވެ. ކުދިންގެ އުޅުމާއި ގުޅޭ ގޮތުން ދިރާސާކުރައްވާ ހާވާޑް މެޑިކަލް ސްކޫލްގެ އެސިސްޓެންޓް ކްލިނިކަލް ޕްރޮފެސަރ ސައިކްއޭޓްރީ ޗެރީ ކޭ. އޯލްސަން ވިދާޅުވީ ކުދިންގެ ސިކުނޑި ހެދިބޮދުމުގައި ކުދިންގެ އުމުރާއި ގުޅޭ ގޭމު ކުޅުމުގެ ސަބަބުން މައްސަލަ ޙައްލުކުރުމަށް ކުދިންގެ ސިކުނޑި މަސައްކަތްކުރާކަމަށެވެ. މިއީ ދިރިއުޅުމުގެ ހުރިހާ މައިދާނަކަށްވެސް ނުހަނު މުހިއްމު ހުނަރެކެވެ. މީގެއިތުރުން އިންސާނީ ތާރީޚާއި ގުޅުންހުރި ބައެއް ގޭމުތަކުގެ ސަބަބުން ތާރީޚާއި ޘަޤާފަތް ދަސްކުރުމަށް ކުދިންގެ ޝައުގުވެރިކަން އިތުރުވެއެވެ. ބައެއް ގޭމުތަކަކީ އޭގެ ސަބަބުން ކުދިންނަށް އާ ހުނަރު ދަސްވާ ގެމުތަކަށްވާއިރު ބައެއް ގޭމުތަކުގެ ސަބަބުން ކަންކަމުގައި އިސްނެގުމާއި މީހުންނާއި އެކު މަސައްކަތްކުރާނެ ގޮތުގެ ހުނަރުވެސް ދަސްވެގެންދާކަމަށް ޗެރީ ވިދާޅުވެއެވެ.

ލޮކްޑައުންގައި ގޭމު ކުޅުމާއި ސްމާޓް ފޯނާއި ސްކްރީންގައި ކުދިން ހޭދަކުރާ މިންވަރުވަނީ އިތުރުވެފައެވެ. މިދަނޑިވަޅުގައި ކުދިން ސްކްރީންގައި ހޭދަކުރާ ވަގުތާއި ގޭމު ކުޅުމުގައި ހޭދަކުރާ ވަގުތާއި ކުޅޭ ގޭމުތަކާއި އޭގެއިން ނިކުންނަ ނަތީޖާ ބެލުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ މައިންބަފައިންނަށް އިރުޝާދު ދެމުންނެވެ. އަދި ކުދިންގެ އުފެއްދުންތެރިކަމާއި ހުނަރުތައް ދެނެގަތުމަށް މިވަގުތުގެ ބޭނުންކުރުމަށްވެސް ކަމާބެހޭ ފަރާތްތަކުން އަންނަނީ ލަފާދެއްވަމުންނެވެ.